ޑިންގީއެއްގައި ކަނޑުމައްޗަށް ނިކުމެގެން އުޅެނިކޮށް ގެއްލުނު ބ. އޭދަފުއްޓަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ނަސްރުﷲ އަބްދުﷲ ހޯދުމަށް އެމްއެންޑީއެފުން ހިންގަމުންދާ އޮޕަރޭޝަން މިއަދުވެސް ކުރިޔަށްދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފްގެ އިސް ތަރްޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ނަސްރުﷲ ވެސް އަދި ނަސްރުﷲ ހުރި ޑިންގީވެސް ފެނިފައިނުވާ ކަމަށެވެ. އަދި ނަސްރުﷲ ހޯދުމަށް އެމްއެންޑީއެފުން ކުރިޔަށް ގެންދާ އޮޕަރޭޝަން ހުއްޓާނުލާ ކުރިޔަށް ގެންދާކަމަށް އާޒިމް ވިދާޅުވިއެވެ.
މިއޮޕަރޭޝަންގައި ކޯސްޓް ގާޑު ޑައިވަރުން ހޮނިހިރު ދުވަހުވެސް ޑައިވް ކުރަމުންދާކަމަށާއި ނަސްރުﷲ ހޯދުމަށް ޑައިވިންގ ރޮބަޓްގެ ބޭނުންވެސް ކުރަމުންދާކަމަށެވެ. އަދި ކޯސްޓް ގާޑު ލޯންޗުން ދަނީ ކަނޑުގެ އޭރިއާގެ ސާފޭސް ބަލަމުންކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ނަސްރުﷲ ގެއްލިފައިވަނީ ބ. ދޮންފަނު ކައިރިއަށް މަސްބާނަން ނިކުމެ އުޅެނިކޮށް އޭނާ ހުރި ޑިންގީ، ލޯންޗަކާއި ޖެހި ހިނގި އެކްސިޑެންޓެއްގައެވެ.
އެ ހާދިސާ ހިނގިއިރު ޑިންގީގައި އިތުުރު ދެމީހަކު ތިއްބެވެ. އެކަމަކު އެ ދެމީހުން ވަނީ ސަލާމަތްވެފައެވެ. އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ، ބުރާސްފަތި ދުވަހުގެރޭ 19:06 ހާއިރުއެވެ. ރިޕޯޓް ލިބުނު ހިސާބުން ފެށިގެން ކޯސްޓްގާޑުން ދަނީ އެކި ވަސީލަތްތައް ބޭނުންކޮށްގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ނަސްރު ހޯދުމަށް ކުރިޔަށްގެންދާ އޮޕަރޭޝަންގެ ފަހުގެ މައުލޫމާތުދިނުމަށް ހުކުރު ދުވަހު ބަންޑާރަ ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ލެފްޓިނަންޓް ކާނަލް އަހުމަދު މުޖުތަބާ މުހައްމަދު ވިދާޅުވީ، ބޮޑަށް ލަފާކުރެވޭ ގޮތުން އެ އެކްސިޑެންޓް ހިނގާފައިވަނީ ބ.ދޮންފަނުގެ ހުޅަނގު ދެކުނުން އޮންނަ އަނގަފަރު ކިޔާ ފަރުކައިރިން ކަމަށެެވެ. އެކަމަކު ސީދާ ''ޕިންޕޮއިންޓްކޮށް" ލޮކޭޝަން ނޭނގޭތީވެ ހޯދުމުގެ އޮޕަރޭޝަން ''ކޮމްޕްލިކޭޓް'' ވެފައިވާ ކަމަށް ވިދާޅުވިއެވެ.