ނިމިދިޔަ 2019 ވަނަ އަހަރު ޝަރުއީ ކޯޓުތަކުގެ ކޭސް ކްލިއަރަންސް ރޭޓަކީ 103.5 އިންސައްތަ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހާމަކޮށްފިއެވެ.
ޑީޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަތީ މަރުހަލާގެ ކޯޓުތަކާއި ސުޕީރިއަރ ކޯޓުތަކުގެ ކޭސް ކްލިއަރަންސް ރޭޓަކީ 103.5 އިންސައްތަ ކަމަށެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ކްލިއަރަންސް ރޭޓަކީ 100.1 އިންސައްތައެވެ. ޝަރުއީ ކޯޓުތަކުގެ މަސައްކަތް މިންކޮށް ވަޒަންކުރަން ގެންގުޅޭ "ކޭސް ކްލިއަރަންސް ރޭޓް" ކަނޑައަޅަނީ އެއަހަރުގެ ތެރޭގައި ހުށައެޅުނު މައްސަލަތަކާއި، އެއަހަރުގެ ތެރޭގައި ނިންމި މައްސަލަތައް އަޅާ ކިޔުމަށް ފަހުގައެވެ.
އެގޮތުން 2019 ވަނަ އަހަރު މަތީ މަރުހަލާ ކޯޓުތަކާއި ސުޕީރިއަރ ކޯޓުތަކަށް ހުށައެޅުނު 10361 މައްސަލައަކާއި، 2018 ވަނަ އަހަރު ނިމުނުއިރު ނުނިމި ހުރި މައްސަލަތަކުގެ ތެރޭގައި ހިމެނޭ 5862 މައްސަލައެއް ހިމެނޭގޮތަށް، ޖުމްލަ 16233 މައްސަލައެއް ހިންގާފައިވެއެވެ. މީގެ ތެރެއިން 10724 މައްސަލައެއް ވަނީ ނިންމާފައެވެ. މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު 8.6 އިންސައްތައިގެ ކުރިއެރުމެކެވެ.
މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު 2019 ވަނަ އަހަރު އަލަށް ޖުމްލަ 10624 މައްސަލަ ވަނީ ހުށަހެޅިފައެވެ. 2018 ވަނަ އަހަރު މެޖިސްޓްރޭޓް ކޯޓުތަކުގައި ނުނިމި ހުރި 4284 މައްސަލައާއިއެކު، ޖުމްލަ 14908 މައްސަލަ 2019 ވަނަ އަހަރު މެޖިސްޓްރޭޓް ކޯޓުތަކުގައި ހިންގާފައިވެއެވެ. މީގެ ތެރެއިން 10634 މައްސަލަ ވަނީ ނިންމާފައެވެ. މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު، 0.5 އިންސައްތައިގެ ކުރިއެރުމެކެވެ.
ވޭތުވެ ދިޔަ އަހަރަކީ ޝަރުއީ ދާއިރާއަށް އެކި ގޮތްގޮތުން ކާމިޔާބީތައް ހާސިލްކުރެވުނު އަހަރެއްކަން ޑީޖޭއޭގެ ބަޔާނުގައި ވެއެވެ. ހޯދުނު ކާމިޔާބީތަކުގެ ތެރޭގައި "އަދުލު އިންސާފު ހޯދުމުގެ މަގު ފަސޭހަ ކުރުމަށާއި އަދުލުއިންސާފުގެ އަވަސްކަމާއި އޭގެ ކޮލިޓީމަތިކުރުމަށާއި، އަދުލުއިންސާފު ފޯރުކޮށްދޭ އިދާރާތަކުގެ ގަވަނަންސްއާއި ޖަވާބުދާރީވުން ހަރުދަނާ ކުރުމަށާއި ފަނޑިޔާރުންނާއި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް އަދި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ މަސްއޫލު އިދާރާތަކުގެ ގުޅުން ވިލަރެސްކޮށް، ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް" ކުރެވިފައިވާ ކަމަށް ޑީޖޭއޭއިން ވަނީ ފާހަގަކޮށްފައެވެ.
ޑީޖޭއޭގެ މިއަހަރުގެ އަމާޒަކީ ޝަރުއީ ދާއިރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ ހަލުވި ވެގެންދާނެ އަހަރަކަށް ހެދުމެވެ. އަދި އަދުލު އިންސާފުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، މަސައްކަތްތައް ހަލުވިކުރުމަށް މައްސޫލުވެރިން ގުޅިގެން ކުރާ މަސައްކަތުގައި ބަރަކާތްތަލައްވާ، އިތުރު ކާމިޔާބީތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ޑީޖޭއޭއިން ބުނެފައިވެއެވެ.