އިންޑިޔާގައި އެސިޑް ހަމަލާ ދިނުމަކީ އާންމު ކަމަކަށްވާއިރު ރިޕޯޓްތައް ބުނާގޮތުން އަހަރެއްގެ މައްޗަށް އިންޑިޔާގައި އެސިޑް ހަމަލާދީގެން 300 މައްސަލަ ރިޕޯޓް ކުރެއެވެ. ނަމަވެސް މިއަދަދު އަސްލު އުޅޭނީ 1000 ހާ ކައިރިކުރާ އަދަދެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ޗަޕާކް އަކީ މިފަދަ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ލޯބީގެ މައްސަލައެއްގައި އުމުރުން އެންމެ 15 އަހަރުގައި ލަކްޝްމީ އަގްރަވާލް އަށް ކުރިމަތިވި އެސިޑް ހަމަލާއަކީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ހާދިސާ އެވެ. މިހަގީގީ ހާދިސާގެ މައްޗަށް ކުޅެފައިވާ މިފިލްމުގައި ލަކްޝްމީގެ ރޯލުން ފެނިގެންދަނީ ދީޕިކާ ޕަދުކޯން އެވެ.
ފިލްމު ޗަޕާކްގެ ޓްރެއިލަރ ރިލީޒްކުރުމާއެކު އެތައް ބައެއްގެ ތައުރީފް އެ ޓްރެއިލަރ އަށް އަމާޒުވެފައިވާއިރު މިފިލްމު ނިކުންނާނެ ދުވަހަކަށް އިންތިޒާރު ކުރާވެސް އެތައް ބަޔަކު އެބަތިއްބެވެ. ޗަޕާކްގެ ފުރަތަމަ ލަވަ މީގެކުޑަދުވަސް ކޮޅެއް ކުރިން ރިލީޒްކޮށްފައިވާއިރު އެ ލަވައަށްވެސް ބެލުންތެރިންގެ ފަރާތުން ވަނީ ބޮޑު ތަރުޚީބެއް ލިބިގެންގޮސްފަ އެވެ.
ހުކުރު ދުވަހު ވަނީ ޗަޕާކްގެ ދެވަނަ ލަވަ އަދި ޓައިޓަލް ލަވަ ލޯންޗުކޮށްފަ އެވެ. މިލަވަ ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި ފިލްމުގެ ޑައިރެކްޓަރ މެގްނާ ގުލްޒާރް އާއި ޝަންކަރް މަހަދެވަން އަދި ގުލްޒާރް އާއި ދީޕިކާ އަދި މިފިލްމު އެމީހަކަށް ބިނާވެފައިވާ ލަކްޝްމީވެސް ވަނީ ބައިވެރިވެފަ އެވެ.
ޝަންކަރު-އެހްސާން-ލޯއި ހަދާފައިވާ މިޔުޒިކާއެކު މި ލަވަކިޔާފައި ވަނީ އަރިޖިތު ސިންގެވެ. ލަވަ އަޑުއެހުމަށްފަހު ލަކްޝްމީ ވަނީ ދެރަވެގެންގޮސް ބަޑިފަޅައިގެންގޮސްފަ އެވެ. އަދި ދީޕިކާގެ ކޮނޑުމަތީ ބޯއަޅައިގެން ލަކްޝްމީ ރޯން ފެށުމުން ދީޕިކާ ވަނީ ލަކްޝްމީގެ ރުއިން ހުއްޓާލެއްވުމަށް މަސައްކަތްކޮށްފަ އެވެ. ފިލްމުގެ ލަވަ ލޯންޗުކުރުމަށް ބޭއްވި މިހަފްލާގައި ހިނގާމިދިޔަ ކަންތަކާއި ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން ވަނީ ދީޕިކާ އާއި ލަކްޝްމީ އަށް އަމާޒުވެފަ އެވެ.
ލަކްޝްމީ ރޯން ފެށުމުން ދީޕިކާގެ ލޮލުންވެސް ކަރުނަ އައިތަން ވަނީ ފެނިގެންގޮސްފަ އެވެ. ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓްތަކުގައި ވާހަކަ ދައްކަމުން ދީޕިކާ ބުނެފައިވަނީ މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް އޭނާ ކުޅޭ ފިލްމަކަށްވާއިރު ފިލްމުގައި ލަކްޝްމީގެ ރޯލް ހަގީގަތާއި އެއްގޮތަށް ގެނައުމަށް އޭނާއަށްވެސް އުނދަގޫވިކަމަށެވެ.