Advertisement
ކ. މާލެ
|
20 މާރޗް 2017 | ހޯމަ 14:34
އަބުރުގެ ބިލާ ދެކޮޅަށް މިދިޔަ އަހަރުގެ ޖޫންގައި ނޫސްވެރިންކުރި އިހުތިޖާޖު
އަބުރުގެ ބިލާ ދެކޮޅަށް މިދިޔަ އަހަރުގެ ޖޫންގައި ނޫސްވެރިންކުރި އިހުތިޖާޖު
ގޫގުލް
ނޫސްވެރިންނަށް އިންޒާރު
ނޫސްވެރިންނަށް އިންޒާރުދީ ކޯޓުން ނެރުނު ބަޔާނަކީ ޚުދުމުޚުތާރު ސިޔާސީ ބަޔާނެއް: އެމްޑީޕީ
ޚުދުމުހުތާރު ސިޔާސީ ފަރާތްތަކުން ނެރޭ ފަދަ ސިޔާސީ ނޫސްބަޔާނެއް
މިނިވަންކަމާއެކު ނޫސްވެރިކަން ކުރާ ފަރާތްތަކަށް ބިރުދެއްކުމުގެ އަމަލެއް
ދުނިޔޭގެ ސަފުން ބޭރުވެފައިވާ ޚުދުމުހުތާރު ދަށުދަރަޖައިގެ ޤައުމުތަކުގެ ސިފައެއް

ބައެއް ނޫސްވެރިން ލިޔާ ލިޔުންތަކުން ޓެރަރިޒަމަށް ހިތްވަރު ލިބޭ ކަމަށާއި އެފަދަ ލިޔުންތައް ލިޔާ ނޫސްވެރިންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ނޫސްވެރިންނަށް ދިން ވަރުގަދަ އިންޒާރު، އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ކުށްވެރިކޮށްފި އެވެ.

 

ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހު ނެރެފައިވާ ނޫސް ބަޔާނަކީ، އެމްޑީޕީން ބުނި ގޮތުގައި ޚުދުމުހުތާރު ސިޔާސީ ފަރާތްތަކުން ނެރޭ ފަދަ ސިޔާސީ ނޫސްބަޔާނެކެވެ. އަދި ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއްގެ މައިގަނޑު އެންމެހާ އަސާސްތަކާއި އިހުތިޞާސުން ބޭރުވެ، މިނިވަންކަމާއެކު ނޫސްވެރިކަން ކުރާ ފަރާތްތަކަށް ބިރުދެއްކުމުގެ އަމަލެއް ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

 

އެމްޑީޕީން ބުނީ ކޯޓުތަކަކީ އެ ކޯޓުތަކަށް ހުށަހެޅިގެން ފައިސަލާކޮށް ބެލެވޭ މައްސަލައެއްގެ އިތުރަށް އަމިއްލައަށް ބަސްބުނެ ގޮތް ކިޔަން ހުންނަ ތަންތަނެއް ނޫން ކަމަށާއި އެ ހަމައިން ބޭރުން މިފަދަ ނޫސްބަޔާން ނެރެ، ފިޔަަވަޅު އަޅާނެކަމުގެ އިންޒާރު ރައްޔިތުންނަށާއި ނޫސްވެރިންނަށް ދިނުމަކީ ހުދުމުހުތާރު ސިޔާސީ ފަރާތްތަކުން ކުރާ ޒާތުގެ ޢަމަލެއް ކަމަށެވެ.

 

ކްރިމިނަލް ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބައެއް ނޫސްވެރިން ލިޔާ ލިޔުންތަކުން ޓެރަރިޒަމަށް ހިތްވަރު ލިބޭ ކަމަށާއި އެފަދަ ލިޔުންތައް ލިޔާ ނޫސްވެރިންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

 

މި ބަޔާނާ ގުޅޭ ގޮތުން އެމްޑީޕީން ބުނެފައިވަނީ ނޫސްވެރިންނަށާއި ރައްޔިތުންނަށް އިންޒާރުދީ މިފަދަ ނޫސްބަޔާން ކްރިމިނަލް ކޯޓުން ނެރުމަކީ ޖުޑީޝަރީގެ މިނިވަންކަން ގެއްލި، އިތުބާރު އިތުރަށް ގެއްލިދާ ކަމެއް ކަމަށެވެ. ކޯޓުތަކުގެ ގަދަކަމަކީ ކޯޓުތަކަށް ހުށަހެޅި ފައިސަލާ ކުރެވިފައިނުވާ ކަންކަމުގައި އަމިއްލަ ގޮތްތައް ނިންމައި އިންޒާރުގެ ނޫސްބަޔާން ނެރުމެއް ނޫން ކަމަށާއި ކޯޓުތަކުގެ ގަދަކަމަކީ ރައްޔިތުންގެ އިތުބާރު ހޯދުން ކަމަށެވެ.

 

ނަމަވެސް އިތުބާރު ހޯދުމުގައި ކޯޓުތައް ނުކުޅެދިފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކޮށް އެމްޑީޕީން ބުނީ، ދިވެހި ގިނަ ރައްޔިތުންނާއި އދ. އާއި އިންޓަރނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް އާއި، އިންސާފާއި ޙައްޤުތަކަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ އެންމެހައި ބޮޑެތި ޖަމްޢިއްޔާތަކުން ތަކުރާރުކޮށް ގެންދަނީ މިކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމުން ކަމަށެވެ.

 

ނޫސްވެރިންނަށް ކޯޓުތަކުންނާއި ސަރުކާރުން ބިރުދެއްކުމުގެ މިފަދަ ޢަމަލުތަކަކީ ދުނިޔޭގެ ސަފުން ބޭރުވެފައިވާ ޚުދުމުހުތާރު ދަށުދަރަޖައިގެ ޤައުމުތަކުގެ ސިފައެކެވެ. އެ ސަފަށް މި ރާއްޖެ ވައްޓާލަމުން ގެންދިއުން ވަގުތުން ހުއްޓާލުމަށް މި ޕާޓީން ގޮވާލަމެވެ.

 

ރާއްޖޭގެ ނޫސްވެރިިޔަކު ވަގަށް ނަގާފައިވާ މައްސަލައާއި، ޓީވީ ސްޓޭޝަނެއް ރޯކޮށްލި މައްސަލައާއި، ނޫސްވެރިންނަށް މަރުގެ ހަމަލާތައް ދިން މައްސަލައާއި، ނޫސްވެރިންނަށް މަރުގެ އިންޒާރު ފޮނުވަމުން ގެންދާ މައްސަލަތަކުގައި އިންސާފު ޤާއިމުކޮށްދިނުމަށް ނުކުޅެދިފައި ތިބެމެ، ދެންވެސް ނޫސްވެރިންނަށް ކޯޓުތައް މެދުވެރިކޮށް އިންޒާރުގެ ނޫސްބަޔާންތައް ނެރެމުންދާ އެ ނާއިންސާފު ގޮތްތައް ވަގުތުން ދޫކޮށްލުމަށް އިލްތިމާސްކުރަމެވެ. އަދި މިނިވަން ނޫސްވެރިކަމުގެ ދިފާޢުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން އެންމެހައި ނޫސްވެރިންނަށް އަރުވަމެވެ.

 

ކްރިމިނަލް ކޯޓުން އާދިއްތަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ އިސްވެރިންގެ މިންނެތް މަސައްކަތްޕުޅުންނާއި، ދިވެހިރާއްޖެއަށް ހެވާ ލާބަ އެދޭ ގިނަ ބައެއްގެ މަސައްކަތުން، ދިވެހިރާއްޖޭގައި ޤާއިމުވެ އިސްތިޤުރާރު ވެފައިވާ އަމާންކަން ނަގާލައި، ދިވެހި ރައްޔިތުންގެ މެދުގަ ފިތުނަ ފަސާދަ އުފެއްދުމަށާއި ދިވެހި ދައުލަތުގެ އިސް ވެރިންނާއި މުއައްސަސާތަކާމެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށާއި ދައުލަތުގެ ތިން ބާރުގެ އަގުވައްޓާލުމަށް ބައެއް ނޫސްވެރިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

 

އަދި ދިވެހި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް، ދިވެހިރާއްޖޭގަ ނެރެމުންދާ ބައެއް ނޫސްތަކުގައި ލިޔާ ބައެއް ނޫސްވެރިން މަސައްކަތްކުރަމުން ގެންދާތީއާއި، އޭގެތެރެއިން ބައެއް ލިޔުންތަކަކީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ޒާތުގެ ލިޔުންތަކެއްކަން ފާހަގަކުރެވިފައި ވާތީ، މިހާރުން މިހާރަށް މިފަދަ ޢަމަލުތައް ހުއްޓާލެއްވުމަށް އެންމެހައި ނޫސްވެރިންނަށް ގޮވާލާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެ އެވެ.

 

ކްރިމިނަލް ކޯޓުން ބުނީ އެފަދަ ލިޔުންތައް ލިޔެގެން، ދިވެހި ދައުލަތުގެ އަމަންޢާއްމާއި އިސްތިޤުރާރު ނަގާލައި، ދިވެހި ދައުލަތުގެ ސިޔާދަތަށް ބުރޫއަރާފަދަ ޢަމަލުތައް ކުރާ ކޮންމެ މީހަކާމެދު އެ ކޯޓުން ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް