ނޮވެންބަރު މަހުގެ ނިޔަލަށް 1.53 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް 14.9 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެއެވެ.
މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާ އިންނެވެ. އެޤައުމުން 267،875 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު ދެވަނަ އަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ.ެ އެއީ 145،047 ފަތުރުވެރިންނެވެ. ދެން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޖަރުމަނު ވިލާތުންނެވެ. އެއީ 120،168 ފަތުރުވެރިންނެވެ. އަދި އިޓަލީވިލާތުން ރާއްޖެ އައިސްފައިވަނީ 115،049 ފަތުރުވެރިންނެވެ. އިނގިރޭސި ވިލާތުން 114،222 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ނޮވެންބަރު މަހުގެ ނިޔަލަށް 1.53 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާއިރު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވަނީ އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަކީ ޓޫރިޒަމް މިނިސްޓްރީގެ އެންމެ ބޮޑު އެއް ޢަމާޒުކަމުގައެވެ. އަދި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އެކަން ޙާޞިލު ކުރެވޭނެކަމާމެދު ޝައްކެއް ނުކުރައްވާ ކަމަށެވެ.
މި އަހަރު ނިމުމުގެ ކުރިން 1.6 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ވަނީ އަންދާޒާ ކުރައްވާފައެވެ.