ކ. މާފުށީ ޖަލުގައި ހަމަނުޖެހުމެއް ހިނގައި، ޖަލު އޮފިސަރުންގެ ގަޔަށް ލޮނުމިރުސް ފެން ޖަހައިފި އެވެ.
މާފުށީ ޖަލު ޔުނިޓް 4 ގައި ތިބި ރިމާންޑް ބަންދުމީހުން ގައިގައި ތަޅާ އަނިޔާކޮށް ޖަލުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގަމުންދާކަމަށް މީސްމީޑިއާގައި އަޑުތައް ފެތުރުމާއި ގުޅިގެން އެކަން ކަށަވަރުކުރުމަށް ރާއްޖެއެމްވީއިން ކަރެކްޝަންސްގެ މީޑިއާ އޮފިސަރަށް ގުޅާލުމުން ފޯނަށް ޖަވާބެއް ނުދެއްވައެވެ.
ރާއްޖެ.އެމްވީއަށް އެނގިފައިވާގޮތުގައި ހަމަނުޖެހުން ފެށުނީ ހެނދުނު ގަޑީގައި ގައިދީއަކަށް ދޭން ޖެހޭ ބޭހެއް ދިނުމަށް ކަރެކްޝަންގެ އޮފިސަރެއް ދިޔުމުން ލޮނުމިރުސް ފެން ޖެހި ހިސާބުންކަމަށެވެ. ލޮނުމިރުސް ފެން ޖަހާފައިވަނީ ގައިދީއަކު ޑޮކްޓަރަށް ދައްކަން އެދުމުން އެކަން ނުކޮށްދިން ކަމަށް ބުނެ އަޑުގަދަކުރުމަށްފަހު އެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގައިދީ ޑޮކްޓަރަށް ދެއްކުމަށް ނޯޓްކޮށްފައެއް ނުވެއެވެ.
ގައިދީންނަށް ދޭ ބޭސްފަރުވާގެ ޚިދުމަތާ މެދު ހިތްހަމަ ނުޖެހޭތީ ހެނދުނު ގައިދީން އިހުތިޖާޖުކޮށް އެތަނަށް ޖަލު އޮފިސަރުން ދިޔުމުން އޮފިސަރުންގެ ގަޔަށާއި ސުޕަވައިޒަރު ގަޔަށްވެސް ލޮނުމިރުސް ފެން ޖަހާފައިވާކަން އެނގިފައިވެއެވެ. އަދި އެކަމުގެ ތެރޭގައި ބޭސްދޭން ދިޔަ ޖަލު އޮފިސަރެއްގެ ގައިގައި ޖަހާފައިވާކަމަށާއި ހަމަނުޖެހުން ހިނގާފަިއިވަނީ ގައިދީއަކު އެފަދަ ގަވާއިދާއި ހިލާފުކަމެއްް ކުރުމުން އެ ގައިދީ ޖަލު ގޮޅިން ނެރެން އޮފިސަރުން މަސައްކަތް ކުރި ގަޑީގައިކަމަށް އެނގިފައިވެއެވެ. ނަމަވެސް މިކަންތައް ކަރެކްޝަންސް އިން އަދި ކަށަވަރެއް ނުކޮށްދެއެވެ.
މާފުށީ ޖަލުގައި އާންމުކޮށް ތިބެނީ ދިގުމުއްދަތަކަށް ހުކުމް ތަންފީޒުކުރާ މީހުންނެވެ.