2012 ވަނަ އަހަރުގެ ޑިސެމްބަރ މަހު އިންޑިޔާގެ ދިއްލީގައި ދުއްވަމުންދިޔަ ބަހެއްގެ ތެރޭގައި 23 އަހަރުގެ އަންހެންކުއްޖަކު ރޭޕް ކުރި މައްސަލަ ސާބިތުވެ މެރުމަށް ހުކުމްކޮށްފައިވާ ހަތަރު މީހުން މިޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ދަންޖައްސާ މެރުމަށް އިންޑިޔާ ކޯޓުން ނިންމައިފިއެވެ.
ނިއުދިއްލީ ކޯޓުގެ ޖަޖު ސަތިޝް ކުމާރު އަންގާރަ ދުވަހު ވަނީ މި ހަތަރު މީހުން 22 ޖެނުއަރީވާ ބުދަ ދުވަހު އިންޑިޔާ ގަޑިން ހެނދުނު 7 ގައި ދަންޖައްސާ މެރުމަށް އަމުރުކޮށްފަ އެވެ. އިންޑިޔާގެ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ތިހާރު ޖަލުން ވަނީ މި ހަތަރު މީހުން ދަންޖައްސާ މެރުމުގެ ކަންކަން ކުރުމަށް އެކަން ޓެސްޓް ކޮށްފަ އެވެ.
އަނެއްކޮޅުން ކުށް ސާބިތުވެ މެރުމަށް ކޯޓުން ހުކުމްކޮށްފައިވާ އެކަކު ކަމުގައިވާ އަކްޝޭ ސިން ގެ ލޯޔަރ ވަނީ އެމީހުން ދަންޖައްސާ މަރާނުލުމަށް އެދި ސުޕްރީމް ކޯޓަށް ކުރިޔަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ޕެޓިޝަނެއް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.
އުމުރުން 23 އަހަރުގެ އަންހެންކުއްޖާ ރޭޕްކޮށްފައިވަނީ ދުއްވަމުން ދިޔަ ބަހެއްގެ ތެރޭގަ އެވެ. އޭނާ އާއެކު އެބަހަށް އެރި އޭނާގެ ފިރިހެން ރަހުމަތްތެރިޔާއަށްވެސް އެމީހުން ވަނީ އަނިޔާކޮށްފަ އެވެ. ހަމީހުން ވެގެން އުކުއްޖާ ރޭޕްކޮށްލާ އެތައް އަނިޔާތަކެއް ދިނުމަށްފަހު އެ ދެމީހުންވަނީ މަގުމައްޗަށް އެއްލާލާފައެވެ. ޖޯތީ ސިން ނަމަކަށް ކިޔާ މިކުއްޖާ މަރުވެފައިވަނީ އެމީހުން އެކުއްޖާއަށް ދިން އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށެވެ. މިމައްސަލާގައި ޝާމިލްވާ 18 އަހަރުން ދަށުގެ ކުޑަކުއްޖާ ވަނީ ދޫކޮށްލާފައެވެ. އަދި އޭގެތެރެއިން އެކަކު ވަނީ ޖަލުގައި ބަންދުކޮށްފައި ހުއްޓާ އަމިއްލަ އަށް މަރުވެފަ އެވެ. އެހެންކަމުން މިމައްސަލަ ސާބިތުވެފައިވަނީ ހަތަރު މީހުންގެ މައްޗަށެވެ.
ރޭޕްގެ މައްސަލަ އިންތިހާއަށް ގިނަ ވެފައިވާ އިންޑިޔާގައި މިމައްސަލަ ސާބިތުވެ އެމީހުން ދަންޖައްސާ މެރުމަށް ތައްޔާރުވަމުންދާއިރު ޖޯތީގެ ބައްޕަ ބުނެފައިވަނީ މިހަތަރު މީހުން މެރުމަށް ކޯޓުން ނިންމުމަކީ އެގައުމުގެ އަންހެނުންނަށް އިންސާފު ލިބުމަށް ލިބިގެންދިޔަ އިތުރު އުންމީދެއްކަމަށެވެ. ނަމަވެސް އެގައުމުގައި ތިބި އެތައް އަންހެންދަރިންނަށް އިންސާފު ލިބުން އަދި ކުރިޔަށް އޮތީކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށް ޖޯތީގެ ބައްޕަ ވަނީ ބުނެފައެވެ. ޖޯތީގެ މަންމަ ބުނެފައިވަނީ އޭނާގެ އަންހެން ދަރިފުޅަށް އެންމެ ފަހުން އިންސާފު ލިބިގެންދަނީ ކަމުގައެވެ.
ޖޯތީ ސިން ރޭޕްކުރުމަށްފަހު އެތައް އަނިޔާތަކެއް ދީ މަގުމައްޗަށް އެއްލާލި ހާދިސާއަކީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިގެންދިޔަ ހާދިސާއެކެވެ. އެހާދިސާ އާއި ގުޅިގެން އިންޑިޔާގެ އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެ ވަނީ މުޒާހަރާކޮށްފަ އެވެ.