Advertisement
ކ. މާލެ
|
9 ޖެނުއަރީ 2020 | ބުރާސްފަތި 08:35
ލޮލުގެ އޮޕަރޭޝަނެއްގެ ތެރެއިން
ލޮލުގެ އޮޕަރޭޝަނެއްގެ ތެރެއިން
ޓްވިޓަރ
ލޮލުގެ ފަރުވާ
ހުޅުމާލެ ހޮސްޕިޓަލުގައި ޗައިނާއިން ގާއިމްކުރި ލޮލުގެ ފަރުވާދޭ ސެންޓަރު ހުޅުވައިފި
އޮޕަރޭޝަންތައް ވަރަށް ކާމިޔާބު
ޑރ ޗެން ވަނީ ލޮލުގެ ބަލިތަކަށް ފަރުވާދިނުމުގައި 30 އަހަރު ހޭދަކުރައްވާފައި
ސެންޓަރުން ލޮލުގެ ތަފާތު ބަލިތަކަށް ފަރުވާދޭނެ

ހުޅުމާލެ ހޮސްޕިޓަލްގައި ޗައިނާއިން ގާއިމުކުރި ލޮލުގެ ފަރުވާދޭ ސެންޓަރު ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާން ލިއޮން ކުރެއްވި ޓްވީޓެއްގައި ޑރ. ޗެން ވެއިރޮންގްއާ ހަވާލާދެއްވައި، ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގައި ޗައިނާއިން ގާއިމުކުރި ލޮލުގެ ފަރުވާދޭ ސެންޓަރު ބުދަ ދުވަހު ހުޅުވައި ޚިދުމަތްދޭން ފެށި ފުރަތަމަ ދުވަހު ލޮލުގެ 30 އޮޕަރޭޝަން ކޮށްފައިވާ ކަމަށެވެ. އަދި މިއޮޕަރޭޝަންތައް ވަރަށް ކާމިޔާބު ކަމަށެވެ.

Advertisement

ޑރ ޗެން އަކީ ލޮލުގެ ބަލިތަކަށް ފަރުވާދިނުމުގައި 30 އަހަރު ހޭދަކުރައްވާފައިވާ އެތައް ހާސް ބަޔަކަށް ފަރުވާދީފައިވާ ޑޮކްޓަރެކެވެ.

ހުޅުމާލޭގައި ގާއިމުކުރި ލޮލުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރުން ލޮލުގެ ތަފާތު ބަލިތަކަށް ފަރުވާދޭނެވެ. އެގޮތުން ލޯފުސްވުމާއި، ގުލްކޯމާ، އޮކިޔުލަރ ސަރފޭސް ޑިޒީސްފަދަ ލޮލުގެ ބަލިތަކަށް ފަރުވާދޭނެއެވެ.

ދިވެހިރާއްޖޭގައި ދެވޭ ލޮލުގެ ފަރުވާގެ ޚިދުމަތްތައް ފުޅާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހެލްތުއާއި ޗައިނާގެ ނޭޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިންގ ކޮމިޝަންއާއި ދެމެދު މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ހުޅުމާލޭގައި މިހުޅުވި ލޮލުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރަކީ މި އެއްބަސްވުމުގެ ދަށުން ހެދި ސެންޓަރެކެވެ.

ޗައިނާ ސަރުކާރުގެ އެހީގައި 2015 ވަނަ އަހަރު އަދި 2017 ވަނަ އަހަރުވެސް ވަނީ ލޮލުގެ ޚާއްޞަ ކޭމްޕްތަކެއް ރާއްޖޭގައި ކުރިއަށްގެންގޮސްފައެވެ. މި ކޭމްޕްތަކުގައި ޖުމްލަ 1000 އަށް ވުރެގިނަ މީހުން ސްކްރީންކޮށް 186 މީހުންގެ ކެޓަރެކްޓް ސާޖަރީ ވަނީ ހަދާފައެވެ. އަދި 9.2 މިލިއަން ރުފިޔާގެ ލޮލުގެ ފަރުވާއާއި ގުޅޭ އާލާތްތައް ޗައިނާ ސަރުކާރުން ވަނީ ހަދިޔާކުރައްވާފައެވެ.

ދިވެހި ރާއްޖޭގައި ލޮލުގެ ޚާއްސަ ފަރުވާދޭ މަރުކަޒެއް ޤާއިމް ކުރުމަކީ ސިއްޙީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ގޮތުން ޗައިނާ ސަރުކާރާއި އެކު 2017 ގައި ސޮއި ކުރެވިފައިވާ ފަހުމުނާމާގައި ފާހަގަ ކުރެވިފައިވާ މައިގަނޑު އެއް ދާއިރާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް