Advertisement
ކ. މާލެ
|
22 މާރޗް 2017 | ބުދަ 10:16
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު
މުހައްމަދު ޝަރުހާން
އިތުބާރު ވޯޓް
އޯޑިއޯ: މަސީޙު ބަހައްޓަން ރައީސް ޔާމީން ފެކްޝަންގެ ބައެއް މެމްބަރުން ބޭނުމެއް ނުވޭ!؟
ލީކުވެފައިވަނީ 4 މަޖިލިސް މެންބަރުން ވާހަކަ ދައްކަވާ އޯޑިއޯއެއް
މަސީޙުއާއި މެދު ރައީސް ޔާމީން ފެކްޝަންގައިވެސް ކަންބޮޑުވުން ހުރިކަން ހާމަވޭ
މަސީޙު ނޫން މީހަކު މަޖިލިސް ރައީސް ކަމަށް ގެންނަން ބޭނުންވޭ، ކަންބޮޑުވުމަކީ ބޭނުންވާ މީހަކު ނުގެނެވިދާނެކަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު، މަޖިލީހުގެ ރައީސްކަމުގައި ބެހެއްޓުމާއިމެދު ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގައި ތިއްބެވި ބައެއް ބޭފުޅުންގެ މެދުގައިވެސް ކަންބޮޑުވުންތަކެއް ހުރިކަން ހާމަވާ އޯޑިއޯއެއް ލީކުވެއްޖެއެވެ.

ބުދަ ދުވަހުގެ ފަތިހު ސޯޝަލް މީޑިއާގައި ލީކުވި މި އޯޑިއޯގައި މަޖިލީހުގެ 4 މެންބަރެއް ދައްކަވާ ވާހަކަތައް އަޑުއިވޭއިރު، މީގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓި ލީޑަރު، އަޙުމަދު ނިހާން ޙުސައިން މަނިކު ކަމަށް ބެލެވޭ މީހަކާއި އަދި އިތުރު ތިން މެންބަރުން ގެ އަޑު ހިމެނެއެވެ.

މި އޯޑިއޯގައި މެންބަރަކު "މަސީހާ އެއްކޮޅަށް ވޯޓުދޭން ވަރަށް އުނދަގޫ" ކަމަށް ވިދާޅުވެ، މެންބަރަކު ޝުޢޫރު ފާޅުކުރައްވައެވެ. އަދި ދެން ތިބޭ މެންބަރުންވެސް އެކަމަށް އެއްބަސްވެވަޑައިގަންނަވައެވެ.

އެ މެންބަރު އިތުރަށް ވިދާޅުވެފައިވަނީ، "ދެ އަހަރާ ބައި ތެރޭގަ އެއްވެސް އެހީތެރިކަމެއް ނުލިބޭ" ކަމަށާ، "މަޖިލިސް ރައީސް ކޮށްދޭންޖެހޭ ކަންކަން ހުންނާނެ" ކަމަށެވެ. މިފަދައިން ވިދާޅުވެ، މަޖިލިސް ރައީސްކަމުން މަސީޙު ވަކިކުރަން ތާޢީދު ކުރާ ކަމުގެ ޝުޢޫރު މެންބަރުން ފާޅުކުރެއްވުމުން، މިއޯޑިއޯގައި މެންބަރު ނިހާން ކަމަށް ލަފާކުރެވޭ މީހާ، މަޖިލިސް ރައީސް ކަމުން މަސީޙު ބޭރުކޮށްފިނަމަ، ދެން އެފަރާތްތަކުން ބޭނުންވާ މީހަކު އެ މަޤާމަށް ގެނެވިދާނެ ކަމާއި މެދު ސުވާލު އުފައްދަވައެވެ.

އަހަރުމެން އެހެން ހަދައިފިއްޔާ އަލުން އަހަރުމެންގެ މީހާ ވެއްދޭނެ ކަމުގެ ސައްތައިން ސައްތަ ޔަޤީންކަން ...

މިހެން ވިދާޅުވުމާއި އެކު، ދެން ތިބި މެންބަރުން، "އެ ޔަޤީންކަން އަހަރުން ހޯދާނަން" ކަމާއި، އެކަމުގައި ލީޑު ކުރައްވާނެކަންވެސް ހާމަކުރައްވައެވެ. އަދި މަސީޙު މަޤާމުން ދުރުކޮށް، އެފަރާތްތަކުން ބޭނުންވާ މީހަކު މަޖިލިސް ރައީސް ކަމަށް ގެނައުމަށް ފަހިވާގޮތަށް ޤަވާއިދު އިސްލާޙު ކުރުމުގެ ޚިޔާލު ދެއްވައެވެ.

އެވަރަށް ޤަވާއިދަށް އިސްލާޙު ގެނައުން

މެންބަރުން މި ޚިޔާލު ދެއްވުމާއި އެކު، އެކަން އެގޮތަށް ކުރަން ތައްޔާރު ވާއިރަށް މަސީޙުއަށް އޭނާ މަޤާމުން ދުރުކުރަން އުޅޭކަން އެނގޭނެ ކަމަށް، ނިހާން ކަމަށް ބެލެވޭ މީހާ ވިދާޅުވެއެވެ.

އެވަރަށް ޤަވާއިދަށް އިސްލާހު ގެންނަން ހަމަ ސެޓު ކުރާއިރަށް އޭނަޔަށް އެނގޭނެ މީ ކޮންމެސް ކަމެއްކަން ފެށިގެން މި އުޅެނީ

މި އޯޑިއޯ ލީކް ކުރިއިރު ޖަހާފައިވާ ކެޕްޝަނުން އެނގޭ ގޮތުގައި މިއީ މި އޯޑިއޯއިން ބައެކެވެ. އަދި މި ވާހަކަތަކުގެ ފުރިހަމަ އޯޑިއޯ ވަރަށް އަވަހަށް ލީކު ކުރާނެ ކަމަށްވެސް ޖަހާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުﷲ މަސީޙުގެ އިތުބާރު ރައީސް ޔާމީން ފެކްޝަންގައި ތިއްބެވި މެންބަރުންގެ މެދުގައިވެސް ނެތްކަން ހާމަވާ މިފަދަ އޯޑިއޯއެއް ލީކުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅި، އެ މައްސަލައިގައި ވޯޓުލުން މި މާޗް މަހުގެ 27 ވަނަ ދުވަހަށް އެޖެންޑާވެސް ކޮށްފައިވަނިކޮށެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް