ދިވެހި މަސްވެރިކަމުގެ ޞިނާޢަތުގައި މަހާއި މަހުން ތައްޔާރުކުރާ ބާވަތްތައް އިތުރުކޮށް މަތީ އަގު ލިބޭ ބާވަތްތައް އުފައްދާ ޖަމާއަތެއްގެ ގޮތުގައި އެ ބާވަތްތައް މާކެޓްތަކަށް ބޭނުންވާ ގޮތަށް ތައްޔާރުކުރުމުގެ މަޤްޞަދުގައި "ވިޔަފާރީގެ އުޞޫލުން އަގު އެއްކުރި މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުން" ގެ ނަމުގައި ތަމްރީން ޕްރޮގްރާމުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ތަމްރީން ޕްރޮގްރާމުގެ މަޤްޞަދަކީ ރަށްރަށުގެ އަމިއްލަ ފަރުދުންނާއި އަމިއްލަ ޖަމާޢަތްތަކާއި ޖަމްޢިއްޔާތައް މެދުވެރިކޮށް ރަށު ފެންވަރުގަ އާއި އަދި އަތޮޅު ފެންވަރުގައި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ، އެފަދަ އުފެއްދުންތައް ގަންނަ ފަރާތްތަކާ ހަމަޔަށް ފޯރުކޮށްދިނުމަށް އެ ފަރާތްތައް އަޙުލުވެރި ކުރުވުން ކަމަށެވެ. އަދި މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިއަރީ ސެޝަންތަކަކާއި ޢަމަލީ މަސައްކަތް ތަކެއްގެ މައްޗަށް ބަހާލައިގެން ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަންތައްތަކަކީ:
- މަހުގެ ބާވަތްތައް ފެންވަރު ރަނގަޅުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން
- މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމުގައި ގެންގުޅެންޖެހޭ ރައްކާތެރި މިންގަނޑުތައް
- ލޭބަލްކުރުމާއި ބަންދުކުރުން
- މަސްވެރިކަމުގެ ކުދި ވިޔަފާރިއެއް ހިންގާ ބަލަހައްޓަނެގޮތް
- މަސްވެރިކަމުގެ ކުދި ވިޔަފާރި ހިންގުމުގައި ފައިސާ ބަލަހައްޓާނޭގޮތް
- އަގު އެއްކުރި މަހުގެ އުފެއްދުންތައް އުފައްދާ ބަންދުކޮށް މާރކެޓް ކުރާނެ ގޮތް
- އަގުއެއްކުރި މަހުގެ އުފެއްދުންތައް އުފެއްދުމުގެ އަމަލީ މަސައްކަތް
ފިޝަރީޒް މިނިސްޓްރީން ބުނީ މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރާފަރާތްތަކާއި ދެ ޖިންސުގެ ޒުވާނުން / މަހުގެ އުފެއްދުން ތައްޔާރުކުރުމަށް ބޭނުންފުޅުވާ އެންމެހާ ފަރާތްތަކަށް ކަމަށެވެ. އަދި މި ޕްރޮގްރާމަށް ޝަރުތު ހަމަވާ ފަރާތްތަކަކީ ވިޔަފާރީގެ ދާއިރާއަށް ނިކުތުމަށް ބޭނުންވާ ޒުވާނުންނާއި މަހުގެ ތަފާތު އުފެއްދުން ތައްޔާރުކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން އުމުރުން 18 އަހަރުވެފައިވާ މީހުންނަށް ކަމަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 27 ގެ ކުރިން ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ ފޮނުވަންޖެހެއެވެ.