އިންޑިއާގެ މުސްލިމުން ހަވާސާވާ ގޮތަށް ފާސްކުރި ރަށްވެހިކަމުގެ ޤާނޫނާއެކު އިންޑިއާގައި ފެށި މުޒާހަރާތައް ހޫނުވެ އެކި ހިސާބުތަކަށް މުޒާހަރާ ފެތުރިއްޖެއެވެ.
އިންޑިއާގެ ރަށްވެހިކަމުގެ ޤާނޫނު ފާސްކުރުމާއެކު ފެށި މުޒާހަރާތައް ހޫނުވެ ނުރައްކާވާ ހިސާބަކަށް ގޮސްފައިވާ އިރު، މިހާތަނަށް ނުވަ ސްޓޭޓެއްގައި މުޒާހަރާތައް ވަނީ ހޫނުވެފައެވެ. މީގެ ތެރޭގައި ކޮލްކަޠާ، މުމްބާއީ، ޗެންނާއި، ހައިދަރްއާބާދު އަދި ވެރިކަން ކުރާ ނިއުދިއްލީ ހިމެނެއެވެ. މުޒާހަރާތައް ކުރަމުން ދަނީ ޔުނިވަރސިޓީގެ ކެމްޕަސްތައް ހިމެނޭ ޞަރަޙައްދުގައި ކަމަށް ބައިނަލްއަޤުވާމީ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މީގެ އިތުރުން އިންޑިއާގެ މުސްލިމުންގެ އާބާދީ އެންމެ ބޮޑު އައްސާމުގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ މިހާތަނަށް ފަސް މީހުން މަރުވެފައިވާ ކަމަށް އިންޑިއާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.
ނިއު ދިއްލީގައި ކުރަމުންދާ މުޒާހަރާތަކުގައި އެ ސިޓީގެ ޕްރިސްޓީޖަސް ޖާމިއާ މިލިއާ އިސްލާމިއާ ޔުނިވަރސިޓީގެ ދަރިވަރުންގެ ތެރެއިން 2000 އަށް ވުރެ ގިނަ ދަރިވަރުން ދަނީ ރަށްވެހިކަމުގެ ޤާނޫނާ ދެކޮޅަށް އަޑު އުފުލަމުންނެވެ. މި މުޒާހަރާގައި އެތައް ސަތޭކަ ބައިވެރިންނަށް އަނިޔާވެފައިވާ އިރު، ގިނަ ޢަދަދެއްގެ މީހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ. މި މުޒާހަރާތަކުގައި ޔުނިވަރސިޓީގެ ކޭމްޕަހަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް އެ ޔުނވަރސިޓީގެ ވައިސް ޗާންސެލަރު ނަޖުމާ އަޚުތަރު ވަނީ ވިދާޅުވެފައެވެ.
މުޒާހަރާ ކުރަމުންދާ ދަރިވަރުން ބުނެފައިވަނީ މުގުރުންނާއި ދަނޑިން މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށާއި، 200 އެއްހާ ދަރިވަރުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.
ނަމަވެސް މި ވާހަކަތައް ދޮގުކޮށް ދިއްލީގެ ފުލުހުން ބުނެފައިވަނީ މުޒާހަރާ ކުރަމުންދިޔަ ދަރިވަރުންނާ ދެކޮޅަށް ބާރުގެ ބޭނުން ނުކުރާ ކަމަށާއި މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް ބޭނުންކުރީ އެންމެ ކުޑަ ބާރު ކަމަށެވެ.
މި މަހުގެ ހަތަރުވަނަ ދުވަހު އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުން ފާސްކުރި ސިޓިޒަން އެމެންޑްމެންޓް ބިލު ނުވަތަ ރަށްވެހިކަމުގެ ޤާނޫނާއެކު އިންޑިއާގައި ދިރިއުޅެމުން އަންނަ 200 މިލިއަނެއްހާ މުސްލިމުންނަކީ އަމިއްލަ ޤައުމުގައި ޤަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބައެއް ކަމަށް ވުމުގެ ބިރު ވަނީ ހީވާން ފަށާފައެވެ.
މިއަހަރުގެ ކުރީ ކޮޅުގައި ކަމާބެހާ ފަރާތްތަކުން ވަނީ އުތުރު އިންޑިއާގައި އޮންނަ އައްސާމް ސްޓޭޓުގެ ރަށްވެހިންގެ އެންމެ ފަހުގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް ވެސް ޢާންމުކޮށްފައެވެ. އައްސާމަކީ އިންޑިއާގެ އެންމެ ގިނަ މުސްލިމުން ދިރިއުޅެމުން އަންނަ ރަށެވެ. އެތަނުގައި އެކަނިވެސް 30 މިލިއަން މީހުން އުޅެއެވެ. އަދި އިންޑިއާގެ ރަށްވެހިކަން ކަށަވަރު ކުރުމަށް 1971 ވަނަ އަހަރުގެ މާރޗް 24 ވަނަ ދުވަހުގެ ކުރިން އިންޑިއާއަށް އެތެރެވި ކަން ހެއްކާއެކު ސަރުކާރަށް ދައްކަން ޖެހެއެވެ. މި ތާރީޚަކީ އިންޑިއާގެ އަވަށްޓެރި ބަންގުލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމަ ފެށިތާ ކުރީ ކޮޅެވެ. ރަސްމީކޮށް ރަޖިސްޓްރީގެ ކަންކަން ފެށިފަހުން އައްސާމް ސްޓޭޓުގައި އެކަނި ވެސް 1.9 މިލިއަން މީހުން އަތުގައި ޞައްޙަ ލިޔެކިޔުންތައް ނެތްކަން ވަނީ ހާމަވެފައެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާގެ ހިންދޫ ރަށްވެހިން ވަނީ ބަންގުލަދޭޝުން އެތައް މިލިއަން މީހުންނެއް އިންޑިއާއަށް އެތެރެވެ ޤަވާއިދާ ޚިލާފަށް އިޤުތިޞާދީ މަސައްކަތް އައްސާމްގައި ކުރަމުންދާ ކަމަށް ބުނެ ތުހުމަތުގެ އިނގިލިތައް ދިށްކުރަމުންނެވެ. އަދި މިއީ އިންޑިއާއާއި ބަންގުލަދޭޝްގެ ބޯޑަރު ހިމެނޭ ޞަރަޙައްދު އައްސާމް ހިމެނޭ ގޮތަށް އިންޑިއާގެ ސިޔާސީ މަޞްރަޙުގައި ހޫނުވެފައިވާ އެންމެ ބޮޑު މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ.
1951 ގައި ނެޝަނަލް ރެޖިސްޓަރ އޮފް ސިޓިޒަންސް އެންއާރުސީ އައްސާމުގައި ވަނީ ޤަވާއިދާ ޚިލާފަށް އެތެރެވާ މީހުންގެ ބެލުމަށް ރަޖިސްޓްރީ އާކުރުމުގެ މަސައްކަތް ވެސް ކޮށްފައެވެ. ނަމަވެސް މިކަން މައްސަލައަކަށްވެ އައްސާމުގައި މީހުން ރަޖިސްޓްރީކުރަން ފެށި މައްސަލައަށް ފާޑުކިއުން ޢަމާޒުވެގެން ދިޔައެވެ. އަދި މިކަމުގެ ސަބަބުން އެތަކެއް އަހަރުތަކެއް ވަންދެން އައްސާމްގައި ދިރިއުޅެމުން އައި ބަންގާޅު ބަހުން ވާހަކަ ދައްކާ މުސްލިމުން އެ ރަށުން ބޭރުކުރުމުގެ ފުރުޞަތު ބޮޑުވެގެން ދާނެކަމަށް ފާޑުކިއުންތައް އަމާޒުވިއެވެ.
ނަމަވެސް އެންއާރުސީން ދެއްކީ އައްސާމްގައި ތިބި ބަންގާޅު ބަހުން ވާހަކަދައްކާ މުސްލިމުންގެ އިތުރުން އެކި ހިންދޫންގެ ދަރިފަސްކޮޅުގެ ބައިވަރު މީހުން ވެސް އައްސާމްގައި ތިބީ ޤަވާއިދާ ޚިލާފަށް ކަމެވެ.
ކަން މިހެން އޮތްނަމަވެސް އިންޑިއާގައި ދިރިއުޅެމުން އަންނަ އެތައް މިލިއަން މުސްލިމުންގެ ޙައްޤުތަކަށް އުނިކަން އަންނަ ގޮތަށް އިންޑިއާގެ މަޖިލީހުން ފާސްކުރި ރަށްވެހިކަމުގެ ބިލުގެ ދަށުން އެޤައުމުގައި ދިރިއުޅެމުން އަންނަ ޤަވާއިދާ ޚިލާފު އަދި ޤަވާއިދާ ޚިލާފު ނޫން ހިންދޫން، ސިކުން، ޖެއިން، ބުދިސްޓުން، ކްރިސްޓިއަނުން އަދި އެހެން ދީންތަކުގެ މީހުންގެ ތެރެއިން 2014 ޑިސެމްބަރު 31 ގެ ކުރިން އެޤައުމަށް އެތެރެވި މީހުންނަށް ރަށްވެހިކަން ލިބެއެވެ.
މި ބިލުގެ ދަށުން ވަކި ގޮތްތަކެއް ކަނޑައަޅާފައިވަނީ މުސްލިމުންނަށެވެ. އިންޑިއާގެ ސަރުކާރުން މިކަން ސާފުކޮށްދިނުމުގެ ގޮތުން ބުނެފައިވަނީ މުސްލިމުން މެޖޯރިޓީ އޮންނަ ޕާކިސްތާނާއި، ބަންގުލަދޭޝާއި، އަފްޢާނިސްތާނުގައި އެހެން ދީންތަކުގެ މީހުންނަށް ދީނީ ގޮތުން ދުއްތުރާތައް ކުރިމަތިވަމުންދާ ކަމަށެވެ.
މި ބިލާއެކު އިންޑިއާގެ މުސްލިމުން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބަޔަކަށް އަދި ޢައިރު މުސްލިމުންނަކީ ދީނީ އެކިއެކި ސަބަބުތަކާ ހެދި ހިޖުރަކޮށްފައިވާ ބައެއްގެ ގޮތުގައި ލޭބަލް ވެފައެވެ.