Advertisement
ކ. މާލެ
|
15 ޖެނުއަރީ 2020 | ބުދަ 14:42
ސ ފޭދޫ އާސްތާނާ އަހުމަދު ފައްތާހް
ސ ފޭދޫ އާސްތާނާ އަހުމަދު ފައްތާހް
1 ފެބްރުއަރީ
1 ފެބްރުއަރީގެ ބޮޑު އަމުރަށްފަހު ސިފައިންގެއިން ވަކިކުރި ފައްތާހަށް އަލުން ވަޒީފާ ދިނުމަށް ހުކުމްކޮށްފި
1 އަހަރު ދުވަހުގެ މުއްދަތަށް މުސާރައާއި އިނާޔަތްތައް ދިނުމަށް ހުކުމްކޮށްފައިވޭ
އެކަމަށް ޝަރީއަތުންވެސް އިޤުރާރު ވެފައިވާކަމަށް ހުކުމުގައި ބުނެފައިވޭ
ފައްތާހު ހައްޔަރުކޮށް ވަޒީފާއިން އޭރު ވަކި ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން

1 ފެބްރުއަރީގެ ބޮޑު އަމުރަށްފަހު ސިފައިންގެއިން ވަކިކުރި މީހުންގެ ތެރޭގައި ހިމެނޭ ސ ފޭދޫ އާސްތާނާ އަހުމަދު ފައްތާހަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ބުދަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ ފައްތާހުގެ ފަރާތުން ދައުލަތަށް ރައްދުވާގޮތަށް މިނިސްޓްރީ އޮފް ނޭޝަނަލް ޑިފެންސް ފޯސްއާއި ދެކޮޅަށް ހުށައަޅާފައިވާ މައްސަލައިގައި ފައްތާހު އަދާ ކުރަމުން ގެންދިޔަ ވަޒީފާ އަނބުރާ ދިނުމަށާއި، 1 އަހަރު ދުވަހުގެ މުއްދަތަށް މުސާރައާއި އިނާޔަތްތައް ދިނުމަށް ދައުލަތުގެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.

އަދި އެކަމަށް ޝަރީއަތުންވެސް އިޤުރާރު ވެފައިވާކަމަށް ހުކުމުގައި ބުނެފައިވެއެވެ.

އެގޮތުން ޤާނޫނާއި ޚިލާފަށް ފައްތާހު ވަޒީފާއިން ވަކިކޮށްފައިވާތީ އެކަމުގެ އަދުލުވެރި ބަދަލެއްގެ ގޮތުން 2016 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 8 ވަނަ ދުވަހުން ފެށިގެން 1 އަހަރުގެ މުއްދަތަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ 183،720 (އެއްލައްކަ އައްޑިހަ ތިންހާސް ހަތްސަތޭކަ ވިހި) ރުފިޔާއާއި، އެ މުއްދަތުގެ ތެރޭގައި ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ދިނުމަށް ހުކުމް ކޮށްފައިވެއެވެ. އަދި އެ ފައިސާ ހުކުމް ކުރާ ތާރީޚުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރަން ޖެހޭނެ ކަމަށާއި، ފައްތާހު އެމްއެންޑީއެފްގައި އޭރު އަދާކުރަމުންދިޔަ ކޯޕްރަލްގެ ވަޒީފާ ބުދަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އަނބުރާ އިޔާދަކޮށްދިނުމަށްވެސް ހުކުމުގައި ވަނީ ބުނެފައެވެ.

Advertisement

ފެބްރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުގެ އަމުރަށް ފަހު، ސަރުކާރުން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އޭރު ފައްތާހު ހައްޔަރުކޮށް ވަޒީފާއިން ވަކިކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އެގޮތުން ފައްތާހުއާއެކު އޭރު ސިފައިންގެ އެސްޕީޖީގައި ކުރިން މަސައްކަތްކޮށްފައިވާ ސިމާދު އަހުމަދާއި، އަހުމަދު ޝާނީޒްވެސް ހައްޔަރުކޮށް ވަޒީފާއިން ވަކި ކުރިއެވެ.

އޭގެ ތެރެއިން ސިމާދާއި، ޝާނީޒުގެ ވަޒީފާ އަނބުރާ ދިނުމަށް ސިވިލް ކޯޓުން މީގެ ކުރިން ވަނީ ހުކުމް ކޮށްފައެވެ. އެގޮތުން މި ފަރާތްތަކުން ވަޒީފާ އިއާދަކޮށްދޭން އެދި ކޯޓަށް މައްސަލަ ހުށަހެޅީ، އާ ސަރުކާރުން ވެރިކަމާ ހަވާލުވުމާ އެކު، މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.

ވަޒީފާ ގެއްލިފައިވާ ދުވަސްވަރު ސިމާދު އާއި ޝާނީޒް އަދި ފައްތާހް ރިޔާސީ އިންތިހާބުގެ ދުވަސްވަރު މަސައްކަތްކުރީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަމިއްލަ ބޮޑީގާޑުންގެ ގޮތުގައެވެ.

ފައްތާހުއާއި ޝާނީޒު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން މެޑަމް ލައިލާ އަލީގެ ބޮޑީގާޑުކަންވެސް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް