އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމުން ޢަޒުލުކުރުމަށް ޔޫއެސް ހައުސް އޮފް ރެޕްރެޒެންޓޭޓިވް އިން ފާސްކުރުމަށްފަހު އެގައުމުގެ ޤާނޫނު އަސާސީ އާއި ޑިމޮކްރަޓުން ޚިލާފުވަމުންދާ ކަމަށް ޓްރަމްޕް ތުހުމަތު ކުރައްވައިފި އެވެ.
މަޤާމުގެ ނުފޫޒު ނާޖާއިޒްގެ ގޮތުގައި ބޭނުން ކުރެއްވުމާއި ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުއްވުމުގެ ކުށުގައި ޓްރަމްޕް ވަނީ ކޮންގްރެސްގެ ތިރީގެ، ހައުސް އިން ވެރިކަމުން އަޒުލުކޮށްފަ އެވެ. ނަމަވެސް ވެރިކަމުން ޓްރަމްޕް ދުރުކުރުމާމެދު ގޮތެއް ނިންމާނީ ސެނެޓުގައި މިމައްސަލައިގެ ޝަރީޢަތް ހިންގުމަށްފަހު ނަގާ ވޯޓުންނެވެ. ހައުސްގެ ނިންމުން ރަސްމީކޮށް ސެނެޓަށް ނުފޮނުވާ މެންބަރުންވަނީ އާ އަހަރާއި ކްރިސްމަސް އާ ދިމާކޮށް ޗުއްޓީއަށް ވަޑައިގެންފައެވެ.
އެކަމާ ގުޅިގެން ކިޔަވާކުދިން ތަކަކާ މުޚާތަބުކޮށް ވާހަކަދައްވަމުން ޓްރަމްޕް ވިދާޅުވީ ހައުސްއިން ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ފާސްކުރުމަށް ފަހު ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ނުކޮށް ދޫކޮށްލާފައިވާ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ އޭނާގެ މައްޗަށް ހިންގޭނެ ޝަރީޢަތެއް ނެތް ކަމަށެވެ. ހައުސްގެ ނިިންމުން ސެނެޓަށް ނުފޮނުވާ އޮތީ އެހެންވެގެންކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި އެމައްސަލަ ނޮފުނުވުމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. އެހެންނަމަވެސް އެއީ ނާއިންސާފު ގޮތެއް ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އެމެރިކާގެ ރައީސްކަމުން އަޒުލުކުރުމަށް ހައުސް އިން ފާސްކުރި ތިންވަނަ ރައީސަށް ޓްރަމްޕް ވާއިރު ތަކުރާރުކޮށް ޓްރަމްޕް ވިދާޅުވީ އޭނާގެ މައްޗަށް ހިންގޭނެ ޝަރީޢަތެއް ނޯންނާނެ ކަމަށެވެ.
ޑިމޮކްރަޓުން މިމައްސަލަ ސެނެޓަށް ނުފޮނުވާ ލަސްކުރަމުން މިދަނީ ޓްރަމްޕްގެ ޝަރީއަތް ވަކިކޮޅަށް ނުޖެހި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ލިބެންދެންނެވެ. ހައުސްގެ ރައީސް ނެންސީ ޕެލޯސީ ވިދާޅުވީ އެކަމާ ގުޅޭ އުޞޫލުތައް އެނގިވަޑައިގަތުމުން ހައުސްގެ ނިންމުން ސެނެޓަށް ފޮނުވާނެ ކަމަށެވެ.
ކުރިން އޮންނަ ގޮތުންނަމަ ހައުސް އިން ވޯޓު ނަގާއިރަށް ރަސްމީކޮށް އެމައްސަލަ ސެނެޓަށް ދާނެއެވެ. ނަމަވެސް މިހާރު އެމެރިކާގެ ޤާނޫނު އަސާސީގައި ހައުސްގެ ނިންމުން ސެނެޓަށް ފޮނުވަންޖެހޭ ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.
ސެނެޓްގައި އަޣްލަބިއްޔަތު އޮތީ ޓްރަމްޕް ނިޞްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން އަށް ކަމަށްވާއިރު ޝަރީޢަތުން ޓްރަމްޕް ސަލާމަތްވެ ވަޑައިގަތުމުގެ ފުރުޞަތު ބޮޑެވެ. ޑިމޮކްރަޓުން ކަންބޮޑުވުން ފާޅުކުރައްވަނީ އެކަމާއެވެ.
ސެނެޓުގައި ޝަރީއަތް ފަށާނީ ކޮންގްރެސް އިން އިމްޕީޗްމަންޓް ލިޔުންތައް ފޮނުވާ އިމްޕީޗްމަންޓް މެނޭޖަރުން ހައުސް އިން ކަނޑައެޅުމުންނެވެ. ބެލެވޭގޮތުގައި ޓްރަމްޕްގެ މައްޗަށް ސެނެޓްގައި ޝަރީޢަތް ފަށާނީ އަންނަ ޖެނުއަރީ މަހުއެވެ. އަންނަ އަހަރަކީ އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނަ އަހަރު ކަމުން ޑިމޮކްރަޓުން ބޭނުންވަނީ ވީހާވެސް އަވަހަކަށް ޝަރީޢަތުގެ ކަންކަން ނިންމުމަށެވެ.