ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 23:58
އަވަހާރަކޮށްލާފައިވާ އިރާނު އަސްކަރިއްޔާގެ އިސް ކޮމާންޑަރު ޢާސިމް ސުލެއިމާނީ
އަވަހާރަކޮށްލާފައިވާ އިރާނު އަސްކަރިއްޔާގެ އިސް ކޮމާންޑަރު ޢާސިމް ސުލެއިމާނީ
defensepoliticsasia.com
ސުލެއިމާނީ އަވަހާރަކޮށްލުން
ސުލެއިމާނީގެ ޖަނާޒާ: ފިތިބާރުވެގެން 40 މީހަކު މަރުވެއްޖެ
ސުލެއިމާނީގެ ޖަނާޒާ ބާއްވާފައި ވަނީ ކަރްމަން އަވަށުގައި
މި ޖަނާޒާއަށް ލައްކައަކަށް ވުރެ ގިނަ ރައްޔިތުން އެ އަވަށަށް ޖަމާވެފައިވޭ
މީހުން މަރުވުމާއި ގުޅިގެން ކުޑަ ވަގުތުކޮޅަކަށް ޖަނާޒާ ފަސްކުރި

އެމެރިކާއިން ދިން ހަމަލާއެއްގައި އަވަހާރަވެފައިވާ އިރާނުގެ ގުދްސް ފޯސްގެ ކޮމާންޑަރު ޢާސިމް ސުލެއިމާނީގެ ޖަނާޒާގައި، ފިތިބާރުވުމުގެ ސަބަބުން 40 މީހަކު މަރުވެ، 213 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިއްޖެއެވެ.

އަންގާރަ ދުވަހު އިރާނުގެ ކަރްމަން ސިޓީގައި ބޭއްވި ޖަނާޒާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާ ކަމަށް ފަރްސް ނޫސް އެޖެންސީއިން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ގިނަ ބަޔަކު މަރުވާން ދިމާވީވެސް މި ސަބަބާއި ހުރެކަމަށް އެގައުމުގެ އިމަރޖެންސީ ސަރވިސަސްގެ ހެޑް, ޕިރްހޮސެއިން ކޫލްވިންދް ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ.

އިރާނުގެ ބައެއް ފަރާތްތަކުން އިންޓަރނެޓަށް ލާފައިވާ ބައެއް ވީޑިއޯތަކުން މީހުންގެ މަރުވެފައިވާ ހަށިގަނޑުތައް ކައިރީގައި ތިބެގެން އެހީއަށް އެދި ގޮވާ މަންޒަރު ފެނެއެވެ. މި ޖަނާޒާއަށް ލައްކައަކަށް ވުރެ ގިނަ މީހުން ކަރްމަން އަވަށަށް ޖަމާވި ކަމަށްވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ދިމާވި ހިތާމަވެރި ހާދިސާއާއި ގުޅިގެން ކުޑަ ވަގުތުކޮޅަކަށް ސުލެއިމާނީގެ ޖަނާޒާ ފަސްކުރި ކަމުގައިވީނަމަވެސް، މިހާރު އޭނާގެ ޖަނާޒާގެ ކަންކަން ކުރިޔަށްދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ހުުކުރު ދުވަހު ދިން ވައިގެ ހަމަލާއެއްގައި، ސުލެއިމާނީ އަވަހާރަކޮށްލާފައި ވަނީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެއެވެ. ސުލެއިމާނީ އަވަހާރަކޮށްލަން އެމެރިކާއިން ނިންމީ ގައުމީ ސަލާމަތަށް ސީދާ ކޮން ނުރައްކަލެއް ކުރިމަތިވެގެން ކަމެއް މިހާތަނަށް ސާފު ކޮށްދެވިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް