ކ. މާލެ
|
22 ޑިސެންބަރ 2019 | އާދީއްތަ 09:25
މެލޭޝިޔާގެ ބޮޑު ވަޒީރު ޑރ މަހާތިރު މުހައްމަދު
މެލޭޝިޔާގެ ބޮޑު ވަޒީރު ޑރ މަހާތިރު މުހައްމަދު
އަލްޖަޒީރާ
އިންޑިޔާ
މުސްލިމުންގެ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށް ވިދާޅުވެ މަހާތިރުގެ ފާޑުކިޔުން އިންޑިޔާއަށް
މަހާތީރު ވަނީ އިންޑިއާއިން އެގައުމުގެ މުސްލިމުންނާ މެދު މުއާމަލާތް ކުރާގޮތަށް ފާޑުވިދާޅުވެ އިންޑިއާގެ މުސްލިމުންގެ ހައްގުގައި ވާހަކަ ދައްކަވާފައި
މަހާތިރު ވިދާޅުވީ ޤާނޫނަށް ގެނައި އިސްލާހައެކު މީހުން މަރުވަމުންދާ ކަމަށް

އިންޑިޔާގެ ރަށްވެހި ކަމުގެ ޤާނޫނަށް ގެނައި އިސްލާޙާއެކު އިންޑިޔާއިން އެޤައުމުގެ މުސްލިމުންގެ ޙައްޤުތައް ނިގުޅައިގަނެފައިވާ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު ޑރ މަހާތިރު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގަ ބޭއްވި އިސްލާމީ ޤައުމުތަކުގެ އިސްވެރިންގެ ޚާއްޞަ ސަމިޓުގައި މަހާތިރު ވަނީ އިންޑިއާއިން އެޤައުމުގެ މުސްލިމުންނާ މެދު މުޢާމަލާތް ކުރާގޮތަށް ފާޑުވިދާޅުވެ އިންޑިއާގެ މުސްލިމުންގެ ޙައްޤުގައި ވާހަކަ ދައްކަވާފަ އެވެ. އިންޑިޔާގެ ރަށްވެހިކަމުގެ ޤާނޫނަށް ގެނައި އިސްލާޙާއެކު އެޤައުމުގައި އަންނަނީ މުޒާހަރާތައް ހިނގަމުންނެވެ. އަދި މި މުޒާހަރާތަކުގައި 20 މީހުން މިހާތަނަށް މަރުވެފައިވާއިރު، މަހާތިރު ވިދާޅުވީ އެ ޤާނޫނަށް ގެނައި އިސްލާޙާއެކު މީހުން މަރުވަމުންދާ ކަމަށެވެ.

މަހާތިރު ވަނީ 70 އަށް ވުރެ ގިނަ އަހަރު އެއް ބައެއްގެ ގޮތުގައި އިންޑިޔާގެ އެތައް މިލިއަން ބަޔަކު އުޅެފައިވާއިރު މިހާރު ޤާނޫނަށް މިބަދަލު ގެންނަން ޖެހޭ ސަބަބާ މެދު ސުވާލު އުފައްދަވާފަ އެވެ. އޭރު އެއްވެސް މައްސަލައެއް ދިމާ ނުވާއިރު މިހާރު ޤާނޫނަށް މިފަދަ ބަދަލެއް ގެންނަންވީ ކީއްކުރަންތޯ މަހާތިރު ސުވާލު އުފެއްދެވިއެވެ.

އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުން ފާސްކުރި ރަށްވެހިކަމުގެ ބިލުގައި ވަނީ އެޤައުމަށް ޤަވާއިދާ ޚިހިލާފަށް އެތެރެވާ އަފްޣާނިސްތާން، ޕާކިސްތާން އަދި ބަންގުލަދޭޝްގެ މުސްލިމު ނޫން މީހުންނަށް ރަށްވެހިކަން ލިބޭނެ ގޮތް ހަދައިފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ރައީސް ރާމް ނާތު ކޯވިންދު ވަނީ އެ ބިލު ތަޞްދީޤު ކުރައްވާފައެވެ.

ގިނަ ބަޔަކު ޤަގަބޫލުކުރާ ގޮތުގައި މި ޤާނޫނަށް މިގެނައި އިޞްލާޙަކީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިންޑިޔާއަކީ ހިންދޫ ޤައުމެއްގެ ގޮތުގައި ބޭއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ބައެކެވެ. އިންޑިޔާގެ ޖުމުލަ އާބާދީ 1.3 ބިލިއަނަށް އަރާއިރު މުސްލިމު އާބާދީ އަކީ 200 މިލިއަނެވެ.

މަހާތިރު އިންޑިޔާއަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅަށް އިންޑިޔާއިން ވަނީ ހޫނު ރައްދެއް ދީފައެވެ. އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަހާތިރު ވާހަކަ ދައްކަވަނީ ރަނގަޅަށް މަޢުލޫމާތު އެނގިވަޑައިގެން ނޫންކަމަށެވެ. އަދި އިންޑިޔާގެ ދާޚިލީ ކަންކަމާ ނުބެހުމަށްވެސް އިންޑިޔާއިން ވަނީ މަހާތިރަށް ގޮވާލާފައެވެ.

މިމައްސަލާގައި ޔޫރަޕުގެ ބައެއް ޤައުމުތަކާއި އެމެރިކާ ވެސް ވަނީ އިންޑިއާ ކުށްވެރިކޮށްފައެވެ. އިންޑިއާގެ ރަށްވެހިކަމުގެ ޤާނޫނަށް ގެނައި އިޞްލާޙުގައި އެޤައުމުގެ މުސްލިމުންގެ ޙައްޤުތައް ނިގުޅައިގެންފައިވާތީ އާއި އެ އިޞްލާޙުގެ ސަބަބުން އިންޑިއާގެ އެތައް މިލިޔަން މުސްލިމުންގެ ރަށްވެރިކަން ގެއްލުމުގެ ބިރު އުފެދިފައިވާތީ އިންޑިއާގެ މުސްލިމުންނާ އަދި މެދުމިނުގެ ފިކުރު ގެންގުޅޭ ހިންދޫންނާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ގެންދަނީ އެކަމާދެކޮޅަށް އިންޑިއާގެ ކަންކޮޅުތަކުގައި މުޒާހަރާތައްކޮށް އިޙްތިޖާޖު ކުރަމުންނެވެ.

ނަމަވެސް މި މުޒާހަރާތަކާ ދެކޮޅަށް އިންޑިއާގެ ފުލުހުން ގެންދަނީ ބާރުގެ ބޭނުންކޮށް މުޒާހަރާތައް ހުއްޓުވަން މަސައްކަތް ކުރަމުންނެވެ.

- ކޮމެންޓް