ކ. މާލެ
|
20 މާރޗް 2017 | ހޯމަ 18:47
ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމް "ދަތު"
ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމް "ދަތު"
ގޫގުލް
ސަންޖޭ ދަތުގެ ފިލްމް
ސަންޖޭ ދަތުގެ ފިލްމުގައި ރަމްބީރު ހަ ގޮތަކަށް ފެންނާނެ
ފިލްމަށް ތައްޔާރުވުމުގެ ގޮތުން ރަމްބީރު ވެސް އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުން

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ބައޮޕިކް ފިލްމް "ދަތު" ލީޑް ރޯލްކުޅޭ ރަމްބީރު ކަޕޫރު ހަ ގޮތަކަށް ފެނިގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި ފިލްމުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު ފިލްމަށް ތައްޔާރުވުމުގެ ގޮތުން ރަމްބީރު ވެސް އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އޭނާ ވަނީ ގެނެސްފައެވެ. ސަންޖޭގެ ކެރިއަރުގައި އޭނާ ވެސް ވަނީ އެކި ދުވަސް ވަރު ހަށިގަނޑަށް ތަފާތު ބަދަލުތަކެއް ގެނެސްފައެވެ.

އެނގިފައިވާ ގޮތުގައި މި ވަގުތު ރަމްބީރުގެ ހަށިގަނޑު ބައްޓަންކޮށްފައި ވަނީ ސަންޖޭގެ ފުރަތަމަ ފިލްމް "ރޮކީ"ގައި އޭނާ ހުރި ގޮތަށެވެ.

މި ފިލްމްގައި ސަންޖޭގެ ދިރިއުޅުމުގެ ތިން ފޭސް ފެނިގެންދާ އިރު ހަށިގަނޑު ހަ ގޮތަކަށް ފެނިގެންދާނެއެވެ. އެ ގޮތުން "ރޮކީ" އިން ފެށިގެން "ކަލްނާޔަކް" އަދި "މުންނާ ބާއީ އެމްބީބީއެސް" އާ ހަމައަށް އޭނާގެ ހަށިގަނޑަށް ގެނައި ބަދަލުތައް ފެނިގެންދާނެއެވެ.

މުސްލިމުންނާއި ހިންދޫންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި މަނާ ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ ދުވަސްތަކެއް ވަންދެން ސެންޖޭ ދަތު ޖަލުގައި ހޭދަކުރަންޖެހުނު އިރު އެ މައްސަލަ ވެސް މި ފިލްމްގެ ތެރޭގައި ފެނިގެންދާނެއެވެ.

ރަމްބީރުގެ މިފިލްމްގައި ސަންޖޭގެ އަންހެނުންގެ ރޯލުން ފެނިގެންދާނީ ދިޔާ މިރްޒާއެވެ. ލޯބިވެރިޔާގެ ރޯލުން ޓީވީ ތަރިއެއް ކަމަށްވާ ކަރިޝްމާގެ ކުޑަ ރޯލެއް ފެނިގެންދާ އިރު މަންމަ ނަރްގިސް ދަތުގެ ރޯލުން ފެނިގެންދާނީ މަނީޝާ ކޮއިރަލާއެވެ. އަނުޝްކާ ޝަރުމާ ވެސް މުހިންމު ރޯލަކުން ފެނިގެންދާއިރު ބައްޕަ ސުނިލް ދަތުގެ ބައި ކުޅޭނީ ޕަރޭޝް ރާވަލް ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން ސޯނަމް ކަޕޫރު ވެސް މުހިންމު ރޯލަކުން ފެނިގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު މިއީ ގިނަ ބަޔަކު މިހާރު ވެސް އިންތިޒާރުކުރާ ފިލްމެކެވެ. ފިލްމްގެ ޑައިރެކްޓަރަކީ ބްލޮކްބަސްޓާ ފިލްމްތައް އުފައްދާފައިވާ ރާޖްކުމާރް ހިރާނީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް