Advertisement
ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 11:51
ރައީސް ސޯލިހު ސްކޫލުގެ ދަރިވަރުންނާއި އެކު
ރައީސް ސޯލިހު ސްކޫލުގެ ދަރިވަރުންނާއި އެކު
ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
އުނގެނުމަކީ ހަމައެކަނި މުދައްރިސް ދޭ ފިލާވަޅުތައް ދަސްކުރުމެއް ނޫން: ރައީސް
އަމާޒަކީ ކޮންމެ ދަރިވަރަކީވެސް ދީނަށް ލޯބިކުރާ އަހުލާގު ރަނގަޅު ގައުމަށް ވަފާތެރި ދަރިވަރަކަށް ހެދުން: ރައީސް
އަޒުމަކަށް ހަދަން ޖެހެނީ ކޮންމެ ކުއްޖަކަށް ކޮންމެވެސް ރަނގަޅު ކަމެއް ކޮށްދިނުމަށް
ތަރައްގީ އަކީ ވަށާޖެހޭ ފުރިހަމަ ތައުލީމީ ނިޒާމުކަން ވިދާޅުވި

ތައުލީމު އުނގެނުމަކީ ހަމައެކަނި މުދައްރިސުން ދޭ ފިލާވަޅުތައް ދަސްކުރުމެއް ނޫންކަމަށާއި، ގިނަ ކުދިންތަކެއް އެއް ތަނެއްގައި ތިބެގެން ކިޔަވަނީ މުހިންމު ސަބަބެއްގައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު މާލޭގައި އަލަށް ހުޅުވި ޢިއްޒުއްދީން ސްކޫލު ހުޅުއްވުމައި ދެއްވައި ވާހަކަ ދައްކަަަވަމުން ރައީސް ވިދާޅުވީ، ޢިއްޒުއްދީން ސްކޫލުގެ ހުރިހާ ކަމެއްވެސް އިންތިޒާމް ކުރެވިފައި ހުންނާނީ، އަމިއްލަ ނަފްސާއި މުޖުތަމައުގެ ކުރިއެރުމަށާއި، ގައުމުގެ ހެވާ ލާބަޔަށް މަސައްކަތްކުރާ އަދި 21 ވަނަ ސައްތާގެ އީޖާދީ ދިރިއުޅުމަށް ލޯތައް ހުޅުވި ސިކުނޑިތައް ފައްކާވެފައިވާ ދަރިވަރުންތަކެއް ބިނާކުރުމަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ތައުލީމީ ހިޔާވަހިކަން ލިބޭ ކޮންމެ ދަރިވަރަކީވެސް ދީނަށް ލޯބިކުރާ އަހުލާގު ރަނގަޅު ގައުމަށް ވަފާތެރި ދަރިވަރަކަށް ހެދުން ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި، ސްކޫލު މަރުހަލާ ނިމޭއިރު ކޮންމެ ދަރިވަރަކުވެސް ހުންނާނީ ހަޔާތުގެ ގޮންޖެހުންތަކާއި ކުރިމަތިލެވޭ ވަަރަށް އަމިއްލަ ނަފްސަށް އިތުބާރު ކުރެވި ތަރައްގީ ހޯދުމަށްޓަކައި އަމިއްލަ ފައިމައްޗަށް ތެދުވެ ތައްޔާރުވެފައެވެ.

Advertisement

އެ ތަރައްގީ އަކީ ވަށާޖެހޭ ފުރިހަމަ ތައުލީމީ ނިޒާމެއްކަން ފާހަގަކުރައްވައި ވިދާޅުވީ، ތަރައްގީ އަކީ އިންސާނާ ސިކުނޑިން އުފެދިގެން އަންނަ އުފެއްދުންތެރި އީޖާދީ ވިސްނުމެއް ކަމަށެވެ.

އިންސާނީ ވިސްނުން ތަރައްގީ ކޮށްދޭ އެއްޗަކީ ތައުލީމުކަން ވިދާޅުވެ، އޭގެ ފަހުން ރައީސް ވަނީ ދަރިވަރުންނާއި ސުވާލެއް ކުރައްވާފައެވެ. ''ޔުނީފޯމް ލައިގެން ފޮތް ދަބައިސް ހިފައިގެން ސްކޫލަށް އައުމުގެ ބޭނުމަކީ ކޮބައިތޯ؟'' އެ ސުވާލަށް އަމިއްލަފުޅަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ކޮންމެ ކުއްޖެއްގެ ހިތުގައިވެސް އޮންނާނެ ޖަވާބަކީ ''ކިޔަވާށޭ ސްކޫލަށް އަންނަނީ'' އެވެ. އެއަށް ފަހު އެމަނިކުފާނު ވަނީ ހަގީގީ ކިޔެވުމަކީ ކޮބައިކަން ދަރިވަރުންނަށް ބަޔާން ކޮށްދެއްވާފައެވެ.

ރަނގަޅު ހުރިހާ ކުދިންވެސް ސްކޫލަށް އަންނަނީ ކިޔަވަން. އެކަމަކު ހަގީގީ ކިޔެވުމަކީ ހަމައެކަނި މުދައްރިސުން ދޭ ފިލާވަޅުތައް ދަސްކުރުމެއް ނޫން. ގިނަ ކުދިންތަކެއް އެއްތަނެއްގައި ތިބެގެން ކިޔަވަނީ ވަރަށް މުހިއްމު ބޭނުމެއްގައި. އެއީ އެ ކުއްޖަކު އަނެއް ކުއްޖަކު އޯގާތެރިވާން ދަސްކުރުން. އެކަކު އަނެކަކަށް އިހްތިރާމް ކުރާނެ ގޮތް ދެނެގަތުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ، ކޮންމެ ކުއްޖެއްގެ އަޒުމަކަށް ހަދަން ޖެހެނީ ކޮންމެ ދުވަހަކުވެސް އެހެން ކުއްޖަކަށް ކޮންމެވެސް ރަނގަޅު ކަމެއް ކޮށްދިނުން ކަމަށެވެ.

އެހެން ކުދިންނާ ބައްދަލު ކުރާއިރު އަބަދުވެސް އުފާވެރިކަމާއި އެކު ހިނިތުންވުމާއި އެކު ބައްދަލު ކުރަން. ކޮންމެ ދުވަހަކުވެސް އެހެން ކުއްޖަކަށް ކޮންމެވެސް ރަނގަޅު ކަމެއްގައި އެހެން ކުދިންނަށް އެހީތެރިވެދެން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ވަނީ ރާއްޖޭގެ ހުރިހާ ސްކޫލުގެ ދަރިވަރުންނަށް މައިންބަފައިންނާއި ބެލެނިވެރިންގެ ބަސް ގަބޫލްކުރާ ދަރިވަރުންނަށްވުމަށް އިލްތިމާސް ކުރައްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވި އިއްޒުއްދީން ސްކޫލަކީ މާލޭގައި ހުޅުވިގެންދިޔަ 16 ވަނަ ސްކޫލެވެ. އަދި މިއީ މި ސަރުކާރުން ގެންގުޅޭ ވަށާ ޖެހޭ ތައުލީމީ ނިޒާމް ތަންފީޒު ކުރެވިގެންދާ ފުރަތަމަ ސްކޫލް ކަން ފާހަގަކޮށްލަން ޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް