ގްރޭޒް އެނެޓޮމީގެ ޑރ. އެލެކްސް ކަރޭވްގެ ރޯލުން ފެނިގެންދިޔަ ޖަސްޓިން ޗެމްބަރސް، އެ ޑްރާމާ ސީރީޒް ދޫކޮށްލައިފިކަން ހާމަކޮށްފިއެވެ.
ފާއިތުވި 15 އަހަރު، އެކްސްގެ ރޯލުން ފެނިގެންދިޔަ ޖަސްޓިން ބޭރުގެ މީޑިއާއަކަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ އޭނާ އެ ސީރީޒް އިން ވަކިވުމަށް ނިންމީ އޭނާގެ އެކްޓިންގް ކެރިއަރަށް އިތުރު ފުރުސަތުތަކެއް ލިބޭނެ ކަމަށް ގަބޫލު ކުރާތީ ކަމަށެވެ. އޭނާ އިތުރަށް ބުނީ، އުމުރުން 50 އަހަރު ފުރޭއިރު، އާއިލާގެ މީހުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންދިޔަ ކަމަށެވެ.
ޖަސްޓިން ޗެމްބަރސް އަކީ އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ގްރޭޒް އެނެޓޮމީގެ އެންމެ ފުރަތަމަ އެޕިސޯޑުން ފަށައިގެން އެ ސީރީޒްއިން ފެންނަ މޫނެކެވެ. އެގޮތުން އޭނާ އެ ސީރީޒްއިން އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެއަރކުރި، އެ ސީރީޒްގެ 350 ވަނަ އިންސްޓޯލްމެންޓުންނެވެ.
އެކި ނޫސްތަކާއި ހަވާލާދީ ހޮލީވުޑް ގޮސިޕްގައި ރިޕޯޓު ކުރާގޮތުން މުސްތަގުބަލުގައި ވެސް އޭނާ އެ ސީރީޒްއިންނެއް ފެނިގންގޮސްދާނެކަމަށް ގަބޫލެއް ނުކުރެއެވެ.
އެންމެ ފުރަތަމަ އެޕިސޯޑުން ފެނިގެންދިޔަ ތަރިންގެ ތެރެއިން އެންމެ ފަހުން އެއަރ ކުރެވުނު އެޕިސޯޑާއި ހަމަޔަށް ތިބީ އެންމެ ތިން ތަރިންނެވެ. އެއީ އެ ސީރީޒްގެ މައިގަނޑު ޝަހުސިއްޔަތު ކަމަށް ވާ މެރިޑެތް ގްރޭގެ ރޯލުން ފެނިގެންދާ އެލެން ޕޮމްޕެއޯ އާއި ޑރ މިރޭންޑާ ބެއިލީގެ ރޯލުން ފެންނަ ޗަންޑްރާ ވިލްސަންއާއި ޑރ ރިޗަރޑް ވެބަރގެ ރޯލުން ފެންނަ ޖޭމްސް ޕިކެންސްއެވެ.