Advertisement
ކ. މާލެ
|
20 މާރޗް 2017 | ހޯމަ 03:35
ފާރިސް މައުމޫން ރާއްޖެޓީވީގެ ފަލަ ސުރުޚީގައި
ފާރިސް މައުމޫން ރާއްޖެޓީވީގެ ފަލަ ސުރުޚީގައި
މުހައްމަދު ޝަރުހާން
ފާރިސްއަށް ގޮވާލި ގޮވާލުން
މަސީހުގެ ބޭރުކުރުމުގެ މަސައްކަތް ހުއްޓާލަން ދިއްގަރު ކައުންސިލުން ފާރިސްއަށް ގޮވާލައިފި
ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ގޮވާލާފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު މިއަދުގެ ސަރުކާރަށް އެއްބާރުލުން ދެއްވުމަށާއި މަސީހު ބޭރުކުރުމުގެ މަސައްކަތް ހުއްޓާލުމަށް  ދިއްގަރު ކައުންސިލުން ފާރިސްއަށް ގޮވާލައިފިއެވެ.


ދިއްގަރު ކައުންސިލްގެ އިދާރާއިން އާދީއްތަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ސަރުކާރާއި ދެކޮޅަށް ކުރިޔަށް ގެންދަވާ ކަންތައްތަކާއި މެދު އެކައުންސިލާއި ދިއްގަރުގެ އެންމެހާ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމަށެވެ.

އެބަޔާނުގައި ބުނެފައިވާ ގޮތުގައި ފާރިސް އަކީ އެކައުންސިލުން ނުހަނު އިޙްތިރާމް ކުރާ ފަރާތަކަށްވެފައި، މި އަދުގެ ސަރުކާރުން އެ ދާއިރާގެ ރައްޔިތުންނާއި ގުޅިވަޑައިގެން ކުރެވުނު ބުރަ މަސައްކަތުން އެ ދާއިރާގެ ގޮނޑި ފާރިސްއާ ޙަވާލުކުރީ ވަރަށް ބޮޑަށް އިތުބާރުކޮށް، ސަރުކާރުގެ ތެރެއިން އެކައުންސިލްގެ އުއްމީދުތައް ޙާސިލް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއިއެކުގައި ކަމަށެވެ.

ނަމަވެސް މިއަދު ފާރިސްގެ މަސައްކަތް ހުރި ގޮތަށް ވިސްނާއިރު، ކުރިއަށްވަޑައިގަންނަވަމުން ގެންދަވަނީ ދާއިރާގެ ރައްޔިތުންގެ އިހުސާސްތަކާއި ސީދާ ދެކޮޅަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"މަނިކުފާނު ސަރުކާރާއި ދެކޮޅަށް ތިކުރައްވާ މަސައްކަތްތައް ވަގުތުން ހުއްޓަވާލައްވައި ދާއިރާގެ ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް ސަރުކާރަށް އެއްބާރުލުން ދެއްވައި ދާއިރާގެ ރައްޔިތުންގެ ފިކުރާއި އިހްސާސްތަކާއި އެއްގޮތަށް މަޖިލީހުގައި މަސައްކަތް ކޮށްދެއްވުމަށް އިޚުލާސްތެރިކަމާއެކު ދަންނަވަމެވެ." ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެދާއިރާގެ ގޮނޑިޔެކޭ އެއްފަދައިން މިއަދުގެ ސަރުކާރަކީވެސް އެދާއިރާގެ ރައްޔިތުންގެ ނުހަނު ބުރަ އަދި މިންނެތް މަސައްކަތާއި ހިތްވަރުން ގެނެސްފައިވާ ސަރުކާރެއް ކަމަށާއި މި ސަރުކާރުން ދާއިރާއަށާއި މުޅި ގައުމަށް ގެނެސް ދެއްވަމުންދާ ތަރައްގީގައި ދާއިރާގެ މެންބަރުންގެ ބައިވެރިވުން ނެތުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.

 ވަކިން ޚާއްޞަކޮށް އިދިކޮޅުފަރާތްތަކާއި ގުޅިވަޑައިގެން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓް ނެންގެވުމަށް މިހާރު ކުރައްވާ މަސައްކަތަކީ އެއްގޮތަކަށްވެސް ޤަބޫލު ކުރާ ކަމެއްކަމުގައި ނުވާތީ، މި ފަދަ އެންމެހާ ކަންކަމުން ދުރަށް ޖެހިވަޑައިގެން އެކައުންސިލާއެކު މިއަދުގެ ސަރުކާރަށް އެއްބާރުލުންދެއްވައި ދާއިރާއަށް ތަރައްޤީ ގެނެސްދެއްވުމަށް މަސައްކަތްޕުޅު ފައްޓަވައި ދެއްވުމަށް އިލްތިމާސް ކުރާކަމަށް  ބަޔާނުގައި ބުނެފައިވެއެވެ.

ފާރިސް ކުރިން ވިދާޅުވެފައިވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓު ކައިރިވި ވަރަކަށް ކަންކަން ކުރިމތިވާނެ ކަމަށާއި އެކަމުގައި އެބޭފުޅާވެސް އިސްތިސްނާ ނުވާނެ ކަމަށެވެ. ނަމަވެސް ފަހަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި އިރާދަ ކުރެއްވިއްޔާ އެވޯޓު ކާމިޔާބު ކުރައްވާ ރައްޔިތުންގެ އަޑު އަހަން ސަރުކާރަށް ޖައްސަވާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް