މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ކުޑައިމީސްކޮށް ބަސްބުނުމުގެ އެއްވެސް ފުރުސަތެއް ދިވެއްސަކަށް ނުދޭނެކަމަށާއި އެފަދަ މައްސަލަތައް މިނިސްޓްރީން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންގެންދާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ފާއިތުވެގެންދިޔަ ހަފްތާގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަކުރާ ފަރާތްތައް ދިފާއުކޮށް އެފަދަ ކަންކަމަށް ހިތްވަރުދޭ ވީޑިއޯއެއް އާންމުވުމާއި ގުޅިގެން ގިނަ ފަރާތްތަކަކުން ވަނީ އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރ ވިދާޅުވީ، އެފަދަ މައްސަލަތައް އިސްލާމިކް މިނިސްޓްރީގެ ދީނީ ކަންތައްތަކާ ބެހޭ ސެކްޝަނުން ބަލަމުންދާނެކަމަށާއި ދީނާ ހިލާފު ވާހަކަ ދައްކައި މުޖްތަމައުގެ އަމަންއަމާންކަން ނަގައި ނަފްރަތު އުފެދޭނެފަދަ ވާހަކަ ދައްކަ ފަރާތްތަކުގެ މައުލޫމާތު ހޯދާނެކަމަށެވެ.
ރާއްޖޭގެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްކަން ފާހަގަކޮށް މިނިސްޓަރ ވަނީ މިފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމް ދީނަށް ފުރައްސާރަކޮށް ކުޑައިމީސްކޮށް ބަސްބުނުމުގެ އެއްވެސް ފުރުސަތެއް ދިވެއްސަކަށް ނުދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަބަދުވެސް އިސްލާމިކް މިނިސްޓްރީން ދަނީ ދީނަށް ފުރައްސާރަކުރާ މައްސަލަތައް ފުލުހުންނަށް ތަހުގީގުކުރުމަށް ހުށަހަޅަމުން ކަމަށާއި އެންމެ ފަހުން ދީނީ ހިޔާލުތަފާތުވުން އުފެދޭގޮތަށް މީސްމީޑިއާގައި ދައުރުވި މައްސަލަވެސް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ދީނާއި ހިލާފް ވާހަކަދެއްކުމުގެ ތުހުމަތުގައި އެންމެ ފަހުން ފެންމަތިވެގެން އުޅޭ ކޭސްގައި ހިމެނޭ އަންހެން ކުއްޖާ ވަނީ މީގެ ކުރިންވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކުރެވި، ސުވާލުކުރުމަށްފަހު ދޫކޮށްލާފައެވެ. އޭނާ ހާޒިރުކުރީ ޅ.ނައިފަރު ޕޮލިސް ސްޓޭޝަނަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.