Advertisement
ކ. މާލެ
|
21 މާރޗް 2017 | އަންގާރަ 22:44
އައިޖީއެމްއެޗް ހޮސްޕިޓަލް
އައިޖީއެމްއެޗް ހޮސްޕިޓަލް
މުހައްމަދު ޝަރުހާން
އިންފްލުއެންޒާ އެޗްވަންއެންވަނ
އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން މިހާރު 32 މީހަކު ވަނީ އެޑްމިޓްކޮށްފައި
މިހާރު 155 މީހުން ވަނީ އެޗްވަންއެންވަން އަށް ޕޮސިޓިވް ވެފައި
އެޑްމިޓްކޮށްގެން 32 މީހުންނަށް ދަނީ ފަރުވާ ދެމުން

މިހާރު ރާއްޖޭގައި ފެތުރެމުންދާ ރޯގާ އާއި ގުޅިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް އިތުރު އަށް މީހަކަށް އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިފައިވާ އިރު މި ރޯގާ ގައި  32މީހަކު އެޑްމިޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 437 މީހަކު ރޯގާއަށް ޓެސްޓް ކުރެވިފައިވާއިރު އެޗްވަންއެންވަން އަށް ޖުމްލަ 155 މީހުން ވަނީ ޕޮސިޓިވް ވެފަ އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުން މި ރޯގާ ފެތުރެމުންދާ އިރު ހޯމަ ދުވަހު ވަނީ މާލެއިން އެކަނި 553 މީހުން ފްލޫ ކްލިނިކަށް ދައްކާފަ އެވެ. މީގެ ތެރޭގައި އައިޖީއެމްއެޗުގެ ފްލޫ ކްލިނިކަށް 316 މީހުން، އޭޑީކޭ އިން 167 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ. އަރިދަފުސް ރޯގާ އާއި އެހެން ވައިރަލް ހުން ޖެހިގެން، އަތޮޅުތަކުގެ ފްލޫ ކްލިނިކަށް 887 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައިވެ އެވެ.

މިހާތަނަށް ފްލޫ ކްލިނިކްތަކަށް އެންމެ ގިނައިން ދައްކާފައިވަނީ، ބުރާސްފަތި ދުވަހު އެވެ. އެދުވަހު އަތޮޅުތަކުގެ ފްލޫ ކްލިނިކުން 1551 މީހުން ޑޮކްޓަރަށް ދައްކާފަ އެވެ.

ހޯމަ ދުވަހު އަތޮޅުތަކުން އެންމެ ގިނައިން ޑޮކްޓަރަށް ދައްކާފައިވަނީ، ރ އަތޮޅާއި ލ އަތޮޅެ އެވެ. އެގޮތުން ލ އަތޮޅުގެ ފްލޫ ކްލިނިކަށް 95 މިހުން ޑޮކްޓަރަށް ދައްކާފައިވާ އިރު ރ އަތޮޅުގައި ޑޮކްޓަރަށް ދައްކާފައިވަނީ 92 މީހުންނެވެ. މީގެ އިތުރުން ތ އަތޮޅުގެ ފްލޫ ކްލިނިކް ތަކަށް 69 މީހުން ޑޮކްޓަރަށް ދައްކާފައިވާ އިރު ހދ އަތޮޅުގެ ފްލޫ ކްލިނިކް ތަކަށް 76 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ.

މިހާރު ފެތުރެމުންދާ ރޯގާތަކާ ގުޅޭ ގޮތުން ޑޮކްޓަރުން ވިދާޅުވަނީ މި ބައްޔަށް ރައްކާތެރިވުމުގެ ގޮތުން އަމިއްލަ ސާފުތާހިރު ކަމަށް ސަމާލުވާން ޖެހޭ ކަމަށާއި ބަލިން ރައްކާތެރިވުމުގެ ގޮތުން ބަލީގެ އަލާމާތްތައް ފެންނަ ކަމުގައިވާ ނަމަ މީހުންގެ ތެރެއަށް ނުކުންނަ އިރު މާސްކް އެޅުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

އެޗްޕީއޭ އިން ވަނީ މި ބައްޔަކީ ވެސް އާއްމުކޮށް މިއުޅޭ ފަދަ ފްލޫއަކަށް ވުމާ އެކު އެބައްޔަށް ފަރުވާ ހޯދުމުގައި ބޮޑުވަރު ނުވާ މީހުން ކޮންމެހެން ފްލޫ ކްލިނިކްތަކަށް ނުދިއުމަށް އެދިފަ އެވެ. އެގޮތުން ހާލު ދެރަނުވާ ހާލަތުގައި ފްލޫ ކްލިނަކަށް ދިއުމުން، ބަލި ޖެހިފައިވާ މީހުންގެ ފަރާތުން އިންފްލުއެންޒާ ޖެހުމަށް އޮތް ފުރުސަތު ބޮޑުވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ވަނީ އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިފައިވާ މީހުންގެ ތެރެއިން ގިނަ މީހުން ރަގަޅުވެފައިވާކަން ފާހަގަކޮށްފަ އެވެ.

ރާއްޖޭގައި ފެތުރެމުންދާ ރޯގާ އާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކަށް މި ބަލިޖެހެމުންދާ އިރު ބަލިން ރައްކާތެރި ވުމަށްޓަކައި މީހުން ގިނައިން އުޅޭ ސަރަހައްދުތަކަށް ނުދިއުމަށާއި، ހުން އައިސް ރޯގާ ޖެހިއްޖެ ނަމަ ގިނަގިނަ އިން ދިޔާ އެއްޗެހި ބުއި މަށާއި، ހުން ގަދަވާނަމަ ހަށިގަނޑުގައި ފެން ހޭކުމަށް ޑޮކްޓަރުން ލަފާ ދެއްވައެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާ އާއި ގުޅިގެން ތިން މީހުން ވަނީ މަރުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް