Advertisement
ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 09:12
އެމްޑީޕީގެ މެމްބަރުތަކެއް
އެމްޑީޕީގެ މެމްބަރުތަކެއް
ޔޫސުފް ސޮފްވާން ރަޝީދު
އެމްޑީޕީ
ލޯކަލް ކައުންސިލް އިންތިޚާބު: އެމްޑީޕީ ޕްރައިމަރީގަ ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު
ޝަކުވާ ބަލައިގަނެވޭނެ ސުންގަޑިއަކީ 10 ޖެނުއަރީވާ ހުކުރު ދުވަހުގެ 18:00
ޝަކުވާ ހުށަހެޅުމަށް އީމެއިލް ކުރުމަށް އެމްޑީޕީން ވަނީ އެދިފައި
އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު

"ލޯކަލް ކައުންސިލް އިންތިޚާބުގަ އެމްޑީޕީގެ ފަރާތުން ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ" ގެ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެޕާޓީން ހުޅުވާލައިފި އެވެ.

އެޕާޓީން ބުނީ ޝަކުވާ ބަލައިގަނެވޭނެ އެންމެ ފަހުގެ ސުންގަޑި އަކީ 10 ޖެނުއަރީ ވާ ހުކުރު ދުވަހުގެ މެންދުރުފަހު 18:00 ކަމުގަ އެވެ. އަދި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓަާއި، މެންބަރޝިޕް ޗެކް ކުރާނެ ލިންކާއި، ޝަކުވާ ހުށަހައަޅާ ފޯމު އެމްޑީޕީ ސައިޓުގައިވާ ވަކި ލިންކުތަކަކުން ލިބެން ހުންނާނެ ކަމަށް އެޕާޓީން ވަނީ ޢާންމުކޮށް އިޢުލާންކޮށްފައެވެ. މީގެއިތުރުން ޝަކުވާ ހުށަހެޅުމަށް އީމެއިލް ކުރުމަށް އެޕާޓީން ވަނީ އެދިފައެވެ. އީމެއިލް އެޑްރެސް އަކީ [email protected] އެވެ.

Advertisement

މީގެއިތުރުން އެޕާޓީން ބުނީ މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ދާއިރާތަކުގެ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓު ވަކިން ޢާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ފަހުން ހުޅުވާލާނެ ކަމަށެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ހޯދުމަށް ބާއްވާ ޕާޓީގެ ޕްރައިމަރީގައި ވާދަކުރެވޭނީ އަދި އެޕްރައިމަރީގައި ވޯޓުދެވޭނީ 1 ޖެނުއަރީ 2020 ގެ ކުރިން ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ހިމެނިފައިވާ ޕާޓީ މެންބަރުންނަށް ކަމަށް އެމްޑީޕީން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގެ ޓައިމްލައިން އެމްޑީޕީން ޢާންމުކޮށްފައިވާއިރު، 30 ޑިސެންބަރު 2019 އިން 10 ޖެނުއަރީ 2020ގެ ނިޔަލަށް އިންތިޚާބުގެ ޕްރައިމަރީގައި ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

"ލޯކަލް ކައުންސިލް އިންތިޚާބުގަ އެމްޑީޕީގެ ފަރާތުން ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ" ގެ ވޯޓުލުން، މިހިނގާ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކެންޑިޑޭޓުންގެ ލިސްޓު 13 ޖެނުއަރީވާ ހޯމަ ދުވަހު ޢާންމުކުރާނެ ކަމަށް އެމްޑީޕީން ބުނެފައިވާއިރު، ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓު ޢާންމު ކުރާނީ 15 ޖެނުއަރީވާ ބުދަ ދުވަހު ކަމަށް އެމްޑީޕީން ބުނެއެވެ.

އަންނަ އަހަރުގެ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމުގެ ޙަރަކާތްތައް މިހާރު ވަނީ ފަށާފައެވެ. މި އިންތިޚާބަކީ މިފަހުން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އާ އިޞްލާޙުތަކަށް ފަހު ބާއްވާ ފުރަތަމަ އިންތިޚާބެވެ.

މި ޤާނޫނަށް ގެނައި މައިގަނޑު އިޞްލާޙުތަކުގެ ތެރޭގައި ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރުކުރުމާއި، ހުރިހާ ކައުންސިލްތަކަކުން 33 އިންސައްތަ އަންހެނުންނަށް ޚާއްޞަ ކުރުމުގެ އިތުރުން، ކައުންސިލުތަކަށް އަމިއްލަ ނަމުގައި ވިޔަފާރިކުރުމުގެ ބާރުތައް ދިނުން ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް