ގައުމީ އަންހެން ފުޓުބޯޅަ ޓީމަށް ކޯޗުކޮށްދިން ޖަޕާނުގެ ރިއޯ ނައޯކޯ ކަވަމޯޓޯ ނެތްތަން ފޫބެއްދުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް އެފްއޭއެމްގެ ނައިބު ރައީސާ އައިޝަތު ނާޒިމާ ވިދާޅުވެއްޖެ އެވެ.
ފާއިތުވެދިޔަ ތިން އަހަރު ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ކޯޗްކޮށްދީފައިވާ ރިއޯ ނަވަކޯ ކަވަރމޯޓޯއަކީ ޖަޕާން ފުޓްބޯޅަ އެސޯސިއޭޝަންގެ އެހީގެ ދަށުން ރާއްޖޭގައި މަސައްކަތްކަތް ކުރަމުން އައިސްފައިވާ ކޯޗެކެވެ. ތިން އަހަރު ރާއްޖޭގައި މަސައްކަތް ކުރުމަށް ފަހު، އޭނާ ވަނީ އެނބުރި ގައުމަށް ގޮސްފަ އެވެ.
ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނާޒިމާ ވިދާޅުވީ އޭނާއަކީ ކުޅުންތެރިންނާ ގާތް ގުޅުމެއް އޮންނަ ރާއްޖޭގެ ފުޓުބޯޅަ އަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއް ކަމަށެވެ.
ނާޒިމާ ވިދާޅުވީ ރިއޯ ކޯޗު ނެތްކަމުގައިވީ ނަމަވެސް އަންހެން ޓީމަށް އިތުރު ކޯޗަކާއި ޓެކްނިކަލް ސްޓާފުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެން ކަމުން އަންހެން ޓީމަށް އިރުޝާދު ދިނުމަށް ދިވެހި ކޯޗެއް އައުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ކޯޗް ކޮށްދީފައިވާ ރިއޯ ކޯޗްކަމުގެ ދަށުން ރާއްޖޭގެ ޓީމް މިހާތަނަށް ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ މިއަހަރު ކުރީކޮޅުގައި ބޭއްވުނު އަންހެން ސާފް ޗެންޕިއަންޝިޕްގެ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ޓީމް ދަތުރުކުރުމެވެ. އަދި ސާފް ޗެންޕިއަންޝިޕްގެ ކުރިން ރާއްޖޭގެ ޓީމް ޔޫއޭއީއަށް ކުރި ކޭމްޕްގައި ވަނީ އެގައުމާ ވާދަކޮށް އެއް ލަނޑު ސުން ލަނޑުން މޮޅުވެފަ އެވެ.
ޖަޕާން ސަރުކާރުގެ އެހީގެ ދަށުން 2014 ވަނަ އަހަރު ކޯޗް ރިއޯ އެންމެ ފުރަތަމަ ރާއްޖެއައިސްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި 2016 ވަނަ އަހަރުވަނީ އެއްބަސްވުން ހަމަވެ، އިތުރު އެއް އަހަރު ދުވަހުގެ މުއްދަތަށް އެއްބަސްވުން އާކޮށްފަ އެވެ.