ހދ. ހޮނޑާފުށި ރިސޯޓުން ވަޒީފާއިން ވަކިކުރި އަޙްމަދު ޝިމްހާޒު ވަޒީފާއިން ވަކިކުރީ ޤަވާއިދާ އެއްގޮތަށް ކަމަށާއި، ނޫސްތަކުގައި ޚަބަރު ފަތުރާފައިވަނީ ހަޤީޤަތާ ޚިލާފަށް ކަމަށް ހޮނޑާފުށި ރިސޯޓުން ބުނެފިއެވެ.
އެ ރިސޯޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކުންފުނިން ސަރވިސް ޗާޖް ދެމުން އަންނަނީ އެ ސަރވިސް ޗާޖް ބަލައިގަންނަ މަސް ނޫން ޖެހިގެން އަންނަ މަހުގައި ކަމަށާއި، މަސް ފެށުމަށްފަހު ވަޒީފާ ދެވޭ މުވައްޒަފަކު ނަމަ އެ މުވައްޒަފަކަށް ސަރވިސް ޗާޖް ދެމުން ދަނީ އެ މުވައްޒަފަކު އެމަހު ވަޒީފާ އަދާކުރި ދުވަހުގެ ނިޞްބަތަށް ބަލައިގެން ކަމަށެވެ.
އަދި ކުންފުނިން ނަގަމުން އަންނަ ސަރވިސް ޗާޖާއި ގުޅިގެން މިދިޔަ މަހުގެ 29 ވަނަ ދުވަހު މުވައްޒަފަކު ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރި ކަމަށް ދައްކަމުން ދަނީ ހަޤީޤާތާއި ޚިލާފު ވާހަކަތަކެއް ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. ޝިމްހާޒު ވަޒީފާއިން ވަކިކުރީ ޤަވާއިދާ އެއްގޮތަށް ކަމަށް ރިސޯޓުން ބުނި ނަމަވެސް، ވަޒީފާއިން ވަކިކުރި ސަބަބެއް އަދި ވަކި ކުރީ ކޮން ޤަވާއިދެއްގެ ދަށުން ކަމެއް ބުނެފައެއް ނުވެއެވެ.
އަދި ޝިމްހާޒު ވަޒީފާއިން ވަކިކުރި އިރު، އޭނާ ހުރީ ޕްރޮބޭޝަންގައި ކަމަށާއި، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ހޮނޑާފުށިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެ ރިސޯޓުން ބުނީ ކުންފުނި ބަދުނާމުވާގޮތަށް ވާހަކަދައްކަމުން ދަނީ ކުންފުނީގެ އަގު ވައްޓާލާ ބަދުނާމުކުރުމުގެ ނިޔަތުގައި ކަމަށް ބުނެފައިވެއެވެ. އަދި އެފަދަ ދޮގު ވާހަކަތަކާއި ޚަބަރުތައް ފެތުރުން ހުއްޓާލުމަށް ވެސް ހޮނޑާފުށި ރިސޯޓުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ ރިސޯޓުގެ މުވައްޒަފުންނަށް ސަރވިސް ޗާޖްގެ ގޮތުގައި 11 ޑޮލަރު ދީފައިވާ ކަމަށް ސޯޝަލް މީޑިއާ އަދި ނޫސްތަކުގައި ދެކެވޭ ވާހަކަތަކަކީ ވެސް ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ރިސޯޓުން ބުނެފައިވެއެވެ. އެ ރިސޯޓުން ބުނީ ނޮވެންބަރު މަހުގެ ސަރވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދީފައިވާނީ 36 ޑޮލަރު ކަމަށާއި، އެ މަހުގެ ރިސޯޓުގެ އޮކިއުޕެންސީ ރޭޓަކީ 16 ޕަސެންޓް ކަމަށެވެ.