މިއަހަރަކީ، ރާއްޖޭގައި ހިނގާ ހުރިހާ ޝަރީޢަތެއް ޢާންމުންނަށް ހުޅުވާލައިގެން ބޭއްވޭ އަހަރުކަމަށް ހެދުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާކަމެއް ކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޕީޖީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަސައްކަތް އެމަގަށް ހިންގުމަށްޓަކައި ޕީޖީ އޮފީހުން ދޭންއޮތް ހުރިހާ އެއްބާރުލުމެއް ދޭނެކަމަށެވެ. މީގެއިތުރުން ޕީޖީ ވިދާޅުވީ އިތުބާރު ކުރެވޭނީ ހާމަކަން ބޮޑުކޮށްގެން ކަމަށެވެ. ސިއްރުކުރަން ޤާނޫނުގައި ހުރި މައްސަލަ ފިޔަވައި، ޝަރީޢަތަށް ވަންނަން ވަކި ވަގުތެއްގެ ކުރިން ފޯރމު ފުރުމާއި ވަނުމަށް ފަހު ނުނިކުމެވުން ފަދަ ކަންކަން ނުވާނެ ގޮތަކަށް އިދާރީ ލުއިތަކެއް އޮންނަންޖެހޭ ކަމަށްވެސް ޕީޖީ ވިދާޅުވި އެވެ.
އަދި ނޫސްވެރިންނަށްވެސް އެމީހުންގެ އަމިއްލަ ނޯޓު ފޮތް ވެއްދެން ޖެހޭ ކަމަށްވެސް ޕީޖީ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ރާއްޖޭގައި މިހާރު ކުރިޔަށްދާ ޝަރީޢަތްތަކުގެ ތެރެއިން ބައެއް ޝަރީޢަތްތައް ކުރިޔަށްދަނީ ޢާންމުންނަށް ހުޅުވާނުލައެވެ. އަދި ޢާންމުން ވަނުމަށް ވަކި ގަޑިއެއްގެ ކުރިން ނަން ނޯޓުކުރަން ޖެހޭއިރު ނޫސްވެރިންވެސް ޝަރީޢަތްތައް ކަވަރުކުރުމަށް ވަކި ގަޑިއެއްގެ ކުރިން ނަން ނޯޓުކުރަން ޖެހެއެވެ. މީގެއިތުރުން ޝަރީޢަތުގެ މަޖިލީސް ހިނގާ ތަނުގައި ޖާގަ ނެތުމުގެ ސަބަބުން، އެ ޝަރީޢަތްތައް އަޑުއަހަން ބޭނުންވާ ހުރިހާ އެންމެންނަށް އެ ޝަރީޢަތްތަކަށް ވަނުމުގެ ފުރުޞަތުވެސް ނުލިބެއެވެ.
މިފަހުގެ ތާރީޚެއްގައި ރާއްޖޭގައި ވަނީ ޝަރީޢަތުގެ މަޖިލީހެއް ވަގުތުން ޓީވީތަކުން ދައްކާފަ އެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން ކުރި މަނީލޯންޑަރ ކުރުމުގެ ޝަރީޢަތުގެ އަޑުއެހުންތައް ޓީވީ ތަކުން ވަގުތުން ދުރަށް ދައްކާފައިވެއެވެ. އޭގެކުރިން ޝަރީޢަތުގެ އަޑުއެހުންތަކެއް ވަގުތުން ދުރަށް ފޮނުވާފައިވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާގައި ޝާމިލުވާ މީހުންނާ ދެކޮޅަށް ކުރިޔަށް ގެންދިޔަ ޝަރީޢަތްތަކެވެ.