އިރާޤުގައި ހުންނަ އެމެރިކާގެ ވައިގެ އަސްކަރީ މަރުކަޒެއް ކަމުގައިވާ އަލް-އަސަދް އެއަރ ބޭސް އަށް ޢަމާޒުކޮށް އީރާނުން މިސައިލް ޙަމަލާތަކެއް ދީފިއެވެ.
ބައިނަލްއަޤުވާމީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މަދުވެގެން ދިހަ ރޮކެޓް ފޮނުވާލާފައިވެއެވެ. އިރާނުގެ ދައުލަތުގެ ޓީވީންވެސް ވަނީ އިރާނުގެ ރިވޮލިޔުޝަނަރީ ގާޑުން އެމެރިކާގެ އަލް-އަސަދް އެއަރބޭސް އަށް ދިހަ ރޮކެޓް ޙަމަލާ ފޮނުވާލާފައިވާކަމަށް ބުނެފައެވެ. އިރާނުގެ ރިވޮލިޔުޝަނަރީ ގާޑުންވަނީ އިތުރު ޙަމަލާތައް ދޭނެ ކަމުގެ އިންޒާރުވެސް ދީފައެވެ. އަދި ޞަރަޙައްދުގައި ހުރި އެމެރިކާގެ އެފަދަ ތަންތަނަށް ޢަމާޒުކޮށް ހަމަލާތައް ދޭނެކަމަށްވެސް އިރާނުގެ ރިވޮލިޔުޝަނަރީ ގާޑުން ބުނެފައިވާ ކަމަށް އިރާނުގެ ދައުލަތުގެ ޓީވީން ވަނީ ބުނެފަ އެވެ.
ސީއެންއެން އިން ބުނާގޮތުން މިޙަމަލާތަކުގެ މަޢުލޫމާތު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ވަނީ މިހާރު އަރުވާފަ އެވެ. އަދި ޓްރަމްޕް އަންނަނީ މަޝްރަހު ގާތުން ބަލަމުންކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަދި ޓްރަމްޕް ވަނީ މިޙަމަލާތަކާއި ގުޅިގެން ނޭޝަނަލް ސެކިޔުރިޓީ ޓީމާވެސް ބައްދަލުކުރައްވާފަ އެވެ. މިޙަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް އަދި މަރުވިކަމަށް އަދި މިހާތަނަށް ކަށަވަރުވެފައެއް ނުވެ އެވެ. އެކަންކަން އެމެރިކާގެ އަސްކަރިއްޔާއިން ބަލަމުން އަންނަކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އަދި މިސައިލް ޙަމަލާތައް ޢަމާޒުކޮށްފައިވަނީ އިރާޤުގައި ހުންނަ އެމެރިކާގެ ދެ އެއަރ ބޭސްކަމަށްވާ އަލް އަސަދް އާއި އިބްރީލް އަށް ކަމަށްވެސް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ހައުސްގެ ސްޕީކަރ ނެންސީ ޕެލޯސީ ގެންދަވަނީ އިރާނުގެ ޙާލަތާއި ގުޅޭގޮތުން މަޝްވަރާކުރަމުން ކަމަށްވެސް ސީއެންއެންއިން ރިޕޯޓްކޮށްފައިވެ އެވެ. ނެންސީ ޕެލޯސީ ބޭއްވި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުމެއްގައި ޙަމަލާގެ ޚަބަރު ލިބިވަޑައިގަތުމުން މެންބަރުން އަރިހުން "ދުޢާ" ކުރުމަށް އެދިވަޑައިގެންނެވި ކަމަށް ސީއެންއެންއިން ވަނީ ރިޕޯޓްކޮށްފަ އެވެ.
އިރާޤުގައި ހުންނަ އެމެރިކާގެ މި އެއަރ ބޭސް އަކީ އެމެރިކާގެ ފައުޖުތައް އިރާޤުގައި ޤާއިމުވެގެން ތިބޭ އެއަރ ބޭސް އެވެ. މިއެއަރ ބޭސްއަށް އެމެރިކާގެ ރައީސް ވަނީ 2018 ވަނަ އަހަރުގެ ޑިސެންބަރ މަހު ޒިޔާރާތްކުރައްވާފަ އެވެ.
އެމެރިކާއިން ދިން ޙަމަލާއެއްގައި އީރާނުގެ ސަލާމަތީ ބާރުތަކުގެ އެންމެ މަތީވެރިޔާ ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އިރާނުން ވަނީ އެކަމުގެ ބަދަލުހިފުން ވޭންދެނެވި ގޮތަކަަށް ހިފާނެ ކަަމަށް ބުނެފައެވެ. އަނެއްކޮޅުން ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އިރާޤުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ޢަމާޒުކޮށްވެސް ވަނީ ދެ ރެެއަކު ޖެހިޖެހިޖެން ރޮކެޓް ޙަމަލާތަކެއް ދީފަ އެވެ.