ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށް ފަހު، އޮމާންގެ ރަސްގެފާނު ސުލްތާން ގަބޫސް ބިން ސާއިދް އަަވަހާރަވެއްޖެއެވެ.
ސުލްތާން ގަބޫސް އަވަހާރަވީ ވާހަކަ އޮމާންގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވަނީ ހޮނިިހިރު ދުވަހުގެ ވަގުތެއްގައެވެ. ސުލްތާން ގަބޫސް އަވަހާރަވީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
އޮމާނުން މިހާރު ދެކެމުން އަންނަ ޒަމާނީ ތަރައްގީގެ ބާނީ، ސުލްތާން ގަބޫސް އަވަހާރަވުމާއި ގުޅިގެން އެ ގައުމުގައި ހިތާމަ ފާޅުކުރުމުގެ ތިން ދުވަސް އޮންނާނެކަން ވަނީ އިއުލާންކޮށްފައެވެ. އަދި 40 ދުވަސް ވަންދެން އެ ގައުމުގެ ދިދަ ބައި ދަނޑިއަށް ތިރިކުރުމަށްވެސް ވަނީ ނިންމާފައެވެ.
50 އަށް ވުރެ ގިނަ އަހަރު ވަންދެން އޮމާންގެ ވެރިކަން ކުރެއްވި ސުލްތާން ގަބޫސްއަކީ، އެންމެ ގިނަ ދުވަސްތަކެއް ވަންދެން އަރަބި ދުނިޔޭގައި ވެރިކަން ކުރެއްވި ފަރާތެވެ. އެއްވެސް ލޭ އޮހޮރުވުމަކާ ނުލާ 1970 ވަނަ އަހަރުގެ ތެރޭގައި ކުރެއްވު ބަގާވާތަކަށް ފަހު، ސުލްތާން ގަބޫސް އޮމާންގެ ވެރިކަމަށް ވަޑައިގެންނެވީ، ބައްޕާފުޅު ރަސްކަމުގެ ތަހުތުން ދުރުކުރެއްވުމަށް ފަހުގައެވެ.
ސުލްތާން ގަބޫސްގެ ބަދަލުގައި ރަސްކަމަށް ވަޑައިގަންނަވާނެ ބޭފުޅަކު، ކުރިޔަށް އޮތް 72 ގަޑިއިރުގެ ތެރޭގައި، އެގައުމުގެ ޝާހީ އާއިލާއިން އިއުލާން ކުރަން ޖެހޭނެއެވެ. ޝާހީ އާއިލާގެ ތެރޭގައި ހިޔާލުތަފާތުވުން އުފެދިއްޖެނަމަ، ރަސްކަމުގެ ތަހުތަށް ވަޑައިގަންނަވާނެ ބޭފުޅަކު ނިންމަވާނީ ސުލްތާން ގަބޫސް އުފައްދާފައިވާ ކައުންސިލަކުންނެވެ.
ފަސް ބޭފުޅުންގެ މައްޗަށް އެކުލެވޭ މި ކައުންސިލަކީ، 2011 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެ ގައުމުގެ ވިރާސީ ރަސްކަމުގެ ނިޒާމު ބަދަލުކުރެއްވުމަށް ފަހު އެކުލަވާލެވުނު ކައުންސިލެކެވެ. މި ކައުންސިލްގައި ތިއްބަވަނީ ސުލްތާން ގަބޫސްގެ ތިމާގެ ބޭފުޅުންނެވެ.
ކަނޑައެޅިފައިވާ މުހުލަތުގެ ތެރޭގައި މި ކައުންސިލްގައި ތިއްބެވި ބޭފުޅުންނަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ރަސްކަމުގައި ހުންނަވާނީ ސުލްތާން ގަބޫސް ރައްކާކޮށްފައިވާ ދެ ސިޓީފުޅެއްގައި ނަންގަނެފައިވާ ބޭފުޅަކަށެވެ. ސުލްތާން ގަބޫސްގެ ބޭބޭފުޅެއް، ކޮއްކޯފުޅެއް އަދި ދަރަކަލެއްވެސް ނުހުންނަވައެވެ. ވިރާސީ ރަސްކަމުގެ ނިޒާމަށް ބަދަލު ގެންނަވަން ޖެހުނީވެސް މި ސަބަބާ ހުރެއެވެ.