ކިންގް ސަލްމާން މިސްކިތުގެ މަސައްކަތްތައް މި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މަޢުލޫމާތު ދެމުން އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ މިސްކިތުގެ ކޮންޓްރެކްޓްގެ ސްކޯޕްގައި ހުރި ހުރިހާ މަސައްކަތްތައް މި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި މިހާރު ކުރިއަށްދަނީ މިސްކިތުގެ ބޭރުގެ ލޭންޑް ސްކޭޕިންގްއާ ލައިޓުޖެހުމާއި ސާފުކުރުމާއި ޕެރެޕެޓްވޯލްގެ ޓްރެވަރޓެއިން ޓައިލްސް ޖެހުމަށާއި މިސްކިތުގެ އިންޓީރިއަރ ފިނިޝިންގެ މަސައްކަތްތައް ކަަމަށެވެ.
ޕްލޭނިންގް މިނިސްޓްރީން އިތުރަށް ބުނީ ގްރައުންޑް ފްލޯގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާއިރު ފުރަތަމަ ފަންގިފިލާގެ ޑިޒައިނިންގއަށް ބޭނުންވާ ބައެއް ކެލިގްރަފީ ލިޔުންތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ތިންވަނަ އަދި ހަތަރު ވަނަ ފަންގިފިލާގެ ވެސް ހުރިހާ މަސައްކަތެއް ނިމިފައިވާކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ މިހާރު ކުރަމުން ގެންދަނީ ސާފުކުރުމުގެ މަސައްކަތް ކަމަށެވެ.
ޕާކިންގް ޒޯންގެ ކޮންސެޕްޓް ޑިޒައިންކޮށް، މި މަހުގެ ތެރޭގައި މަސައްކަތް ފެށޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ޖުމުލަ 4000 މީހުންނަށް ނަމާދު ކުރެވޭއިރު ތިންވަނަ ފަންގިފިލާގަ 40 ޖާގައިގެ 4 ކްލާސްރޫމާއި، 15 ޖާގައިގެ 5 ސެމިނަރ ރޫމް ހުންނާނެއެވެ. ހަތަރު ވަނަ ފަންގިފިލާގަ ލައިބްރަރީއަކާއި،350 މީހުންގެ ޖާގައިގެ އޮޑިޓޯރަމެއް ހުންނާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ ކިންގް ސަލްމާން މިސްކިތުގެ ފަސްވަނަ ފަންގިފިލާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 300 މީހުންގެ ޖާގައިގެ މަލްޓި ޕާރޕަސް ހޯލެއްގެ ގޮތުގައި ކަމަށެވެ.
މި މިސްކިތަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދުގެ ހިލޭ އެހީގެ ދަށުން ބިނާކުރާ މިސްކިތެކެވެ. މިސްކިތުގެ މަސައްކަތް ކުރަމުންދަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން މިސްކިތް ބިނާކުރުމުގެ މަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2017 ގައެވެ.
މިސްކިތުގެ މަސައްކަތުގެ އަގަކީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އެވެ. އެ މިސްކިތުގެ މަސައްކަތް ފެށީ މީގެ ތިން އަހަރު ކުރިންނެވެ.