ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 19:23
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
މުހައްމަދު ޝަރުހާން
ޓްރަމްޕް
ޓްރަމްޕް ވެރިކަމުން އަޒުލުކުރުމުގެ ތާރީޚީ ވޯޓަށް ހައުސް ތައްޔާރުވެފައި
ހައުސް އިން ޓްރަމްގެ މައްޗަށް ވެރިކަމުން ދުރުކުރުމަށް ހުށަހަޅާފައިވާ ދެ މައްސަލަ ފާސްކުރާނެ ކަމަށް ވަނީ ބެލެވިފައި
ޓްރަމްޕް ރައީސް ކަމުން ވަކިކުރެވޭނީ ސެނެޓްގައި ނަގާ ވޯޓު ފާސްވެގެން
ޓްރަމްޕް ރައީސް ކަމުން ދުރުކުރުމުގެ މައްސަލާގައި އޭނާ އަންނަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ނުރުހުމުގެ ބަސްތައް ޓްވީޓް ކުރައްވަމުން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރައީސް ކަމުން އަޒުލު ކުރުމުގެ ތާރީޚީ ވޯޓު ނެގުމަށް ޔޫއެސް ހައުސް މިވަނީ ތައްޔާރުވެފަ އެވެ.

އިދިކޮޅު ޑިމޮކްރަޓިކް ޕާޓީން ކޮންޓްރޯލް ކުރާ ހައުސް އިން ޓްރަމްޕުގެ މައްޗަށް ވެރިކަމުން ދުރުކުރުމަށް ހުށަހަޅާފައިވާ ދެ މައްސަލަ ފާސްކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހު އެވެ.

ހައުސްއިން ޓްރަމްޕް ވެރިކަމުން ދުރުކުރުމަށް ހުށަހަޅާފައިވާ ދެ މައްސަލަ ފާސްކުރި ނަމަވެސް އަދި ޓްރަމްޕް ވެރިކަމުން ވަކިވެގެންނެއް ނުދާނެއެވެ. އެއީ އަދި މިމައްސަލަ ސެނެޓަށް ދާނެތީއެވެ. އަންނަ މަހު ސެނެޓުގައި މިމައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ބާއްވާނެއެވެ. އެއަށްފަހު ޓްރަމްޕް ރައީސް ކަމުން ވަކިކުރުމުގެ ވޯޓު ނެގިގެންދާނެ އެވެ. ނަމަވެސް ސެނެޓް ކޮންޓްރޯލް ކުރަނީ ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން އިން ކަމަށްވާތީ ޓްރަމްޕް ރައީސް ކަމުން ވަކިކުރުމަށް ނަގާ ވޯޓު ޓްރަމްޕާ ދެކޮޅަށް ނިމިގެންދިޔުމަކީ ނާދިރު ކަމެކެވެ.

ޓްރަމްޕް ރައީސް ކަމުން ދުރުކުރުމުގެ މައްސަލާގައި އޭނާ އަންނަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ނުރުހުމުގެ ބަސްތައް ޓްވީޓް ކުރައްވަމުންނެވެ. އެކަމަކީ ބޮޑު ޖޯކެއް ކަމަށާއި ކުރަން މިއުޅެނީ ބަޣާވާތެއް ކަމަށް ޓްރަމްޕް އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ހަ ޞަފުހާގެ ރުޅިވެރި ކަމުގެ ސިޓީ އެއް ޓްރަމްޕް ވަނީ ހައުސްގެ ސްޕީކަރ ނޭންސީ ޕެލޯސީ އަށް ފޮނުވާފަ އެވެ. މިސިޓީގައި އޭނާ ވިދާޅުވެފައިވަނީ ތަހުޤީޤުގެ ތެރޭގައި "ޤާނޫނުއަސާސީން ލިބިދޭ އެންމެ ޢަސާސީ ޙައްޤުތައް ބޭނުންކުރުމުގެ ފުރުޞަތު ވެސް ނުދިން" ކަމަށެވެ.

ނަމަވެސް ތަހުޤީޤުތައް ކުރިޔަށް ދިޔައިރު ޓްރަމްޕް ވަނީ ވައިޓް ހައުސްގެ އިސް ބައެއް ބޭފުޅުން ހެކިބަސް ދެއްވުން ހުއްޓުވާފަ އެވެ. އަދި ޓްރަމްޕްގެ ފަރާތުން ވަކީލެއް ފޮނުއްވުމާއި ހެކި ހުށައަޅުއްވަން ޑިމޮކްރެޓިކް ޕާޓީގެ ހައުސް ލީޑަޝިޕުން ދިން ފުރުޞަތުތަކުގެ ބޭނުން ވެސް ކުރައްވާފައެއްނުވެ އެވެ.

ޓްރަމްޕް ވެރިކަމުން ދުރުކުރަން ހުށަހަޅާފައިވަނީ ކޮން މައްސަލަތަކެއް؟

ޓްރަމްޕް ވެރިކަމުން ދުރުކުރުމުގެ މައްސަލަ ފެށިގެން އައީ ޔޫކްރެއިން ގެ ރައީސަށް ފޯނުން ގުޅުއްވާ އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ގެ މައްސަލައެއް ތަހުޤީޤުކުރެއްވުމަށް އެދިވަޑައިގެންނެވި ހިސާބުންނެވެ. ބައިޑަން ވަނީ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބަށް ނިކުންނަވަން ނިންމަވާފަ އެވެ. މިމައްސަލަ ބެލުމަށް ޔޫކްރޭނަށް ޕްރެޝަރ ކުރުމުގެ ގޮތުން ޓްރަމްޕުވަނީ ޔޫކްރެއިނަށް ދިނުމަށް ކޮންގްރެސް އިން ފާސްކޮށްފައިވާ 400 މިލިއަން ޔޫއެސް ޑޮލަރުގެ އަސްކަރީ އެހީވެސް ހިފަހައްޓާފަ އެވެ.

މިމައްސަލަ ތަހުޤީޤުކޮށްފައިވަނީ ހައުސްގެ ކޮމިޓީންނެވެ. ދެ މަސްދުވަހުގެ ތަހުޤީޤަށް ފަހު ތައްޔާރުކުރި 300 ޞަފުޙާގެ ރިޕޯޓް ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވާފައިވަނީ މި މަހުގެ ކުރީކޮޅު އެވެ. އޭގެ ފަހުން އިމްޕީޗްމަންޓް ލިޔުން ތައްޔާރުކުރުމަށް ޖުޑިޝަރީ ކޮމިޓީން ވަނީ އަޑުއެހުންތަކެއް ބާއްވައިފަ އެވެ. އެއަށްފަހު ކޮމިޓީން ވަނީ ރިޕޯޓް ޢާންމުކޮށްފަ އެވެ.

ދެން ޓްރަމްޕުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގަނީ މިމައްސަލަ ތަހުޤީޤު ކުރަމުންދިޔައިރު ބާރު ބޭނުން ހިތްޕަވާ މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ތަހުޤީޤަށް ހުރަސް އެޅިކަމުގެ މައްސަލަ އެވެ.

މަޤާމުން ދުރުކުރެވޭނީ ކިހިނެއް؟

އެމެރިކާގައި ރައީސަކު މަޤާމުން ދުރުކުރުމުގެ ކަންކަން ކުރިޔަށްދާނީ ދެ މަރުޙަލާއެއްގެ ތެރެއިންނެވެ. އޭގެ ފުރަތަމަ ބަޔަކީ ރައީސް ވެރިކަމުން ދުރުކުރުމެވެ. މި މަރުޙަލާގައި ކޮންގްރެސްގެ އެކި ކޮމިޓީތަކުން ތަހުޤީޤުކޮށް، ރައީސް އިމްޕީޗްކުރާ ސަބަބުތައް (އާޓިކަލްސް) ލި އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްސަލަ ހަ ކޮމިޓީއަކުން ވަނީ ތަހުޤީޤުކޮށްފަ އެވެ. އިމްޕީޗްމެންޓް އާޓިކަލްސް ތައްޔާރުކުރީ ޖުޑިޝަރީ ކޮމިޓީންނެވެ.

އެ އާޓިކަލްސްއަށް ކޮންގްރެސްގައި ވޯޓު ނަގައެވެ. އިމްޕީޗްމެންޓް ކާމިޔާބުކުރަން ބޭނުންވަނީ ސިމްޕަލް މެޖޯރިޓީއެކެވެ. މިހާރު ކޮންގްރެސް ކޮންޓްރޯލްކުރަނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ނެވެ. އެއީ 233 މެމްބަރުންނެވެ.

ވެރިކަމުން ދުރުކުރުމަށް ފަހު ދެން އެ މައްސަލަ ފޮނުވަނީ ސެނެޓަށެވެ. ސެނެޓުން ދެން ކުރިޔަށްގެންދާނީ ރައީސްގެ ޝަރީޢަތެވެ. އެކަމުގައި އިތުރު ހެކިން ހާޒިރުކޮށް ސުވާލުކޮށް، އިމްޕީޗްމެންޓް އާޓިކަލްސްގައި ހުރި ކަންކަން ރަނގަޅުތޯ، ނުރަނގަޅުތޯ ބެލުން ފަދަ ކަންކަން ކުރަމުންދާނެ އެވެ. ސެނެޓްގައި ރައީސްގެ ޝަރީޢަތް ކުރިއަށް ދާނީ، އޭރަކު ހުންނަވާ އެމެރިކާގެ އުއްތަމަ ފަނޑިޔާރު، ރިޔާސަތުގައި އިންނަވައިގެންނެވެ. މިހާރު އެމެރިކާގެ އުއްތަމަ ފަނޑިޔާރަކީ ޖޯން ރޮބަޓްސް އެވެ.

އެއަށްފަހު ސެނެޓުގައި ނަގާ ވޯޓުން ރައީސް ޓްރަމްޕް މަޤާމުން ދުރުކުރެވޭނީ ތިން ބައި ކުޅަ ދެ ބައި ވޯޓު (67 ވޯޓު) ލިބިގެންނެވެ. ސެނެޓުގައި ޑިމޮކްޓެރިކް ޕާޓީއަށް ނިޞްބަތްވަނީ 45 މެންބަރުންނެވެ. މިނިވަން ދެ މެންބަރުން ތިއްބަވައެވެ. ޓްރަމްޕް ނިޞްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ 53 މެންބަރުން ސެނެޓުގައި ތިއްބަވައެވެ.

މިހާތަނަށް އާއިރު އެމެރިކާގެ ދެ ރައީސުން މަޤާމުން ދޫކުރުމަށް ވަނީ ފާސްކޮށްފައެވެ. އެއީ 1868 ވަނަ އަހަރު އެންޑްރޫ ޖޯންސަން އާއި 1998 ވަނަ އަހަރު ބިލް ކްލިންޓަން އެވެ.

- ކޮމެންޓް
18 ޑިސެންބަރ 2019 | ބުދަ 19:54
? އެދުރު ހަސަން
⚒️ މިހިރަ ނުލަ ފާމީހާ .މަށައް ވޯޓު ލެވޭނަމަ މަވެސް ވޯޓު ދޭނަން ކަލޭ ވެރިކަމުން ދުރުކުރަން.