ލޮލުގެ ޚާއްޞަ ފަރުވާދޭ "ޑރ. އެން.ޑީ. ޢަބްދުﷲ ޢަބްދުލްޙަކީމް އޮފްތަލްމޮލޮޖީ ސެންޓަރ" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.
ހޯމަ ދުވަހު މި ސެންޓަރު ހުޅުވާފައިވާއިރު މި ސެންޓަރަކީ ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ސެންޓަރެކެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ލޮލުގެ ޚިދުމަތް ފެއްޓެވި ދިވެހި ޑޮކްޓަރުގެ ނަމުން ނަންދެވިފައިވާ ސެންޓަރެކެވެ.
ލޮލުގެ ބަލިތަކަށް ފަރުވާދޭ ޚާއްސަ ސެންޓަރަކީ ރާއްޖޭގައި ލޮލުގެ ބަލިތަކަށް ދެވޭ ފަރުވާ ހަރުދަނާކޮށް، ޚިދުމަތްތައް ފުޅާކުރުމަށް ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ސެންޓަރެކެވެ.
މި ސެންޓަރަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު 2019 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ޤާއިމްކުރެވުނު ސެންޓަރެކެވެ. މި ސެންޓަރު ޤާއިމު ކުރުމަށްޓަކައި 11.1 މިލިޔަން ދިވެހި ރުފިޔާގެ އިކުއިޕްމަންޓް އާއި ބޭސް ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ހަދިޔާ ކޮށްފައިވެއެވެ. އަދި ޗައިނާގެ ތަޖުރިބާކާރު ލޮލުގެ ފަރުވާއަށް ޚާއްޞަ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން މިމަރުކަޒުގައި މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ތަނުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ޗައިނާގެ އެހީގައި ދިވެހި ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރާގޮތަށްވެސް ހަމަޖެހިފައިވެއެވެ.
ލޮލުގެ ޚާއްޞަ ފަރުވާތައް ދިނުމާ ބައެއް އޮޕަރޭޝަންތައް ކުރުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާ މި ސެންޓަރ ހުޅުވުމާއި ދިމާކޮށް ޗައިނާ ސަރުކާރާއި ޒޮންގްޝަން އޮފްތަލްމިކް ސެންޓަރާއި ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ޚާއްޞަ ކޭމްޕެއް ހިންގާފައިވެއެވެ. މިމަހުގެ 8 އިން 11 އަށް ހިންގި މި ކޭމްޕުގައި 75 ސާޖަރީ ހަދާފައިވާއިރު މުޅި ޖުމްލަ 571 ބަލި މީހުން މި ކޭމްޕްގެ ތެރޭގައި ބަލާފައިވެއެވެ.