Advertisement
ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 13:22
ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު
ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު
ޔޫސުފް ސޮފްވާން ރަޝީދު
ކަރެކްޝަންސް
ޤާނޫނާއި ޤަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ: މުނާޒު
ގާނޫނުން ލިބިފައިވާ ބާރުތައް ވެސް ބޭނުން ކުރުމަށްވުރެ އިސްކަން ދެނީ، ބަންދުގައި ތިބޭ މީހުންނާ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރަން
ކަރެކްސަންސް އޮފޮސަރުން މިހާރު އަނިޔާ ނުކުރާނެ ކަމަށްވެސް މުނާޒު ވިދާޅުވި
ޖަލު ބަންދުގައި ހުރި މީހަކު ދޫކޮށްލި ކަމަށްބުނާ މައްސަލާގައިވެސް ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް މުނާޒު ވިދާޅުވި

ޤާނޫނާއި ޤަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރު އުފެދުމާއެކު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސް މަޤާމަށް ޢައްޔަނު ކުރައްވާފައިވާ ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

މުނާޒު މިހެން ވިދާޅުވީ، މި މަހުގެ 5 ވަނަ ދުވަހު ޖަލުގައި، ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މި ނޫސްވެރިންގެ ބައްދަލުވުމަކީ، މުނާޒު މިޑިއާތަކަށް މަޢުލޫމާތު ދެއްވުމަށް ރަސްމީކޮށް ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. އެހެންކަމުން ނޫސްވެރިންގެ ގިނަ ސުވާލުތަކެއް މުނާޒަށް އަމާޒުވެފައި ވެއެވެ.

މުނާޒު ވިދާޅުވީ މާފުށީ ޖަލުގައި މިމަހުގެ ތިނެއްވީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޖަލު ބަލަހައްޓާ ކަރެކްޝަންސްގެ އޮފިސަރުންގެ ގަަޔަށް ޖަލުގެ ޔުނިޓެއްގައި ބަންދުކޮށްފައި ބަޔަކު މިރުސް ފެން ޖެހި ކަމަށެވެ. ނަމަވެސް އެވަގުތުން އެވަގުތަށް އެކަން ބެލުމަށްޓަކައި އެ ޔުނިޓަށް އޮފިސަރުން ނުވަދެ، މަޑުކޮށްލުމަށް އެންގެވި ކަމަށާއި އެގޮތަށް އެންގެވީ، ފުރަތަމަ އެކަން ހިނގަން މެދުވެރިވީ އޮފިސަރުންގެ މައްސަލައަކުންތޯ ބެލުމަށް ކަމަށެވެ.

މުނާޒު ވިދާޅުވީ، ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް، ކަންކަން ބެލުމަށްފަހު، އޮފިސަރުންނާ ގުޅޭ އެއްވެސް މައްސަލައެއް އެކަމުގައި ނެތްކަމަށް ފެންނާތީ، އާދިއްތަ ދުވަހު، އޮފިސަރުން އެޔުނިޓަށްވަދެ ފާސްކޮށްފައިވާ ކަމަށެވެ، އަދި ޔުނިޓް ފާސްކުރަމުންދިޔައިރު، ބަންދުގައި ތިބި ބައެއްް މީހުންގެ އަމަލުތައް ހުރީ، އޮފިސަރުންނަށް އެއްބާރުލުން ދޭގޮތަށް ނޫންކަމަށާއި އަދި އޮފިސަރުންނާ ކުރިމަތިލުމަށް މަސައްކަތް ކުރުމުން ޕެޕަރ ސްޕްރޭ ޖެހިކަމަށް މުނާޒު ވިދާޅުވި އެވެ. ނަމަވެސް ކަރެންޝަންސްއިން ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބާރުގެ ބޭނުން ކޮށްފައި ނުވާނެ ކަމަށެވެ.

މުނާޒު ވިދާޅުވީ، މިހާރު ޢާންމުވެގެން އުޅޭ ވީޑިއޯއިން އެފެންނަނީ، ޕެޕަރ ސްޕްރޭ ޖެހުމަށްފަހު، އެމީހުންގެ މޫނު ދޮވުމާއި، އެހީތެރިވުމަށް އޮފިސަރުން ޙަރަކާތްތެރިވާ ވީޑިއޯއެއް ކަމަށާއި، އޭނާއާއި ފުލުހުން އެތަނަށް ވަޑައިގެންނެވީ، އެމައްސަލަ ހުށަހެޅުމުން ކަމަށެވެ. މުނާޒު ވިދާޅުވީ އެވަގުތަކީ ފުލުހުންނާއެކު ބޭއްވި ބައްދަލުވުމެއް ހިނގަމުންދިޔަ ވަގުތެއްކަމަށްވާތީ، އެ ޔުނިޓަށް އޭނާއާއެކު ފުލުހުންވެސް ވަޑައިގެންނެވި ކަމަށެވެ.

Advertisement

ފުލުހުން އެތަނަށް ދިޔައީ، ތަހުޤީޤެއް ހިންގަން ނުވަތަ އޮޕަރޭޝަނެއް ހިންގަން ނޫންކަމަށް ފުލުހުން ބުނާ ބުނުން މުނާޒުވެސް ދޮގެއް ނުކުރައްވަ އެވެ.

މުނާޒު ވިދާޅުވީ، ޤާނޫނާ ޚިލާފަށް ބާރުގެ ބޭނުން ކޮށްފައިނުވާނެ ކަމަށާއި، ބަލަމުން ދަނީ ވެސް ޤާނޫނުގައި ލިބިފައިވާ ބާރުތައް ބޭނުންކުރުމުގެ ބަދަލުގައި، ބަންދުގައި ތިބޭ މީހުންނާ ވާހަކައިގެން، އެމީހުންނަށް ވިސްނައިދީގެން މިހެންޖެހޭ މައްސަލަތައް ޙައްލުކުރުމަށް ކަމަށެވެ. އަދި މިހާރު ތިބި ކަރެކްޝަންސްގެ އޮފިސަރުންވެސް އަނިޔާވެރި ނުވާނެ ކަމަށާއި، އެމީހުންގެ ޢަމާޒަކަށް ވާނީވެސް ޖަލު ބަންދުގައި ތިބޭ މީހުން އަނބުރާ ރަނގަޅު ގޮތުގައި މުޖުތަމަޢަށް ނެރުން ކަމަށެވެ.

ބަންދުގައި ހުރި މީހަކު ދޫކޮށްލި ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން މުނާޒު ވިދާޅުވީ، އެމައްސަލާގައި ވެސް ޤާނޫނާއި ޤަވާއިދާ ޚިލާފަށް އޭނާ ކުރައްވާފައިވާ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުމުގައި ނޫސްވެރިންގެ ގިނަ ސުވާލުތަކަށް މުނާޒު ޖަވާބު ދެއްވާފައިނުވާތީ، އެކަމުގެ ކަންބޮޑުވުން ނޫސްވެރިންވަނީ އެބައްދަލުވުމުގައި ފާޅުކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް