Advertisement
ކ. މާލެ
|
22 މާރޗް 2017 | ބުދަ 20:28
ހ. ތެމާގައި ނަގާފައި ހުރި ގައުމީ ދިދަ
ހ. ތެމާގައި ނަގާފައި ހުރި ގައުމީ ދިދަ
މުހައްމަދު ޝަރުހާން
ޕީޕީއެމް
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި
ދިދަ ބާލައި އޮފީހާއި ވަނީ ހަވާލު ކޮށްފައި

ހ. ތެމާގައި ހިންގަމުންދާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، މައުމޫން ޢަބްދުލް ޤައްޔޫމްގެ އޮފީހުގައި ނަގާފައި ހުރި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ފުލުހުން ނަގައިފިއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ސެކެޓްރީ ޖެނެރަލް، ޢަބްދުލް އަލީމް އާދަމް ވިދާޅުވީ، ހޯމް މިނިސްޓްރީއިން ނެރެފައިވާ ދިވެހި ދިދަ ބޭނުން ކުރުމުގެ އާ އުޞޫލާއި ހަވަލާދީ، ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ނަގާފައިވާ ދިވެހިރާއްޖޭގެ ޤައުމީ ދިދަ، އެގޮތައް ނުނެގޭނެ ކަމަށް ބުދަ ދުވަހު މެންދުރު ފަހު ފުލުހުން އެ އޮފީހަށް ގޮސް ދިދަ ނެގުމަށް އެންގި ކަމަށެވެ.

 

އެވަގުތު އެއްވެސް އިސް ބޭފުޅަކު އޮފީހުގައި ވަޑައިގެން ނެތުމުން ފުލުހުން ބޭނުންވާ ނަމަ އަލިއްލައަށް ދިދަ ނެގުމަށް އެންގުމުން ދިދަ ބާލައި އޮފީހާއި ހަވާލު ކޮށްފައިވާ ކަމަށް އަލީމް ވިދާޅުވިއެވެ.

 

މިކަމާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް ރާއްޖެ އެމްވީން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

 

މިހިނގާ މާރޗް މަހުގެ 10 ވަނަ ދުވަހު ވެސް ފުލުހުންވަނީ ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނުނެގޭނެ ކަމަށް އަންގާފައެވެ.

 

މީގެ އިތުރުން އެ ދިދަ ތިރިކުރުމަށްޓަކައި ޕީޕީއެމްގެ ރައީސްގެ އޮފީސް ހުޅުވައިދިނުމަށް ފުލުހުން އެދުމުން، ރައީސް މައުމޫން އެވަގުތު ރާއްޖޭގައި ނެތުމާއި، ފުލުހުން އޮފީސް ހުޅުވައިދިނުމަށް އެދުނީ ރަސްމީ ގަޑީގައި ނޫންކަމުން، އޮފީސް ހުޅުވައި ނުދެވޭނެކަން ފުލުހުންނަށް އޭރު ވަނީ އަންގާފައެވެ.

 

އެކަމާއި ގުޅިގެން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ކުރިން ވިދާޅުވެފައިވަނީ ދިވެހި ގައުމީ ދިދައަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ލިބިގެންވާ އެއްޗެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް