ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 09:05
އީރާނުގެ ރައީސް ހަސަން ރޫހާނީ
އީރާނުގެ ރައީސް ހަސަން ރޫހާނީ
އަލްޖަޒީރާ
ޤާސިމް ސުލައިމާނީގެ މަރު
އީރާންގެ ރައީސް ޓްރަމްޕަށް: އިރާނަށް ބިރުދެއްކުން ހުއްޓާލައްވާ!
އީރާނުން ބުނީ ސުލައިމާނީގެ މަރުގެ ބަދަލު އެމެރިކާގެ ކިބައިން ހިފާނެކަމަށް
އީރާނުގެ މުހިއްމު 52 ޞަރަޙައްދަކަށް އެމެރިކާއިން ހަމަލާދޭނެކަމަށް ބުނެފައިވޭ
އީރާނަށް ބިރު ދައްކައިގެން ނުވާނެ ކަމަށް ހަސަން ރޫހާނީ ވިދާޅުވި

އެކި ގޮތްގޮތުން އީރާނަށް ބިރު ދައްކަން މަސައްކަތް ނުކުރެއްވުމަށް، އީރާނުގެ ރައީސް ހަސަން ރޫހާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވާލައްވައިފިއެވެ.

އެމެރިކާއިން އީރާނުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އީރާނުން ވަނީ ސުލައިމާނީގެ މަރުގެ ބަދަލު އެމެރިކާގެ ކިބައިން ހިފާނެކަން އިޢުލާނު ކޮށްފައެވެ. އަދި ޙަމަލާދޭނެކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

މިމައްސަލައާ ގުޅިގެން އާދިއްތަ ދުވަހު ޓްރަންޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީރާނުން އެމެރިކާގެ ޞަރަޙައްދަކަށް ނުވަތަ ރައްޔިތުންނަށް ޢަމާޒުކޮށް ހަމަލާދީފިނަމަ، އީރާނަށާއި އެޤައުމުގެ ޘަޤާފަތަށް ވަރަށް މުހިއްމު 52 ޞަރަޙައްދަކަށް އެމެރިކާއިން ވަރަށް ވަރުގަދަ ޙަމަލާތަކެއްދޭނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ރޫހާނީ ވިދާޅުވީ، އީރާނަށް ބިރު ދައްކައިގެން ނުވާނެ ކަމަށާއި، 52 ޞަރަޙައްދަކަށް ހަމަލާދޭ ވާހަކަ ދައްކަވާ ފަރާތްތަކުން 290 ނަންބަރުވެސް ހަނދާނަށް ގެންނަންޖެހޭ ކަމަށެވެ. އެގޮތުން ރޫހާނީ އެ އަލިއަޅުވާލެއްވީ 1988 ވަނަ އަހަރު އެމެރިކާގެ ހަނގުރާމަ މަތީ އުޅަނދަކުން އީރާނުގެ އެއަރލައިނަކަށް ޙަމަލާދީ 290 މީހުން މަރާލި ހާދިސާއަށް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވަނީ އެމެރިކާއިން ޙަމަލާދިނުމަށް ޢަމާޒުކޮށްފައިވާ 52 ޞަރަޙައްދަކީ 1979 ގައި އީރާނުން އެޤައުމުގައި ހުންނަ އެމެރިކާގެ އެމްބަސީން ރަހީނު ކުރި 52 މީހުންގެ ބަދަލު ކަމަށެވެ. އަދި އެ މީހުން 444 ދުވަސް ވަންދެން ރަހީނުކޮށްގެން ވަނީ ގެންގުޅިފައެވެ.

އެމެރިކާއިން އީރާނުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން ދުނިޔޭގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު، މި ޙަމަލާއަކީ ސީދާ ޓްރަމްޕްގެ އޯޑަރަށް ދިން ޙަމަލާއެއް ކަމަށް ރިޕޯރޓުތައް ބުނެއެވެ. އެމެރިކާއިން ބުނެފައިވަނީ، ސުލައިމާނީ އަވަހާރަކޮށްލި ޙަމަލާއަކީ އެމެރިކާގެ ދިފާޢުގަ ދިން ޙަމަލާއެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް