Advertisement
ކ. މާލެ
|
20 މާރޗް 2017 | ހޯމަ 17:52
ހޯމް މިނިސްޓަރު އަޒްލީން އަހުމަދު
ހޯމް މިނިސްޓަރު އަޒްލީން އަހުމަދު
މުހައްމަދު ޝަރުހާން
މިނިވަން 50 ކޮރަޕްޝަން
މިނިވަން 50: ކޮރަޕްޝަން ހިންގާފައިވާ ކަމަށް އެއްބަސްވެ، ތުހުމަތުގެ އިނގިލި އުމަރަށް!
މާލިއްޔަތު ގާނޫނާ އެއްގޮތަށް އިއުލާނުކޮށްފައިނުވޭ
ކުރިން އަގު ނުހޯދައި އެއްބަސްވުމެއް ނެތި މަސައްކަތް ހަވާލުކޮށްފައިވޭ
ބައިޕާސްކޮށް ސީދާ މިނިސްޓަރު ބޭނުންވާ ފަރާތްތަކާ ހަވާލުކުރެވިފައިވޭ

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ހިންގި ހަރަކާތްތަކުގެ ބައެއް މަސައްކަތްތައް ހަވާލުކޮށްފައި ހުރީ ސީދާ އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބޭނުންފުޅުވާ ފަރާތްތަކާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

 

މިނިވަން 50 ގެ ކޮރަޕްޝަނުގެ މައްސަލަތަކުގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހޯމަ ދުވަހު ހޯމް މިނިސްޓްރީއަށް ވަދެފައިވަނިކޮށް، އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަޒްލީން ވިދާޅުވީ މިނިވަން 50 ގެ ބައެއް މަސައްކަތްތައް މިނިސްޓްރީގެ ޕްރޮކިއުމެންޓް ސެކްޝަންގެ މަސައްކަތާއި މާލީ ޒިންމާދުވެރިޔާގެ މަސައްކަތްތައް ބައިޕާސްކޮށް ސީދާ މިނިސްޓަރު ބޭނުންވާ ފަރާތްތަކާ ހަވާލުކުރެވިފައިވާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.

 

އަޒްލީން ވިދާޅުވީ ބޮޑެތި އަދަދުތަކުގެ މަސައްކަތްތައް ކުރުވުމުގައި މާލިއްޔަތު ގާނޫނާ އެއްގޮތަށް އިއުލާނުކޮށްފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި މަސައްކަތް ހަވާލުކުރުމުގައި ކުރިން އަގު ނުހޯދައި އެއްބަސްވުމެއް ނެތި މަސައްކަތް ހަވާލުކޮށްފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

 

މީގެ އިތުރުން މަސައްކަތް ހަވާލުކުރުމުގައި ތަކުރާރުކޮށް އެއްބަޔަކާ ގިނަ މަސައްކަތްތަކެއް ހަވާލުކޮށްފައިވާކަން ރެކޯޑްތަކުން ފެންނަ ކަމަށާއި އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގުގައި ޚިދުމަތާއި ތަކެތި ހޯދާފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް އަޒްލީން ވިދާޅުވި އެވެ.

 

އަޒްލީން ވިދާޅުވީ އޭސީސީން އެ މިނިސްޓްރީ އަށް ވެދަފައިވަނީ މިނިވަން 50 އާ ގުޅިގެން ހޯމް މިނިސްޓްރީން ހިންގި ހަރަކާތްތަކުގެ ތެރޭގައި މާލިއްޔަތު ގާނޫނާއި ގަވާއިދާ ޚިލާފަށް ކޮށްފައި ހުރި ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބެލުމަށް ކަމަށެވެ.

 

އަޒްލީން ވިދާޅުވީ އެކަހަލަ ކަންތައްތަކަކީ ރާއްޖޭގެ ގާނޫނީ މިންގަނޑުގެ ތެރެއިން ކުރަންޖެހޭނެ ކަންތައްތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
 

މިނިވަން 50 ފާހަގަކުރުމަށް 2015 ވަނަ އަހަރުގެ ތެރޭގައި ހިންގި ހަރަކާތްތަކުގައި ކޮރަޕްޝަން އެކުލެވިގެންވާ ކަމަށް އެއިރު މީޑިއާތަކުން ރިޕޯޓްކުރުމުން ހޯމް މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެއިރު މިނިސްޓްރީން ބުނީ ކޮރަޕްޝަނުގެ އެއްވެސް ކަމެއް މިނިވަން 50 ގެ ތެރޭގައި ހިންގާފައިނުވާނެ ކަމަށެވެ.

 

އަޒްލީން ވިދާޅުވީ އޭސީސީގެ އިތުރުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ވެސް އެކަންތައްތައް ބަލަމުންދާ ކަމަށެވެ. އަދި އެ ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ ފަރާތްތައް އެނގިގެންދާނީ އޭސީސީގެ ތަހުގީގު ނިމުމުން ކަމަށް އަޒްލީން ވިދާޅުވި އެވެ.

 

މިކަމާ ގުޅޭ ގޮތުން އުމަރު ވިދާޅުވީ މިނިވަން 50 ގެ ހުރިހާ މަސައްކަތްތައް ހިންގަމުން ދިޔައީ އޭސީސީ އާއި އޮޑިޓާ ޖެނެރަލް އޮފީހަށް ދައުވަތު ދީގެން، މިނިވަން 50 އޮފީހުގައި އެ މުއައްސަސާތަކުގެ މުވައްޒަފުންނަށް މޭޒު ބަހައްޓައިގެން ކަމަށެވެ. އަދި މިނިވަން 50 ގެ ހުރިހާ ހަރަކާތްތަކެއް ނިމެންދެން އެ މުއައްސަސާތަކުން ކަން ހިނގާ ގޮތް ބަލަމުންދިޔަ ކަމަށާއި އޮޅުން ފިލުވަންޖެހޭ ކަންތައްތައް އޮޅުން ފިލުވައި މުވައްޒަފުންނަށް މަގު ދައްކަމުން ދިޔަ ކަމަށް އުމަރު ވިދާޅުވި އެވެ.

 

އުމަރު ވިދާޅުވީ މިނިވަން 50 ގެ ހަރަކާތްތައް ނިމުނު އިރު އެއްވެސް ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށާއި މިނިވަން 50 ގެ ހުރިހާ ހަރަކާތްތަކެއް ކޮށްފައި ވަނީ އެއިރުގެ ފިނޭންސް މިނިސްޓަރު އަދި މިހާރު ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ އެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ ފަސް ވަޒީރުންގެ ކޮމެޓީއަކުން ދެއްވާ އިރުޝާދާ އެއްގޮތަށް ކަމަށެވެ.

 

އުމަރު ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބަށް މަސައްކަތާއި ތެދުވެރި ވެރިކަމެއް ރާއްޖެއަށް ގެނެއުމުގެ މަސައްކަތް ފެށުމުން މައްސަލައެއް އުފަންކުރުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.

 

މިނިވަން 50 އާ ގުޅޭ ގިނަ މައްސަލަތަކެއް އޭސީސީ އަށް ހުށަހަޅާފައި ވެއެވެ. މިނިވަން 50 ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ކޭޓަރިން ނިއުޕޯޓް ރެސްޓޯރެންޓާ ހަވާލުކުރި މައްސަލަ ވެސް އެ ކޮމިޝަނުން ބެލި އެވެ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނިއުޕޯޓް ރެސްޓޯރެންޓާ ޖާފަތުގެ މަސައްކަތް ހަވާލުކުރި މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އޭސީސީން ފޮނުވި އެވެ.

 

މުންދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ކުށުގެ ދައުވާ ކުރަން ފޮނުވުމުން، ހަފްތާއެއްގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް ވަނީ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ދައުވާ ނުކުރަން ނިންމާފަ އެވެ.

 

އޭސީސީން ބުނެފައި ވަނީ ނިއުޕޯޓަކީ އެފަދަ ޖާފަތެއް ތައްޔާރުކުރުމުގެ އެއްވެސް ކަހަލަ ތަޖުރިބާއެއް ނެތް ބަޔަކަށް ވާއިރު އެ މީހުން ގާބިލްކަމަށް ވެސް ނުބަލާ އެ ޕްރޮޖެކްޓް އެފަރާތާ ހަވާލުކުރަން މުންދު އަންގާފައި ވަނީ، ރައީސް ވިދާޅުވެގެން ކަމަށް ބުނެ ދޮގު ހަދައިގެން ކަމަށެވެ. އަދި އެއީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާނެ ގޮތަކަށް އަމަލު ކުރުން ކަމަށް އޭސީސީގެ ތަހުގީގުގައި ވަނީ ނިންމައިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް