މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 109 ރަބަރު ޕެކެޓާއެކު ހއ. ފިއްލަދޫން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ހއ. ފިއްލަދޫން މީހަކު ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފިއްލަދޫގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހޯމަ ދުވަހުގެ ހެނދުނު 07:30 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނުގައެވެ. އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ކޯޓު ޢަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 109 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލަ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.
މީގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރ. މީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީދޫން ވެސް ވަނީ މީހަކު ހައްޔަރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ޖަނަވަރީ މަހުގެ 05 ވަނަ ދުވަހުގެ މެންދުރު 2:05 ހާއިރު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެރަށު މަގުމަތިންނެވެ. މި އޮޕަރޭޝަނުގެ ތެރެއިން އޭނާ ފުލުހުންގެ ބެލުމުގެދަށަށް ގެންނަން އުޅުމުން އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލާލުމުން އެ ނަގައި ބަލާ ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބެނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ރ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގަ، ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަ ރ. މީދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.