Advertisement
ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 13:13
ޑިންގީ ނެގުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ
ޑިންގީ ނެގުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ
އެމްއެންޑީއެފް
އެމްއެންޑީއެފް
ނަސްރުﷲ ގެއްލުނު ޑިންގީގެ ބައެއް ފެނިއްޖެ
ޑިންގީގެ ބައެއް އޮތީ ކަނޑުގެ 40 މީޓަރު އަޑީގައި

މި މަހުގެ 2 ވަނަ ދުވަހުގެ ރޭ ބ. ދޮންފަނު ކައިރިން ޑިންގީއަކާއި ލޯންޗެއް ޖެހި އެކްސިޑެންޓްގައި އަޑިއަށްދިޔަ ޑިންގީގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް އެމްއެންޑީއެފުން ހޯދައިފިއެވެ.

މި ޑިންގީން ދަތުރުކުރި 4 މީހުންގެ ތެރެއިން އެކަކު ގެއްލިފައިވާ އިރު، އޭނާ ހޯދުމުގެ މަސައްކަތް ވެސް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. ގެއްލިގެން ހޯދަމުންދަނީ ބ. އޭދަފުއްޓަށް ނިޞްބަތްވާ އުމުރުން 41 އަހަރުގެ ނަޞްރުﷲ ޢަބްދުﷲއެވެ. އޭނާ ގެއްލިގެން ހޯދަމުންދާތާ 5 ދުވަސްވެފައިވާ އިރު، އެމްއެންޑީއެފުން ދަނީ ހުރިހާ ވަޞީލަތެއްގެ ބޭނުން ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނީ އެކްސިޑެންޓުގައި ޑިންގީ އަޑިއަށް ދިޔަ ޞަރަޙައްދު ބެލުމުގެ ތެރޭގައި ޑިންގީގެ ބައެއް، އެ ޞަރަޙައްދުން މިއަދު ޑައިވް ކުރި އިރު ފެނިފައިވާ ކަމަށެވެ. އަދި ޑިންގީގެ އިންޖީން މަތިގަނޑު ކަމަށް ބެލެވޭ އެއްޗެއް ޑައިވަރުން ނަގާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ޑިންގީ ފެނިފައިވަނީ ކަނޑުގެ 40 މީޓަރު އަޑިން ދޮންފަނު އަދި އަނގަފަރާ ދެމެދުން ކަމަށެވެ. އަދި އިންޖީނުގެ މަތިގަނޑަކީ ޑިންގީއަށް ނިޞްބަތްވާ އެއްޗެއްތޯ ބަލަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

އެމްއެންޑީއެފުން ބުނީ ޑިންގީގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވަނީ ދޮންފަނުގެ ހުޅަނގުން 0.35 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އަދި އަޑީގައި އޮތީ ޑިންގީ އެއްކޮށްތޯ ނުވަތަ ޑިންގީގެ ބައެއްތޯ އިނގޭނީ އިތުރަށް ޑައިވްކޮށްގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ 7:07 ކަން ހާއިރު، ބ. ދޮންފަނު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހިގެން ހިނގި އެކްސިޑެންޓުގަ ގެއްލިގެން ހޯދަމުންދާ ނަޞްރުގެ އިތުރުން އެ ޑިންގީގައި އިތުރު 3 މީހުން ތިއްބެވެ. ނަމަވެސް އެކްސިޑެންޓުވި ލޯންޗުން ވަނީ، އެ 3 މީހުން ލޯންޗަށް ނަގާފައެވެ.

ފުލުހުން ބުނީ އެކްސިޑެންޓު ވެފައިވަނީ ބ. ދަރަވަންދޫއިން ފުރައިގެން ދިޔަ ޑިންޑީއަކާއި އެ އަތޮޅު އޭދަފުށީ ލޯންޗެއް ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓްވި ޑިންގީ އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް