ކަޝްމީރުގެ ހަނގުރާމެވެރި ޖަމާއަތެއް ކަމަށްވާ ހިޒްބުލް މުޖާހިދީންގެ އިސް ދެ ހަނގުރާމަވެރިން ޖައްމޫ ކަޝްމީރަށް އެތެރެ ކޮށްދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޖައްމޫ ކަޝްމީރްގެ ޕޮލިސް ޑެޕިއުޓީ ސުޕްރިޑެންޓް ދަވިންދަރް ސިންހްގެ މައްސަލަ ތަހްގީގުކުރަން ފަށައިފިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ދަވިންދަރް ސިންހް ހައްޔަރު ކޮށްފައިވަނީ މި ހިނގާ މަހުގެ 11 ވަނަ ދުވަހު ޖައްމޫ ކަޝްމީރުގެ ކުލްގަމް ޑިސްޓްރިކްޓްގެ ޖަވާހަރް ޓަނެލްގެ ކުރިން އޮންނަ މިރްޒް ބާޒަރް ސަރަހައްދުންނެވެ.
ފުލުހުން ހުއްޓުވި ކާރު ތެރޭގައި ސިންހް، ހިޒްބުލް މުޖާހިދީންގެ ދެ ހަނަގުރާމަވެރިން ކަމަށްވާ ނަވީދް ބާބޫ އާއި އާސިފް ހުރި ކަމަށް ފުލުހުން ބުންޏެވެ. ބާބޫ އަށް ތުހުމަތު ކުރެވެނީ ކަޝްމީރުގެ ބޭރުގައި 11 މީހަކު މަރާލި ހާދިސާގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.
ފުލުހުންގެ ތަހްގީގަށް ދަވިންދަރް ވިދާޅުވެފައިވަނީ، އޭނާއާ ހިޒްބުލްގެ ހަނގުރާމަވެރިންނާ އެއްވެސް ގުޅުމެއް ނުވާ ކަަމަށާއި، އެމީހުން ގޮވައިގެ ދިޔައީ ހައްޔަރު ކުރުމަށް ކަމަށެވެ.
ބައެއް މަސްދަރުތައް ބުނާ ގޮތުން ހަނގުރާމަވެރި ޖަމާއަތުން ވަނީ ދަވިންދަރް އަށް އެ މީހުން ގެންގޮސް ދިނުމަށް 1.2(އެކެއް ޕޮއިންޓް ދޭއް މިލިއަން) ރުޕީސް ދީފައެވެ. ފުލުހުން ވަނީ ސްރިނަގާރް ގައި ހުންނަ ދެވިންދަރްގެ ގެއިން އެކޭ 47 ގެ ރައިފަލް އާއި ދެ ފިސްތޯލު ހޯދާފައެވެ.