ޓީމަކުން ހޯދާ ކާމިޔާބީގެ އެންމެ އިސްދައުރެއް އަދާކުރާނީ ސަޕޯޓަރުން ކަމަށް ބުނެ ރާއްޖޭގެ ވޮލީ ޓީމަށް ސަޕޯޓްކުރުމަށް ޓީމުގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) ގޮވާލައިފި އެވެ.
މިއަދު ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ކިރިގިސްތާނާ ދެކޮޅަށް ނުކުތުމުގެ ކުރިން ރާއްޖެއެމްވީ އަށް މައުލޫމާތުދެމުން ބަޓިސް ބުނީ މުބާރާތެއްގައި ވާދަކުރާ ޓީމެއްގެ މަސައްކަތަކީ ހަމައެކަނި އެޓީމެއްގެ ކުޅުންތެރިން ކުރާ މަސައްކަތެއް ނޫން ކަމަށާއި އެގޮތުން ޓީމެއްގެ ކާމިޔާބީގެ އަސްލާއި ގުޅިފައި ވަނީ އެޓީމަކަށް އަބަދުވެސް ތަރުހީބު ދެމުން އަންނަ ސަޕޯޓަރުން ކަމަށެވެ.
"ޓީމެއް ނޫނޭ އަސްލު މުބާރާތެއްގައި ހުރިހާ މަސައްކަތެއް ކުރާނީ، ހޯދާ ކާމިޔާބީއެއްގެ ފަހަތުގައި ޓީމުގެ ކުޅުންތެރިންނަށް ވުރެ ބޮޑަށް ސަޕޯޓަރުންގެ ދައުރު މާބޮޑުވާނެ،" ބަޓިސް ބުންޏެވެ.
ބަޓިސް ބުނީ ކާމިޔާބީއެއް ހޯދަން މަސައްކަތް ކުރެވޭނީ ޓީމުގެ ފަހަތުގައި ބަޔަކު ތިބެގެން ކުޅުންތެރިންނަށް ދޭ ހިތްވަރެއްގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ.
އޭވީސީ މުބާރާތުގެ ދެވަނަ އަދި ތިންވަނަ މަގާމު ރާއްޖެއިން ހޯދިއިރު ވެސް އެޓީމުގެ ކެޕްޓަންގެ މަގާމު އަދާކުރި ބަޓިސް ބުނީ އަމިއްލަ ފަސްގަނޑުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މިފަދަ ބޮޑު މުބާރާތެއް ބޭއްވިގެންދާއިރު، އެމުބާރާތެއްގައި ކުޅެލަން ލިބުމަކީ ކޮންމެ ކުޅުންތެރިއެއްގެ ކެރިއަރުގައި ވެސް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.
އަމިއްލަ ގައުމުގައި ބޮޑު މުބާރާތެއް ކުޅެލަން ލިބުމަކީ ދެން މި ކެރިއަރުގައި ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން، ކޮންމެ ކުޅުންތެރިއެއްގެ ވެސް ކެރިއަރުގައި މީ ބޮޑު ދުވަހަކަށް ވާނީ، އެހެންވީމަ ސަޕޯޓަރުންނަށް ވެސް ހަމަ މިފުރުސަތު އެބައޮތް ޓީމަށް ސަޕޯޓް ކުރުމުގައި،" ބަޓިސް ބުންޏެވެ.
މި މޭރުމުން ވާހަކަ ދައްކަމުން ބަޓިސް ވަނީ ރާއްޖެ މި މުބާރާތުގައި ކުޅޭ ކޮންމެ މެޗެއްގައި ވެސް ވީހާވެސް ގިނަ ފަރާތްތަކަކުން ޓީމަށް ސަޕޯޓް ކުރުމަށް ޒުވާނުންގެ މަރުކަޒަށް އައިސްދިނުމަށް އެދިފަ އެވެ.