ކ. މާލެ
|
14 ޑިސެންބަރ 2019 | ހޮނިހިރު 18:54
ރަށްވެހިކަމުގެ ބިލާއި ގުޅިގެން އިންޑިއާގެ އައްސާމުގައި ކުރި މުޒާހަރާތަކުގެ ތެރެއިން ބައެއް އުޅަނދުތައް އަންދާލާފައި
ރަށްވެހިކަމުގެ ބިލާއި ގުޅިގެން އިންޑިއާގެ އައްސާމުގައި ކުރި މުޒާހަރާތަކުގެ ތެރެއިން ބައެއް އުޅަނދުތައް އަންދާލާފައި
ސީ.އެން.އެން
އިންޑިއާ
އިންޑިއާގެ މުސްލިމުން އަމިއްލަ ގައުމުގައި ގަވާއިދާ ހިލާފަށް އުޅޭ މީހުންނަށްވުމުގެ ބިރުވެރިކަމުގައި
200 މިލިއަނެއްހާ މުސްލިމުންނަކީ އަމިއްލަ ގައުމުގައި ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ބައެއް ކަމަށް ވުމުގެ ބިރު ވަނީ ހީވާން ފަށާފައި
އައްސާމުން އެކަނިވެސް 1.9 މިލިއަން މުސްލުމުންގެ އަތުގައި ސައްހަ ލިޔެކިޔުމެއް ނެތް

އިންޑިއާގައި ދާދިފަހުން ފާސްކުރި ރަށްވެހިކަމުގެ ޤާނޫނާއެކު، އިންޑިއާގައި ދިރިއުޅެމުން އަންނަ އެތައް މިލިއަން މުސްލިމުންނެއް އަމިއްލަ ޤައުމުގައި ޤަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބައެއްކަމުގައި ވެދާނެކަމުގެ ބިރު ބޮޑުވާން ފަށައިފިއެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުން ފާސްކުރި ސިޓިޒަން އެމެންޑްމެންޓް ބިލް ނުވަތަ ރަށްވެހިކަމުގެ ޤާނޫނާއެކު އިންޑިއާގައި ދިރިއުޅެމުން އަންނަ 200 މިލިއަނެއްހާ މުސްލިމުންނަކީ އަމިއްލަ ޤައުމުގައި ޤަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބައެއް ކަމަށް ވުމުގެ ބިރު ވަނީ ހީވާން ފަށާފައެވެ.

މިއަހަރުގެ ކުރީ ކޮޅުގައި ކަމާބެހާ ފަރާތްތަކުން ވަނީ އުތުރު އިންޑިއާގައި އޮންނަ އައްސާމް ސްޓޭޓުގެ ރަށްވެހިންގެ އެންމެ ފަހުގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް ވެސް ޢާންމުކޮށްފައެވެ. އައްސާމަކީ އިންޑިއާގެ އެންމެ ގިނަ މުސްލިމުން ދިރިއުޅެމުން އަންނަ ރަށެވެ. އެތަނުގައި އެކަނިވެސް 30 މިލިއަން މީހުން އުޅެއެވެ. އަދި އިންޑިއާގެ ރަށްވެހިކަން ކަށަވަރު ކުރުމަށް 1971 ވަނަ އަހަރުގެ މާރޗް 24 ވަނަ ދުވަހުގެ ކުރިން އިންޑިއާއަށް އެތެރެވި ކަން ހެއްކާއެކު ސަރުކާރަށް ދައްކަން ޖެހެއެވެ. މި ތާރީޚަކީ އިންޑިއާގެ އަވަށްޓެރި ބަންގުލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމަ ފެށިތާ ކުރީ ކޮޅެވެ. ރަސްމީކޮށް ރަޖިސްޓްރީގެ ކަންކަން ފެށިފަހުން އައްސާމް ސްޓޭޓުގައި އެކަނި ވެސް 1.9 މިލިއަން މީހުން އަތުގައި ޞައްޙަ ލިޔެކިޔުންތައް ނެތްކަން ވަނީ ހާމަވެފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާގެ ހިންދޫ ރަށްވެހިން ވަނީ ބަންގުލަދޭޝުން އެތައް މިލިއަން މީހުންނެއް އިންޑިއާއަށް އެތެރެވެ ޤަވާއިދާ ޚިލާފަށް އިޤުތިޞާދީ މަސައްކަތް އައްސާމްގައި ކުރަމުންދާ ކަމަށް ބުނެ ތުހުމަތުގެ އިނގިލިތައް ދިށްކުރަމުންނެވެ. އަދި މިއީ އިންޑިއާއާއި ބަންގުލަދޭޝްގެ ބޯޑަރު ހިމެނޭ ޞަރަޙައްދު އައްސާމް ހިމެނޭ ގޮތަށް އިންޑިއާގެ ސިޔާސީ މަޞްރަޙުގައި ހޫނުވެފައިވާ އެންމެ ބޮޑު މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ.

1951 ގައި ނެޝަނަލް ރެޖިސްޓަރ އޮފް ސިޓިޒަންސް އެންއާރުސީ އައްސާމުގައި ވަނީ ޤަވާއިދާ ޚިލާފަށް އެތެރެވާ މީހުންގެ ބެލުމަށް ރަޖިސްޓްރީ އާކުރުމުގެ މަސައްކަތް ވެސް ކޮށްފައެވެ. ނަމަވެސް މިކަން މައްސަލައަކަށްވެ އައްސާމުގައި މީހުން ރަޖިސްޓްރީކުރަން ފެށި މައްސަލައަށް ފާޑުކިއުން ޢަމާޒުވެގެން ދިޔައެވެ. އަދި މިކަމުގެ ސަބަބުން އެތަކެއް އަހަރުތަކެއް ވަންދެން އައްސާމްގައި ދިރިއުޅެމުން އައި ބަންގާޅު ބަހުން ވާހަކަ ދައްކާ މުސްލިމުން އެ ރަށުން ބޭރުކުރުމުގެ ފުރުޞަތު ބޮޑުވެގެން ދާނެކަމަށް ފާޑުކިއުންތައް އަމާޒުވިއެވެ.

ނަމަވެސް އެންއާރުސީން ދެއްކީ އައްސާމްގައި ތިބި ބަންގާޅު ބަހުން ވާހަކަދައްކާ މުސްލިމުންގެ އިތުރުން އެކި ހިންދޫންގެ ދަރިފަސްކޮޅުގެ ބައިވަރު މީހުން ވެސް އައްސާމްގައި ތިބީ ޤަވާއިދާ ޚިލާފަށް ކަމެވެ.

ކަން މިހެން އޮތްނަމަވެސް އިންޑިއާގައި ދިރިއުޅެމުން އަންނަ އެތައް މިލިއަން މުސްލިމުންގެ ޙައްޤުތަކަށް އުނިކަން އަންނަ ގޮތަށް އިންޑިއާގެ މަޖިލީހުން ފާސްކުރި ރަށްވެހިކަމުގެ ބިލުގެ ދަށުން އެޤައުމުގައި ދިރިއުޅެމުން އަންނަ ޤަވާއިދާ ޚިލާފު އަދި ޤަވާއިދާ ޚިލާފު ނޫން ހިންދޫން، ސިކުން، ޖެއިން، ބުދިސްޓުން، ކްރިސްޓިއަނުން އަދި އެހެން ދީންތަކުގެ މީހުންގެ ތެރެއިން 2014 ޑިސެމްބަރު 31 ގެ ކުރިން އެޤައުމަށް އެތެރެވި މީހުންނަށް ރަށްވެހިކަން ލިބެއެވެ.

މި ބިލުގެ ދަށުން ވަކި ގޮތްތަކެއް ކަނޑައަޅާފައިވަނީ މުސްލިމުންނަށެވެ. އިންޑިއާގެ ސަރުކާރުން މިކަން ސާފުކޮށްދިނުމުގެ ގޮތުން ބުނެފައިވަނީ މުސްލިމުން މެޖޯރިޓީ އޮންނަ ޕާކިސްތާނާއި، ބަންގުލަދޭޝާއި، އަފްޢާނިސްތާނުގައި އެހެން ދީންތަކުގެ މީހުންނަށް ދީނީ ގޮތުން ދުއްތުރާތައް ކުރިމަތިވަމުންދާ ކަމަށެވެ.

ރަށްވެހިކަމުގެ ބިލާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެންމެ އަރިސް އެކަކު އަދި ސަރުކާރުގެ އެންމެ ބާރުގަދަ އެއް މިނިސްޓަރުކަމުގައިވާ ހޯމް މިނިސްޓަރ އަމިތު ޝާހު ވަނީ ހިންދޫންގެ ތެރެއިން އެޤައުމަށް ހިޖުރަކުރި އެކަކުވެސް ދާން ނުޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި ޤަވާއިދާ ޚިލާފަށް ވަދެގަނެގެން އުޅޭ އެކަކުވެސް ނުބަހައްޓާނެކަމަށް ވިދާޅުވެފައެވެ.

މި ބިލާއެކު އިންޑިއާގެ މުސްލިމުން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބަޔަކަށް އަދި ޢައިރު މުސްލިމުންނަކީ ދީނީ އެކިއެކި ސަބަބުތަކާ ހެދި ހިޖުރަކޮށްފައިވާ ބައެއްގެ ގޮތުގައި ލޭބަލް ވެފައެވެ.

- ކޮމެންޓް