Advertisement
ކ. މާލެ
|
22 މާރޗް 2017 | ބުދަ 19:04
މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު
މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު
ޕީޕަލް މެގަޒިން
އެކައުންޓް ފްރީޒްކުރުން
ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި
އެކައުންޓްތައް ފްރީޒްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު
ހއ. އަލިދޫ އާއި ހއ. ބީނާފުށީގެ ކުއްޔާއި ޓެކްސްގެ މައްސަލައިގައި
އެކައުންޓްތައް ފްރީޒްކުރީ މައްސަލަ ކޯޓުގައި އޮއްވާ

މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނީގެ ހުރިހާ ބޭންކް އެކައުންޓްތަކެއް ފްރީޒް ކޮށްފި އެވެ.

 

ޔޮޓް ޓުއާސް ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ އެކައުންޓްތައް ފްރީޒްކުރީ ހއ. އަލިދޫ އާއި ހއ. ބީނާފުށީގެ ކުއްޔާއި ޓެކްސްގެ މައްސަލައިގައި ކަމަށެވެ. އެ މައްސަލައަކީ މިހާރު ވެސް ކޯޓުގައި އޮތް މައްސަލައެއްކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ ކޯޓުގައި މައްސަލަ ހިނގަމުންދަނިކޮށް އެގޮތަށް އެކައުންޓްތައް ފްރީޒް ނުކުރެވޭނެ ކަމަށެވެ.

 

ޖާބިރު ވިދާޅުވީ ކޯޓުގައި ހިންގަމުންދާ މައްސަލަތަކުގައި އެފަދަ ކަމެއް ކުރަންވާނީ ކޯޓުން ފައިސަލާކުރަނިވި ހުކުމެއް ނެރުމުން ކަމަށެވެ. ޖާބިރު ވިދާޅުވީ ރާއްޖެއިން މިހާރު ފެންނަނީ ޓޫރިޒަމް މިނިސްޓަރުގެ ފޯން ކޯލަކުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ވިޔަފާރިވެރިންގެ ކުންފިތަކުގެ އެކައުންޓް ފްރީޒް ކޮށްލަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އެދޭތަން ކަމަށާއި އެތައް ސަތޭކަ މުވައްޒަފުންނެއް ގެންގުޅޭ ކުންފުނިތަކުގެ އެކައުންޓް ފްރީޒްކޮށްލުން އެހާ ފަސޭހަ ކަމަކަށް ހަދާފައިވާ ކަމަށެވެ.

 

ޖާބިރު ވިދާޅުވީ އެކައުންޓްތައް ފްރީޒްކުރީ ސަރުކާރާ ދެކޮޅަށް އޭނާ މަސައްކަތް ކުރައްވަން ފެއްޓެވުން ކަމަށެވެ. ނަމަވެސް، ހުރިހާ އެންމެންނަކީ އެއް ވިސްނުމުގެ ބައެއް ކަމަށް ބަލައިގެންނުވާނެ ކަމަށާއި ޑިމޮކްރަސީއަކީ ތަފާތު ވިސްނުންތަކުގެ ތެރޭގައި އުޅުން ކަމަށް ޖާބިރު ވިދާޅުވި އެވެ.

 

އޭނާ ވިދާޅުވީ ހަމައެކަނި ބޮޑުމޮހޮރާގެ މައްސަލައަށް ބަލައިލުމުން ވެސް ސަރުކާރުން ޖުޑިޝަރީގެ ތެރެއަށް އަތް ބާނާފައި މިންވަރު ހާމަވާ ކަމަށެވެ. އެގޮތުން އެ ރަށުގެ މައްސަލަ ނިންމި ގާޒީގެ ވިލާޔަތު ގެއްލުވާލައި، ގާޒީކަން ނުކުރެއްވެވޭ ގޮތް ހަދާފައިވާކަން ޖާބިރު ފާހަގަކުރެއްވި އެވެ.

 

ޖާބިރު ވިދާޅުވީ އޭނާގެ އަތުން ވެސްޓް ޕާކާއި، ހިންމަފުށީ ބޯޓްޔާޑް އަތުލައި، މުޅި ވިޔަފާރި އެއްކޮށް ފުނޑުފުނޑު ކޮށްލަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރާ ޚިޔާލު ތަފާތުވާ ހުރިހާ ވިޔަފާރިންގެ މުދާ އަތުލައި މާލީ ގެއްލުންތައް ދެމުންދާ ކަމަށެވެ.

 

ޖާބިރު ވިދާޅުވީ އެކައުންޓްތައް ފްރީޒްކޮށް، ހުރިހާ މުދަލެއް އަތުލިޔަސް ދެން ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.

 

މިކަމާ ބެހޭ ގޮތުން އެމްއެމްއޭގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް