Advertisement
ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 02:44
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ
ޓްވިޓަރ
ކައުންސިލް އިންތިޚާބު
ހދ އަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށް ކުޅުދުއްފުށީ ރައްޔިތުން ވޯޓުލާންޖެހޭ: އީސީ
ހދ އަތޮޅު ކައުންސިލް ރައީސް ހޮވުމަށް ކުޅުދުއްފުށީ ރައްޔިތުން ވޯޓުލާންޖެހެނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން
ޤާނޫނުގެ 11 ވަނަ މާއްދާގައި ވަނީ އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތް ބަޔާކޮށްފައި

ހދ އަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށް ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން ވޯޓުލާންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

Advertisement

އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހދ އަތޮޅުގެ ކައުންސިލް ރައީސް ހޮވުމަށް ކުޅުދުއްފުށީ ރައްޔިތުންވެސް ވޯޓުލާންޖެހޭ ކަމުގައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތެވެ. އެގޮތުން އެމާއްދާގައި ބުނެފައިވަނީ އަތޮޅު ކައުންސިލް އެކުލެވިގެންވަނީ އެކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދިމިގްރާތީ އުސޫލުތަކުގެ މަތިން ސިއްރު ވޯޓަކުން ނަގާ އަތޮޅު ކައުންސިލްގެ ރައީސް އާއި އެއިދާރީ ދާއިރާއެއްގައި ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސް އަދި އެ އިދާރީ ދާއިރާއެއްގައި ސިޓީއެއް ހިމެނޭނަމަ އެ ސިޓީއެއްގެ މޭޔަރުގެ މައްޗަށްކަމަށެވެ.

އަކްރަމް ވިދާޅުވީ މޭޔަރ އަކީ އަތޮޅު ކައުންސިލް މެމްބަރެއްކަމަށާއި އެ އަތޮޅެއްގެ ރައީސް ހޮވާނީ އެއަތޮޅަކަށް ނިސްބަތްވާ ހުރިހާ އެންމެން ކަމަށެވެ.

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރުމާއި ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް އިޢުލާނުކުރުމާއި، އަންހެން މެންބަރުން އިންތިޚާބު ކުރާނެ ދާއިރާތައް ކަނޑައެޅުން އަންނަ ހަފުތާ ބަންދުގައި ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް އީސީން ވަނީ ނިންމާފަ އެވެ. ކުޅުދުއްފުށީ ސިޓީގައި ހަ ދާއިރާއެއް ހިމެނެއެވެ.

ކުޅުދުއްފުއްޓަށް ސިޓީގެ ދަރަޖަ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވާފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވަޢުދުފުޅަކަށްވާއިރު، އާބާދީގައި 10،000 މީހުން ހަމަވެއްޖެނަމަ އެ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވިގެންދާނެކަމަށް ޤާނޫނުގަ ބަޔާންކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް