ކ. މާލެ
|
20 ޑިސެންބަރ 2019 | ހުކުރު 09:04
އިންޑިއާގެ އެތައް ހާސް ބަޔަކު ބުރާސްފަތި ދުވަހު މަގުމައްޗަށް ނުކުމެ މުޒާހަރާކުރަނީ
އިންޑިއާގެ އެތައް ހާސް ބަޔަކު ބުރާސްފަތި ދުވަހު މަގުމައްޗަށް ނުކުމެ މުޒާހަރާކުރަނީ
ޓްވިޓަރ
އިންޑިއާ
އިންޑިއާގެ ބޮޑެތި ބައެއް ސިޓީތަކުގައި މުޒާހަރާކުރުން މަނާކޮށްފި
އިއްޔެގެ މުޒާހަރާތަކުގައި އެކަނިވެސް 3 މީހަކު ވަނީ މަރުވެފައި

އިންޑިއާގެ ރަށްވެހިކަމުގެ ޤާނޫނަށް ގެނައި ބަދަލާއެކު އެޤައުމުގެ އެކި ހިސާބުތަކުގައި ކުރަމުންދާ މުޒާހަރާތަށް މަނާކުރުމަށް ނިންމައިފިއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އިތުރުން ބޮޑެތި ސްޓޭޓްތައް ކަމަށްވާ އުއްތަރަޕްރަދޭޝް އަދި ކަރްނަޓާކާ ސްޓޭޓުގަ ވަނީ މުޒާހަރާ ކުރުން މަނާކޮށްފައެވެ. މުޒާހަރާ ކުރުން މަނާކޮށްފައިވަނީ މުސްލިމުންނަށް އުނދަގޫވާގޮތަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ރަށްވެހިކަމުގެ ޤާނޫނައި ގުޅިގެން އެތައް ހާސްބަޔަކު ނުރުހުން ފާޅުކޮށް މުޒާހަރާ ކުރުމާއި ގުޅިގެންނެވެ.

ބުރާސްފަތި ދުވަހު އެކަނިވެސް އެތައް ހާސް ބަޔަކު ވަނީ މަގުމައްޗަށް ނުކުމެ މި ޤާނޫނައި ދެކޮޅަށް އަޑު އުފުލާފައިވެއެވެ. ބުރާސްފަތި ދުވަހު އެތައް ހާސް ބަޔަކު މަގުމައްޗަށް ނުކުމެފައިވަނީ ހަތަރު މީހުންނަށްވުރެ ގިނައިން އެއްތަނަކަށް އެއް ނުވުމަށް ފުލުހުން އިލްތިމާސްކޮށްފައިވަނިކޮށެވެ. ޕޮލިސް ސްޓޭޝަނެއް ރޯކޮށްލަށް އުޅުނުކަމަށް ބުނެ މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ދިން ބަޑީގެ ޙަމަލާގައި މެންގަލޫރުގައި ބުރާސްފަތި ދުވަހު ވަނީ ދެ މީހަކު މަރުވެފައެވެ.

މި މަރާއި ގުޅިގެން ފުލުހުންގެ ކޮމިޝަނަރ ޑރ. ޕީއެސް ހަރްޝާ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެ ސިޓީގައި ކާފިއު އިޢުލާންކޮށްފައިވާ ކަމަށާއި، އެ ދެމީހުން މަރުވި ސަބަބު ހާމަނުކޮށް މަޑުކޮށްގެން ހުރީ ޕޯސްޓްމޯޓަމް ރިޕޯޓް ލިބެންދެން ކަމަށެވެ.

މުޒާހަރާތަކާއި ގުޅިގެން މެންގަލޫރ ސިޓީގައި ކާފިއު އިޢުލާންކުރުމުގެ އިތުރުން 48 ގަޑި އިރަށް އިންޓަރނެޓްގެ ޚިދުމަތް ވެސް ވަނީ މެދު ކަނޑާލާފައެވެ. މީގެ އިތުރުން ފުލުހުންނާއި މުޒާހަރާ ކުރާ ފަރާތްތަކާއި ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ލަކްނައު ސިޓީގަ ވެސް ވަނީ މީހަކު މަރުވެފައެވެ. މި ކުރިމަތިލުންތަކުގައި ފުލުހުންގެ އޮފިސަރުންތަކަށް އަނިޔާވި އިރު 112 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުން ފާސްކުރި ސިޓިޒަން އެމެންޑްމެންޓް ބިލު ނުވަތަ ރަށްވެހިކަމުގެ ޤާނޫނާއެކު އިންޑިއާގައި ދިރިއުޅެމުން އަންނަ 200 މިލިއަނެއްހާ މުސްލިމުންނަކީ އަމިއްލަ ޤައުމުގައި ޤަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބައެއް ކަމަށް ވުމުގެ ބިރު ވަނީ ހީވާން ފަށާފައެވެ.

މިއަހަރުގެ ކުރީ ކޮޅުގައި ކަމާބެހާ ފަރާތްތަކުން ވަނީ އުތުރު އިންޑިއާގައި އޮންނަ އައްސާމް ސްޓޭޓުގެ ރަށްވެހިންގެ އެންމެ ފަހުގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް ވެސް ޢާންމުކޮށްފައެވެ. އައްސާމް ސްޓޭޓަކީ އިންޑިއާގެ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ސްޓޭޓެވެ. އެ ސްޓޭޓުގައި އެކަނިވެސް 30 މިލިއަން މީހުން ދިރިއުޅެއެވެ.

އިންޑިއާގެ ރަށްވެހިކަން ކަށަވަރު ކުރުމަށް 1971 ވަނަ އަހަރުގެ މާރޗް 24 ވަނަ ދުވަހުގެ ކުރިން އިންޑިއާއަށް އެތެރެވި ކަން ހެއްކާއެކު ސަރުކާރަށް ދައްކަން ޖެހެއެވެ. މި ތާރީޚަކީ އިންޑިއާގެ އަވަށްޓެރި ބަންގުލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމަ ފެށިތާ ކުރީ ކޮޅެވެ. ރަސްމީކޮށް ރަޖިސްޓްރީގެ ކަންކަން ފެށި ފަހުން އައްސާމް ސްޓޭޓުގައި އެކަނި ވެސް 1.9 މިލިއަން މީހުން އަތުގައި އިންޑިއާގެ ރަށްވެހިކަން ހާމަކޮށްދޭ ޞައްޙަ ލިޔެކިޔުންތައް ނެތްކަން ވަނީ ހާމަވެފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ބަންގުލަދޭޝުން އެތައް މިލިއަން މީހުންނެއް އިންޑިއާއަށް އެތެރެވެ ޤަވާއިދާ ޚިލާފަށް އިޤުތިޞާދީ މަސައްކަތް އައްސާމްގައި ކުރަމުންދާ ކަމަށް ބުނެ އިންޑިއާގެ ހިންދޫ ރަށްވެހިން ދަނީ މުސްލިމުންނަށް ތުހުމަތުގެ އިނގިލިތައް ދިއްކުރަމުންނެވެ. އަދި މިއީ އިންޑިއާއާއި ބަންގުލަދޭޝް ގުޅޭ ޞަރަޙައްދީ އިން ކައިރީ އިންޑިއާ ފަޅިން އޮންނަ އައްސާމް ސްޓޭޓް ހިމެނޭ ގޮތަށް އިންޑިއާގެ ސިޔާސީ މަޞްރަޙުގައި ހޫނުވެފައިވާ އެންމެ ބޮޑު މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ.

1951 ވަނަ އަހަރު، ނެޝަނަލް ރެޖިސްޓަރ އޮފް ސިޓިޒަންސް އެންއާރުސީން ވަނީ އައްސާމު ސްޓޭޓުގައި ވަނީ ޤަވާއިދާ ޚިލާފަށް އެތެރެވާ މީހުން ބެލުމަށް ރަޖިސްޓްރީ އާކުރުމުގެ މަސައްކަތް ވެސް ކޮށްފައެވެ. ނަމަވެސް މިކަން މައްސަލައަކަށްވެ އައްސާމް ސްޓޭޓުގައި މީހުން ރަޖިސްޓްރީކުރަން ފެށި މައްސަލައަށް ފާޑުކިއުން ޢަމާޒުވެގެން ދިޔައެވެ. އަދި މިކަމުގެ ސަބަބުން އެތަކެއް އަހަރުތަކެއް ވަންދެން އައްސާމް ސްޓޭޓުގައި ދިރިއުޅެމުން އައި ބަންގާޅު ބަހުން ވާހަކަ ދައްކާ މުސްލިމުން އެ ރަށުން ބޭރުކުރުމުގެ ފުރުޞަތު ބޮޑުވެގެން ދާނެކަމަށް ފާޑުކިއުންތައް ޢަމާޒުވިއެވެ. ނަމަވެސް އެންއާރުސީން ދެއްކީ އައްސާމްގައި ތިބި ބަންގާޅު ބަހުން ވާހަކަދައްކާ މުސްލިމުންގެ އިތުރުން އެކި ހިންދޫންގެ ދަރިފަސްކޮޅުގެ ބައިވަރު މީހުން ވެސް އައްސާމް ސްޓޭޓުގައި ތިބީ ޤަވާއިދާ ޚިލާފަށް ކަމެވެ.

ކަން މިހެން އޮތްނަމަވެސް އިންޑިއާގައި ދިރިއުޅެމުން އަންނަ އެތައް މިލިއަން މުސްލިމުންގެ ޙައްޤުތަކަށް އުނިކަން އަންނަ ގޮތަށް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ރަށްވެހިކަމުގެ ބިލުގެ ދަށުން އެޤައުމުގައި ޤަވާއިދާއި ޚިލާފަށާއި އެ ނޫން ގޮތްގޮތައް ދިރިއުޅެމުން އަންނަ ހިންދޫންނާއި، ސިކުންނާއި، ޖައިނުންނާއި، ބުދިސްޓުންނާއި، ކްރިސްޓިއަނުން އަދި އެހެން ދީންތަކުގެ މީހުންގެ ތެރެއިން 2014 ޑިސެމްބަރު 31 ގެ ކުރިން އެޤައުމަށް އެތެރެވި މީހުންނަށް ރަށްވެހިކަން މި ޤާނޫނުން ލިބެއެވެ.

މި ބިލުގެ ދަށުން ވަކި ގޮތްތަކެއް ކަނޑައަޅާފައިވަނީ މުސްލިމުންނަށް އެކަންޏެވެ. އިންޑިއާގެ ސަރުކާރުން މިކަން ސާފުކޮށްދިނުމުގެ ގޮތުން ބުނެފައިވަނީ މުސްލިމުން މެޖޯރިޓީ އޮންނަ ޕާކިސްތާނާއި، ބަންގުލަދޭޝާއި، އަފްޣާނިސްތާނުގައި އެހެން ދީންތަކުގެ މީހުންނަށް ދީނީ ގޮތުން ދުއްތުރާތައް ކުރިމަތިވަމުންދާ ކަމަށެވެ.

މި ބިލާއެކު އިންޑިއާގެ މުސްލިމުން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބަޔަކަށް އަދި ޣއިރު މުސްލިމުންނަކީ ދީނީ އެކިއެކި ސަބަބުތަކާ ހެދި ހިޖުރަކޮށްފައިވާ ބައެއްގެ ގޮތުގައި ލޭބަލް ވެފައެވެ.

- ކޮމެންޓް