މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކޮށް ތިބި ކުދިންގެ ތެރެއިން 18 އަހަރު ނުފުރޭ ކުދިންނަށް މީސްލްސް ވެކްސިން ދިނުމުގެ ކަންކަން ދަމަނަވެށިން ހަމަޖައްސައިފި އެވެ.
ދަމަނަވެށިން ބުނީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:15 އިން ހަވީރު 5:00 އާ ހަމައަށް ވެކްސިން ޖަހައިދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ވެކްސިން ޖަހަން އަންނައިރު ކުއްޖާގެ އައި.ޑީ ކާޑު އަދި ވެކްސިން ފޮތް ގެންނަންވާނެ ކަމަށެވެ. ވެކްސިން ފޮތް ނެތްކުދިންނަށްވެސް އައިޑީ ކާޑު ގެނައުމުން ވެކްސިން ޖަހައިދޭނެކަމަށް ދަމަނަވެށިން ބުނެއެވެ.
ވެކްސިން އަށް އަދި ވެކްސިން ޖެހުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެކަމަށްވެސް ދަމަނަވެށިން ބުނެއެވެ. އަދި މީސްލްސްއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ހެލްތު މިނިސްޓްރީގެ ހޮޓްލައިން 7377004 އަށް ގުޅުމަށް ވެސް ވަނީ އެދިފައެވެ.
ރާއްޖެއިން ނައްތާލިކަން އިއުލާނުކޮށްފައިވަނިކޮށް މީސްލްސް ފެނުމާ ގުޅިގެން ސަރުކާރުން ވަނީ، މީސްލްސް ވެކްސިންގެ ޑޯޒް ފުރިހަމަނުކޮށް ތިބި ކުދިންނާއި މީހުންނަށް ވެކްސިން ދޭން ނިންމާފައެވެ. އޭގެ އިތުރުން މީސްލްސް ފެނުނުކަމަށް ހުޅުމާލެ އިން ޝައްކުކުރެވޭ ސަރަހައްދުގެ މީހުންނަށް ވެސް ވެކްސިން ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
މީސްލްސް ޖެހިފައިވާކަން މިހާތަނަށް އިއުލާނުކޮށްފައިވަނީ ތިން އަހަރުގެ ފިރިހެން ކުއްޖަކާއި 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ ފިރިހެން ކުއްޖާ ފުރިހަމަކޮށްފައިވަނީ އުމުރުން ހަ މަހާ ހަމައަށް ޖަހަންޖެހޭ ވެކްސިންތަކެވެ. ނުވަ މަހުގައި ޖަހަން ޖެހޭ މީސަލްސް ރުބެއްލާ އާއި 18 މަހުގައި ޖަހަން ޖެހޭ އެމްއެމްއާރު ވެކްސިން ނުޖަހާކަމަށް ވެއެވެ.
މިބަލީގެ އާންމު ނިޝާންތަކާއި އަލާމާތްތަކުގެ ތެރޭގައި، ހުން އައުމާއި ހިކިކޮށް ކެއްސުމާއި ނޭފަތުން ފެން/އަރިދަފުސް ފޭބުމާއި ކަރުގައި ރިއްސުން އަދި ލޯ ދުޅަވެފައި ހުރުން ހިމެނެ އެވެ.