Advertisement
ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 14:33
އެންއައިސީގެ ރައީސް އަހުމަދު ސުލައިމާނާއި އެކޮމިޝަނުގެ ބައެއް މެމްބަރުން
އެންއައިސީގެ ރައީސް އަހުމަދު ސުލައިމާނާއި އެކޮމިޝަނުގެ ބައެއް މެމްބަރުން
ރައްޔިތުންގެ މަޖިލިސް
އެންއައިސީ
އިންޓެގްރިޓީ ކޮމިޝަން ނިދިން ތެދުވެއްޖެ، ހަމަނުޖެހުންތަކާ ގުޅިގެން ކޮމިޝަން މާފުށީ ޖަލަށް!
އެންއައިސީ އުފެދުނީ 6 ސެޕްޓެމްބަރު 2015 ގައި ވުޖޫދުވި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ގާނޫނުގެ ދަށުން
އެކޮމިޝަނަށް ގިނަ ފަރާތްތަކަކުން މައްސަލަތައް ހުށަހެޅި ނަމަވެސް އެކޮމިޝަނަކީ މާ އެދެވޭ ގޮތެއްގައި މަސައްކަތްކުރި ކޮމިޝަނެއް ނޫން
އެންއައިސީއަށް ގާނޫނުން މަތި ކޮށްފައިވަނީ، ދައުލަތުގެ ޔުނީފޯމް އިދާރާތަކުގެ މުވައްޒަފުންނާ ގުޅޭ މައްސަލަތައް ބެލުމަށް، އޭގެތެރޭގައި ހިމެނެނީ ފުލުހުން، އިމިގްރޭޝަން، ކަރެކްޝަންސް އަދި ކަސްޓަމްސް

މާފުށީ ޖަލުގަ، ބަންދުކޮފައި ތިބި މީހުންނާމެދު ބާރުގެ ބޭނުންކުރި ކަމަށްބުނާ މައްސަލާގައި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ބޭފުޅުން މާފުށި ޖަލަށް ވަޑައިގަންނަވައިފި އެވެ.

Advertisement

އެންއައިސީން އަންގާރަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، މާފުށީ ޖަލުގައި ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް މީޑިއާތަކުގައި ފަތުރެމުންދާ ޚަބަރުތަކާއި ގުޅިގެން އެކޮމިޝަނުން މާފުށި ޖަލަށް ޒިޔާރާތް ކުރައްވާފައިވާ ކަމަށެވެ.

އެންއައިސީގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ދެއްވާފައިނުވާތީ މިމައްސަލައާ ގުޅޭ އިތުރު ތަފުޞީލެއް އެކޮމިޝަނުން ވަނީ ލިބޭގޮތް ނުވެފަ އެވެ.

މާފުށި ޖަލުގަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން އާދީއްތަ ދުވަހު ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގަ، ބާރުގެ ބޭނުންކޮށްފައިވާ ކަމަށް އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް (އައިސީއެސް) އަޙްމަދު މުޙައްމަދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، އިންސްޕެކްޓަރ އޮފް ޕްރިޒަންސް އެހެން ވިދާޅުވެފައި މިވަނީ މާފުށި ޖަލުގައި ރިމާންޑުގަ ތިބި މީހުންނާއި، ކަރެކްޝަންސްގެ އޮފިސަރުންނާއި ދެމެދު ކުރިމަތިލުމެއް ހިނގާފައި ނުވާ ކަމަށް ކަރެކްޝަންސްއިން ބުނެފައި ވަނިކޮށެވެ.

މާފުށި ޖަލުގަ ހިނގާދިޔަ ކަންތައްތަކާ ގުޅޭގޮތުން ކުރެއްވި ޓްވީޓްތަކެއްގަ އަޙްމަދު ވިދާޅުވެފައިވަނީ ހުކުރު ދުވަހުން ފެށިގެން މާފުށި ޖަލުގަ ކަރެކްޝަންސްގެ އޮފިސަރުންނާއި، ރިމާންޑް ބަންދުގައި ތިބި މީހުންނާ ދެމެދު ހިތްހަމަނުޖެހުންތަކެއް ހުރިކަން އެނގިގެން އެކަން މޮނިޓަރ ކުރަމުން ދިޔަ ކަމަށެވެ. އެގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ކަރެކްޝަންސްގެ އޮފިސަރުން ގޮޅިތައް ކައިރިއަށް ދިއުމުން އެކި ކަހަލަ ކާތަކެތި ޖަހާ ކަމަށާއި ވާޖިބުތަކަށް ހުރަސް އަޅާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

މާފުށި ޖަލުގައި ބަންދުގަ ތިބި މީހުންނާއި ކަރެކްޝަންސްގެ އޮފިސަރުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާ، ކަރުނަ ގޭސް ޖަހާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި ޢާންމުވެފައެވެ. އަދި މި ހަމަނުޖެހުންތައް މާފުށި ޖަލުގައި ހިނގަމުން ދިޔައިރު ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒު އެތަނުގަ ހުންނެވި ފޮޓޯތައްވެސް ސޯޝަލް މީޑިޔާގައި ވަނީ ދައުރުވެފައެވެ. މާފުށި ޖަލުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ކަރެކްޝަނަލް ސަރވިސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖަލު އޮފިސަރުން ބަންދުގައި ތިބި މީހުން ކޮންޓްރޯލް ކުރުމުގައި ޢަމަލުކޮށްފައިވަނީ ކެތްތެރިކަމާއެކުގައި ކަމަށެވެ.

އެންއައިސީއަކީ އެކޮމިޝަނުގެ ގާނޫނު 6 ސެޕްޓެމްބަރު 2015 ގައި ވުޖޫދުވުމާއެކު އުފެދުނު ކޮމިޝަނެކެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ކަރެޝަންސަލް ސަރވިސް އާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނާ ގުޅޭ މައްސަލައް ބެލުމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޤާނޫނުން މަތިކޮށްފައިވަނީ އެ ކޮމިޝަނާއެވެ.

ނަމަވެސް، އެ މުއައްސަސާތަކާ ގުޅޭ އެތައް މައްސަލަތަކެއް ފެންމަތިވެފައި ވީނަމަވެސް އެންއައިސީއަކީ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަމުންދިޔަ ކޮމިޝަނެއް ނޫނެވެ. އެހެންކަމުން އެ ކޮމިޝަނާމެދު ރައްޔިތުންގެ އިތުބާރު ވަނީ ގެއްލިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް