އެސިޑް ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ދިޕިކާ ފަދުކޮން ކުޅެފައިވާ ފިލްމުގައި، ލަކްޝްމީގެ ވަކީލަށް ކްރެޑިޓްސް ދިނުމަށް ހައި ކޯޓުން އެ ފިލްމުގެ ޑައިރެކްޓަރުންނަށް އަންގައިފިއެވެ.
ދިއްލީގެ ހައިކޯޓުން ޗަޕަކްގެ ޑައިރެކްޓަރުންނަށް އަންގާފައިވަނީ މި މަހ 15 ގެ ކުރިން ފިލްމު ލަކްޝްމީގެ ވަކީލް އަޕަރްނާ ބަޓް އަށް ކްރެޑިޓް ދިނުމަށެވެ. އަދި އެ ތާރިހަށްވުރެ ފަހުން ކްރެޑިޓްސް ނުދީ ފިލްމު ދައްކައިފިނަމަ ތިއޭޓަރުތަކުން ފިލްމު ނަގާނެ ކަމަށްވެސް ކޯޓުން ވަނީ ޑައިރެކްޓަރުންނަށް އަންގާފައެވެ.
ހުކުރު ދުވަހު ޗަޕަކް ރިލީޒް ކޮށްފައިވާއިރު މި ފިލްމަށް އެކަށީގެންވާ ވަރުގެ އާމްދަނީ އެއް ނުލިބެއެވެ. ލިބިފައިވަނީ ހަތަރު ކްރޯޑް ރުޕީސް އެެވެ.
މޭގްނާ ގުލްޒާރު ޑައިރެކްޓް ކުރާ މި ފިލްމަކީ ދިޕިކާގެ ގިނަ ފޭނުންތަކެއް އެ ފިލްމަކަށް އިންތިޒާރު ކޮށްގެން ތިބި ފިލްމެކެވެ. ފިލްމު އެމީހެއްގެ ހަޔާރުގެ މައްޗަށް ބިނާކޮށްފައިވާ ލަކްޝްމީގެ މޫނަށް އެސިޑް ޖަހާފައިވަނީ އޭނާގެ އުމުރުން 15 އަހަރުގައި ދިއްލީގެ ހާން މާރުކޭޓުގައި ހުއްޓާއެވެ. ލަކްޝްމީގެ މޫނަށް އެސިޑް ޖެހީ އޭނާގެ ރައްޓެއްސެއްގެ ބޭބެއާ ކައިވެނި ކުރަން ދެކޮޅު ހެދުމުންނެވެ.
އެ ހާދިސާ އަށް ފަހު އާއިލާގެ އެހީއާ އެކު ލަކްޝްމީ ވަނީ އެމީހުންނާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށައަޅާފައެވެ. ހަތަރު އަހަރުވަންދެން ކޯޓުގައި ކުރިޔަށް ދިޔަ މައްސަލަ އަށް ފަހު ލަކްޝްމީ މޫނަށް އެސިޑް ޖެހި ގުއްޑޫ 10 އަހަރަށް ޖަލަށްލާން ކޯޓުން ހުކުމް ކުރިއެވެ.