ހުޅުމާލެގައި ސްޓޭޑިއަމް އަޅާ ކުންފުނީގެ އިސްވެރިންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައިފިއެވެ.
ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ސްޓޭޑިއަމްގެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އޮފިޝަލުންނާއި، ޗައިނާގެ ސަފީރު ޒަންގް ލިޒޮންގ ވަނީ ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅިގެން ކުރިޔަށް ދެވޭނެ ދާއިރާތަކާއި ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ހާއްސަ ގޮތެއްގައި އުމްރާނީ ތަރައްގީއާ ބެހޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ބާއްވަމުން އަންނަ ގުޅުން ފާހަގަކުރައްވާފާއެވެ. އަދި ޗައިނާ އަކީ ތަރައްގީ ގޮތުން ރާއްޖެއަށް އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ގައުމެއްކަން އެމަނިކުފާނު ވިދާޅުވިއެވެ. ޗައިނާއިން އުމްރާނީ ތަރައްގީ އަށް ދެމުންދާ އެހީތެރިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވި އެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހުޅުމާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ސްޓޭޑިއަމް މަޝްރޫއުގެ މަސައްކަތްތައް ފެށުމާއި ގުޅޭ އެއްބަސްވުމެއްގައި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން އާއިއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ.