Advertisement
ކ. މާލެ
|
20 މާރޗް 2017 | ހޯމަ 21:42
އައްޑޫސިޓީގައި މިހަފްތާގައި ހިނގި އެކްސިޑެއްޓެއްގައި ޒުވާނަކު ވަނީ މަރުވެފައި
އައްޑޫސިޓީގައި މިހަފްތާގައި ހިނގި އެކްސިޑެއްޓެއްގައި ޒުވާނަކު ވަނީ މަރުވެފައި
އަޒުމޫން އަހުމަދު
އައްޑޫގެ އެކްސިޑެންޓްތައް
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި
މަގުތައް ބަލަހައްޓާ ފަރާތުގެ އިހުމާލު ބޮޑު
ލިންކް ރޯޑް އެކަށީގެންވާ ގޮތަކަށް މަރާމާތު ނުކުރެވޭ
ލިންކްރޯޑު ހަލާކުވެ ބޮޑެތި ބާގަނޑުތައް ހެދިފައި އޮންނައިރު އެކަންކަން ރަނގަޅު ނުކުރެވޭ

އައްޑޫ ސިޓީގައި ގާތްގާތުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މީހެއްގެ ފުރާނަ ވެސް ގެއްލިފައި ވާތީ، އެކްސިޑެންޓްތައް އިތުރުވާ ސަބަބު ހޯދައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ކަމާގުޅޭ އިދާރަތަކަށް އައްޑޫސިޓީ ކައުސިލުން ގޮވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ހޯމަދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި މީސްމީހުންގެ ފުރާނަ ގެއްލެން މެދުވެރިވާ ސަބަބުތައް ހޯދައި އެކަމަށް ރައްކާތެރި ފިޔަވަޅު އެޅުމަކީ، ކަމާ ބެހޭ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ޚާއްސަކޮށް އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ ސަބަބު ހޯދައި ރައްކާތެރި ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ކައުންސިލުން ބުންޏެވެ.

އައްޑޫގައި ބުރާސްފަތި ދުވަހު ނުރައްކާތެރި އެކްސިޑެންޓް ހިނގައި ޒުވާނެއްގެ ފުރާނަ ގެއްލެން މެދުވެރިވި ސަބަބަކީ، މަގުތައް ބަލަހައްޓާ ފަރާތުގެ އިހުމާލުން މެދުވެރިވި ކަމަކަށް ވުން އެކަށީގެންވާއިރު، މި އެކްސިޑެންޓް ހިނގީ މަގުގައި ކޭބަލެއް ވަޅުލަން ވެގެން ތާރުގަނޑު ކަނޑައި، ރަނގަޅަށް ފަސްއަޅާ އެއްވަރުނުކޮށް އޮތުމުގެ ސަބަބުން ކަމަށް ވެދާނެކަމަށް މި ބަޔާނުގައި ވެއެވެ. މަންޒަރުދުށް މީހުންނާ ހަވާލާދީ ކައުސިލުން ބުނީ، ދުއްވާފައި ދިޔަ ސައިކަލް ކޭބަލް ވަޅުލަން ކޮނުނު ވަޅުގަނޑަށް އެރުމުން ކަހާލައިގެން އެމީހާ ވެއްޓުނީ ކަމަށެވެ.

ކައުންސިލުން ބުނީ މަގުތައް ބަލަހައްޓާ ފަރާތުން މަގުގެ ސަލަމާތާއި ރައްކާތެރި ކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި އޮތުމުގެ ސަބަބުން އައްޑޫގައި ބޮޑެތި އެކްސިޑެންޓްތައް ހިނގަމުން ދިއުމަކީ އައްޑޫސިޓީ ކައުންސިލުން އަބަދުވެސް ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ..

"ރަނގަޅު ފެންވަރަކަށް ހަދާފައިވާ ލިންކްރޯޑު ހަލާކުވެ ބޮޑެތި ބާގަނޑުތައް ހެދިފައި އޮންނައިރު އެކަންކަން ރަނގަޅު ނުކުރެވެއެވެ. ލިންކް ރޯޑުގައި ބޮޑެތި ވަޅުގަނޑުތައް ހުރުމުން އޭގެ ނުރައްކަލަށް މަގުން ދަތުރުކުރާ އެންމެން މިވަނީ ހުށަހެޅިފައެވެ. ބާރު ސްޕީޑްގައި ދުއްވާ މީހާ އަށާއި ގަވާއިދާއި އެއްގޮތަށް ދުއްވާ މީހާ ވެސް މެއެވެ." އައްޑޫ ސިޓީ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

އެހެން ނަމަވެސް ލިންކް ރޯޑް އެކަށީގެންވާ ގޮތަކަށް މަރާމާތު ނުކުރެވޭކަމުގެ ތުހުމަތު ސިޓީކައުންސިލުން ކުރާއިރު، މަގުމަތީގައި ކުރެވޭ މަސައްކަތްތަކަށާއި މަގުކޮނުމުގެ މަސައްކަތްތަކަށް ހުއްދަ ދިނުމަކީ ވެސް ހައުސިން މިނިސްޓްރީގެ ދަށުން ހިންގާ ކަނަކަން ކަމަށާއި، އެހެންނަމަވެސް މަގުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ގަވާއިދުން ހުއްދަދީ ސުޕަވައިޒްކޮށް ނުބެލެހެއްޓޭ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ، މިފަދަ ހިތާމަވެރި އެކްސިޑެންޓްތައް މަދުކުރުމަށް ދުއްވާ ފަރާތްތަކުން ސަމާލުވާން ޖެހޭ ކަންކަމަށް ސަމާލުވުމަށާއި މަގުތައް ރަނގަޅަށް ބެލެހެއްޓުމަށް ކަމާ ބެހޭ ފަރާތްތަކަށް އިލްތިމާސްކުރާކަމަށެވެ. އަދި މަގުގައި ހަލާކުވެފައިވާ ތަންތަން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރަނގަޅުކޮށްދިނުމަށް ހައުސިންގެ މިނިސްޓްރީ އަށް އިލްތިމާސްކުރާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން 2015 ވަނަ އަހަރުން ފެށިގެން އައްޑޫސިޓީގެ މަގުތައް ބެލެހެއްޓުން ވަނީ މިނިސްޓްރީ އޮފް ހައުސިންގ އާއި ހަވާލުކުރެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް