ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 08:59
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އަލްޖަޒީރާ
ޓްރަމްޕް އަޒުލުކުރުން
ޓްރަމްޕް އަޒުލުކުރުމަށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވް އިން ނިންމައިފި
މިއީ އެމެރިކާގެ ތާރިޚުގައި ރައީސަކު އަޒުލު ކުރުމަށް ނިންމި 3 ވަނަ ފަހަރު
ބާރުގެ ބޭނުން ނަހަމަގޮތުގައި ހިއްޕެވި ކަމަށް ފާސްކޮށްފައިވަނީ 230 މެމްބަރުންގެ ވޯޓުން
ތަޙުޤީޤަށް ހުރަސް އެޅުއްވި މައްސަލަ ފާސްވީ 229 ވޯޓުން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރައީސް ކަމުން އަޒުލު ކުރުމަށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވް އިން ނިންމައިފިއެވެ.

ހައުސްއިން ޓްރަމްޕް ވެރިކަމުން ދުރުކުރުމަށް ހުށަހަޅާފައިވާ ދެ މައްސަލަވެސް ބުދަ ދުވަހު ފާސްކޮށްފައިވާއިރު، މިއީ އެމެރިކާގެ ތާރިޚުގައި ރައީސަކު އަޒުލު ކުރުމަށް ހައުސް އިން ނިންމި 3 ވަނަ ފަހަރެވެ.

އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ގެ މައްސަލައެއް ތަހުޤީޤުކުރެއްވުމަށް އެދިވަޑައިގަންނަވައި އެ މައްސަލަ ބެލުމަށް ޔޫކްރޭނަށް ޕްރެޝަރ ކުރުމުގެ ގޮތުން ޓްރަމްޕުވަނީ ޔޫކްރެއިނަށް ދިނުމަށް ކޮންގްރެސް އިން ފާސްކޮށްފައިވާ 400 މިލިއަން ޔޫއެސް ޑޮލަރުގެ އަސްކަރީ އެހީ ހިފަހައްޓާފަ އެވެ. އެގޮތުން ޓްރަމްޕުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގަނީ މިމައްސަލަ ތަހުޤީޤު ކުރަމުންދިޔައިރު ބާރު ބޭނުން ހިއްޕަވާ މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ތަހުޤީޤަށް ހުރަސް އެޅިކަމުގެ މައްސަލައިގައެވެ.

މި މައްސަލައާއި ގުޅިގެން ހައުސްގައި ނެގުނު ވޯޓުގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕެވި ކަމަށް ފާސްކޮށްފައިވަނީ 230 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެކަމާ ދެކޮޅަށް 197 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އޭގެ އިތުރުން، ތަޙުޤީޤަށް ހުރަސް އެޅުއްވި މައްސަލަ 229 ވޯޓުން ޓްރަމްޕާއި ދެކޮޅަށް ފާސްވެފައިވާއިރު، ޓްރަމްޕާއި އެއްކޮޅަށް 198 ވޯޓު ލިބިވަޑައިގެންފައިވެއެވެ.

ހައުސްއިން ޓްރަމްޕް އަޒުލުކުރުމަށް ނިންމި ނަމަވެސް ޓްރަމްޕް ވެރިކަމުން ވަކިވެގެންނެއް ނުދާނެއެވެ. އެއީ އަދި މިމައްސަލަ ސެނެޓަށް ދާނެތީއެވެ. އަންނަ މަހު ސެނެޓުގައި މިމައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ބާއްވާނެއެވެ. އެއަށްފަހު ޓްރަމްޕް ރައީސް ކަމުން ވަކިކުރުމުގެ ވޯޓު ނެގިގެންދާނެ އެވެ. ނަމަވެސް ސެނެޓް ކޮންޓްރޯލް ކުރަނީ ޓްރަމްޕް ނިޞްބަތްވާ ރިޕަބްލިކަން އިން ކަމަށްވާތީ ޓްރަމްޕް ރައީސް ކަމުން ވަކިކުރުމަށް ނަގާ ވޯޓު ޓްރަމްޕާ ދެކޮޅަށް ނިމިގެންދިޔުމަކީ ނާދިރު ކަމެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް