Advertisement
ކ. މާލެ
|
11 ޖެނުއަރީ 2020 | ހޮނިހިރު 22:53
މިސަރުކާރުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުން
މިސަރުކާރުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުން
ރައީސް އޮފީސް
ތައުލީމް
ދިރާސާ އައު އަހަރުގެ މެސެޖާއެކު ވަޒީރުން ހުރިހާ އަތޮޅަކަށް
އާދިއްތަ ދުވަހު ބާއްވާ އެސެމްބްލީތަކުގައި ކެބިނެޓްގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ
ސްކޫލްތަކަށް ވަޒީރުން ވަޑައިގެން ސްކޫލްތަކުގެ ދަރިވަރުންނާއި ބައްދަލުކުރައްވާ ދަރިވަރުންނަށް ހިތްވަރުދެއްވާނެ
ދިރާސީ އައު އަހަރުގެ ކިޔެވުން މިފެށެނީ ދޮޅު މަސްދުވަހުގެ ޗުއްޓީއަކަށް ފަހު

ދިރާސާ އައު އަހަރުގެ ކިޔެވުމަށް މަރުޙަބާ ކިޔައި، ދަރިވަރުންނަށް ހިތްވަރުދެއްވުމަށް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ސްކޫލްތަކުގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިއަހަރަށް ދިރާސާ އަހަރު ފެށެނީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ. ދިރާސާ އައު އަހަރަށް މަރުޙަބާ ކިޔުމުގެ ކަންތައްތަކާއި ގުޅޭގޮތުން، އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން ތަޢުލީމަށް ދެއްވާ ޚާއްޞަ އިސްކަމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމާއެކު، މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުމަށް މަރުޙަބާ ކިޔައި ދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި އާދިއްތަ ދުވަހު ބާއްވާ އެސެމްބްލީތަކުގައި ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement

މި ޕްރޮގުރާމުގެ ދަށުން ރާއްޖޭގެ 19 އަތޮޅުގެ ސްކޫލްތަކަށް ވަޒީރުން ވަޑައިގެން ސްކޫލްތަކުގެ ދަރިވަރުންނާއި ބައްދަލުކުރައްވާ ދަރިވަރުންނަށް ހިތްވަރުދެއްވާނެ ކަަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. އެގޮތުން ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިގެންދިޔުމާއެކު އައު ޢަޒުމަކާއެކު އައު އުންމީދުތަކަކާއެކު މިއަހަރު އިތުރަށް މަސައްކަތްކޮށް ކާމިޔާބު ހޯދުމަށް ދަރިވަރުންނަށް ހިތްވަރުދެއްވާނެ އެވެ.

ދިރާސީ އައު އަހަރުގެ ފުރަތަމަ އެސެމްބްލީގައި ވަޒީރުން ދައްކަވާ ވާހަކަފުޅުގައި، ތައުލީމީ އައު އަހަރުގެ ކިޔެވުން ފެށިގެންދިޔުމާއެކު ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މުދައްރިސުން ސަމާލުކަންދޭންވާ މުހިންމު ނުކުތާތަކުގެ މައްޗަށް އަލިއަޅުވާލައްވާނެ އެވެ. ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ އެންމެ މުހިންމު އެއް ބައި ކަމަށްވާ ހުރިހާ ކުދިން ޝާމިލްކުރުމުގެ ސިޔާސަތުގެ ތެރެއިން ހުރިހާ ދަރިވަރުންވެސް ތައުލީމު ހާސިލްކުރުމުގައި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމުގެ މުހިންމުކަމުގެ އިތުރުން ތައުލީމީ މަންހަޖުގެ ތެރޭގައި އިސްލާމީ އަޤީދާ ކުރިއެރުވުމާއި މަދަރުސީ ދައުރު ނިމޭ ކޮންމެ ކުއްޖަކީ އެކުއްޖަކު ކުރިއަރަން ބޭނުންވާ ދާއިރާއަކުން ކުރިޔަށް ދިޔުމުގެ މަގު ފަހިކޮށްދީ ސްކޫލް ނިންމާއިރު ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރަކަށް ހެދުމުގެ އިތުރުން މުޖުތަމަޢުގެ ތެރޭގައި ބައިވެރިވުން އޮތް ޒުވާނަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާނެ
އެޑިޔުކޭޝަން މިނިސްޓްރީ

މީގެއިތުރުން މިނިސްޓްރީގެ ބަޔާނުގައި ވަނީ މުޖުތަމަޢުގެ ތެރޭގައި އެއް ބަޔަކު އަނެއް ބަޔަކަށް އިޙުތިރާމް ކުރުމުގެ ޘަޤާފަތެއް ބިނާކުރުމުގައި މަދަރުސީ ދައުރުގެ މުހިންމުކަމުގެ މައްޗަށްވެސް ވަޒީރުންގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާނެ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ މިއަހަރުގެ ދިރާސީ އައު އަހަރު ފެށުމަށް ވެވުނު ތައްޔާރީތަކުގެ ތެރެއިން ސްކޫލްތަކަށް ޤާބިލު މުދައްރިސުން ހޯދުމާއި ތަޢުލީމީ މަންހަޖު މުރާޖަޢާކުރުމުގެ މަސައްކަތުގެ އިތުރުން ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ފޮތް ފަންސުރު ، ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ޞަރަޙައްދަކަށް ފޮނުވުމަކީ އެމިނިސްޓްރީއަށް ލިބިގެންދިޔަ ކާމިޔާބީ އެއް ކަމަށެވެ.

މިނިސްޓްރީން ބުނީ ކުދިންގެ ކިބައިގައި ރީތި ސިފަތައް އަށަގަންނުވައި، އެ ކުދިންނަކީ މުޖުތަމަޢުގެ ލާބަ އާއި މަންފާ ހޯދައިދޭނެ ހަރުދަނާ ބަޔަކަށް ހެދުމަކީ ވެސް ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގައި ޚާއްޞަ އިސްކަމެއް ދީފައިވާ މުހިންމު ކަމެކެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން މިފެށެނީ ދޮޅު މަސްދުވަހުގެ ޗުއްޓީއަކަށް ފަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް