ހުޅުމާލެ ހޮސްޕިޓަލްގައި މިމަހުގެ މެދު ތެރޭގައި ޗައިނާއިން ގާއިމު ކުރާ ލޮލުގެ ފަރުވާދޭ ސެންޓަރު ހުޅުވިގެންދާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާން ލިއޮން ވިދާޅުވެއްޖެ އެވެ.
ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ ޗައިނާ ސަރުކާރުން ހުރިހާ ޚަރަދެއްކޮށް ޗައިނާއިން އެސެންޓަރު ހިންގުމަށް ހުރިހާ އެހީތެރިކަމެއްދޭ ގޮތަށް ރާއްޖޭގައި ގާއިމުކުރާ ފުރަތަމަ ސެންޓަރުކަމަށެވެ. އަދި މި ސެންޓަރު ގާއިމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ ޗެން ވެއިރޮންގް އާ ސަފީރު ވަނީ ބައްދަލުކުރައްވާފަ އެވެ.
މީގެއިތުރުން ޑރ ޗެން އަކީ ލޮލުގެ ބަލިތަކަށް ފަރުވާދިނުމުގައި 30 އަހަރު ހޭދަކުރައްވާފައިވާ އެތައް ހާސް ބަޔަކަށް ފަރުވާދީފައިވާ ޑޮކްޓަރެއްކަމަށް ސަފީރު ވަނީ ވިދާޅުވެފަ އެވެ.
ސަފީރު ވިދާޅުވީ ހުޅުމާލޭގައި ގާއިމުކުރާ ލޮލުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރުން ލޮލުގެ ތަފާތު ބަލިތަކަށް ފަރުވާދޭނެ ކަމަށެވެ. އެގޮތުން ލޯފުސްވުމާއި، ގުލްކޯމާ، އޮކިޔުލަރ ސަރފޭސް ޑިޒީސްފަދަ ލޮލުގެ ބަލިތަކަށް ފަރުވާދޭނެ ކަމަށް ސަފީރު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި ދެވޭ ލޮލުގެ ފަރުވާގެ ޚިދުމަތްތައް ފުޅާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހެލްތުއާއި ޗައިނާގެ ނޭޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިންގ ކޮމިޝަންއާއި ދެމެދު މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ހުޅުމާލޭގައި މިހުޅުވާ ލޮލުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރަކީ މި އެއްބަސްވުމުގެ ދަށުން ހަދާ ސެންޓަރެކެވެ.
ޗައިނާ ސަރުކާރުގެ އެހީގައި 2015 ވަނަ އަހަރު އަދި 2017 ވަނަ އަހަރުވެސް ވަނީ ލޮލުގެ ޚާއްޞަ ކޭމްޕްތަކެއް ރާއްޖޭގައި ކުރިއަށްގެންގޮސްފައެވެ. މި ކޭމްޕްތަކުގައި ޖުމްލަ 1000 އަށް ވުރެގިނަ މީހުން ސްކްރީންކޮށް 186 މީހުންގެ ކެޓަރެކްޓް ސާޖަރީ ވަނީ ހަދާފައެވެ. އަދި 9.2 މިލިއަން ރުފިޔާގެ ލޮލުގެ ފަރުވާއާއި ގުޅޭ އާލާތްތައް ޗައިނާ ސަރުކާރުން ވަނީ ހަދިޔާކުރައްވާފައެވެ.
ދިވެހި ރާއްޖޭގައި ލޮލުގެ ޚާއްސަ ފަރުވާދޭ މަރުކަޒެއް ޤާއިމް ކުރުމަކީ ސިއްޙީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ގޮތުން ޗައިނާ ސަރުކާރާއި އެކު 2017 ގައި ސޮއި ކުރެވިފައިވާ ފަހުމުނާމާގައި ފާހަގަ ކުރެވިފައިވާ މައިގަނޑު އެއް ދާއިރާއެވެ.
މިއެއްބަސްވުމާއިއެކު ރާއްޖެއިން ފެންވަރު ރަނގަޅު ލޮލޮގެ ފަރުވާ ލިބުމުގެ މަގުފަހިވެގެންދާނެއެވެ.